އިބުރަތްތެރި ވާހަކަ
ރޮހިންޖާ މުސްލިމުންގެ ބަޠަލެއް

ނޯޓް: މިއީ 2015 ވަނަ އަހަރު އަސޭކަރަ (އިންޑޮނޭޝީޔާ)ގައި ހިނގާފައިވާ ޙަޤީޤީ ޙާދިޘާއެއް ދިވެހި ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނުމަށްޓަކާ ކުރެވިފައިވާ މަސައްކަތެކެވެ. ރޮހިންޖާ މުސްލިމުންގެ ޙާލަތު ދައްކުވައިދޭ މިވާހަކައަކީ، ޢިބުރަތް ޙާޞިލްކޮށް އަމިއްލަ ދިރިއުޅުމާމެދު ޝުކުރުވެރިކަމުގެ ނަޒަރަކުން ދެކި، އިންސާނިއްޔަތަށްޓަކާ ޤުރުބާނީދޭން ހިތްވަރުދޭނެ ވާހަކައެއް ކަމަށް އުއްމީދުކުރަމެވެ.

ޔޫސުފަކީ އަސޭކަރައިގެ ނިކަމެތި ރައްޔިތެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. މާތް ރަސްކަލާނގެ ދެއްވި ކަނޑުރޯއްޖަކުން އަނބިދަރިންގެ ބަނޑުފުރާނަ މުއްތިކުރުމަށްފަހު ބާކީވާ އެތިކޮޅު ވިއްކައިގެން ދިރިއުޅުން ކިރިޔާ ދެކޮޅު ޖެއްސޭވަރަށް އާމްދަނީއެއް ލިބެއެވެ. ރަނގަޅެވެ. ޔޫސުފުގެ ދިރިއުޅުން ދައްޗެވެ. ނަމަވެސް، އޭނާއަކީ އަބަދުވެސް މާތް ރަސްކަލާނގެއާ ވަކީލުކޮށްގެން އުޅޭ މީހެކެވެ. އެކަލާނގެއަށް އިޚްލާޞްތެރިވެއްޖެނަމަ، އެމީހަކަށް ދެރަގޮތެއް ނުލިބޭނެކަން ޔޫސުފް ޤަބޫލުކުރެއެވެ.

ޔޫސުފްގެ ޙަޔާތުން އެއްދުވަހެކެވެ. މިއަދުވެސް ފަތިހު ފަތިހާ ފަތިސް ނަމާދުކޮށްލައިގެން އޭނާ ކަނޑުމައްޗަށް ނުކުތީ މަޖްބޫރުވެގެންނެވެ. ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފޫބެއްދުމަށް މާތް ރަސްކަލާނގެ ވަޖުހުފުޅު އަދައިގެން ހިއްމަތާއެކު ކުރާ މަސައްކަތަށް އަޖުރުދެއްވާތޯ އެއުއްމީދުގައެވެ. ކަނޑު ކިތަންމެ ގަދަޔަސް މިނޫން ގޮތަކަށް ލާރި ލިބެން ނެތުމުން ދެން ޖެހޭނީ ނުރައްކާތެރި މާސިންގާ ކަނޑަށްވެސް ނުކުންނަން ނޫންތޯއެވެ؟

އެކަނިމާއެކަނި ކުޑަދޯނި ގަނޑު އައްސޭރިފަށާ މާދުރުނޫން ހިސާބެއްގައި ދުއްވާލަ ދުއްވާލާ އިނެވެ. މާރަނގަޅަށް މަސްވެރިކަން ވާގޮތެއް ނުވިއެވެ. ކުރާނެކަމެއް ނެތެވެ. ކުޑަ މަންޖެ އިސްކޫލަށް ކުރަން ޖެހޭ ޚަރަދު ކުރުމަށް ކޮންމެހެންވެސް މިއަދު މަސްކޮޅެއް ބާނަން ޖެހެއެވެ. ކަނޑު މަޑުއިރު ރައްކާކުރި ހިއްކި މަސްކޮޅުވެސް ގެއިން ހުސްވަނީއެވެ. އެހެންކަމުން، ގަދަފަދަ މާ ސިންގާ ކަނޑުގެ ތެރެއަށް ޔޫސުފް ނުކުމެގެން އެދިޔައީ އެކުޑަކުޑަ ދޯނި ގަނޑުގައި އެކަނިމާ އެކަންޏެވެ. މާކަނޑު ކީއްކުރަންތޯއެވެ؟ އައްސޭރިފަށުގައިވެސް އެއްވެސް މަސްވެރިއެއް ނުވަތަ އެހެންވެސް މީހެއްގެ ހިލަމެއް މިއަދު ނެތެވެ.

މާސިންގާ ކަނޑުން ބޭނޭނީ ގޮނޑުދޮށުން ބޭނޭ މަސްމަހާ ތަފާތު މަސްމަހެވެ. އެމަސް ބާނަން ބޭނުންކުރަން ޖެހެނީވެސް ތަފާތު އާލާތްތަކެކެވެ. އެހެންކަމުން، މާކަނޑުގެ ރާޅުތަކުގެ ތެރޭގައި އޮޔާއި އެއްކޮޅަށް ދޯނި ބަހައްޓާލާފައި، ޔޫސުފްވެސް ތައްޔާރުވެލީ މިކަނޑުގެ މަހަށް ކަމުދާނެ ފިލި ތައްޔާރުކުރުމަށެވެ. އެންމެ ކައިރި ވަތުގެ ތެރެއިން ތަންކޮޅެއް ހެޔޮވަރުގެ ނަނެއް ނަގާ ބުޅިން ދަބަރު ކަހާ، ފިލިކޮޅެއް ލުމަށްފަހު، ކަނޑުގެތެރެއަށް ފިލިކޮޅު އެއްލަން އިސްއުފުލާލި ދަނޑިވަޅުގައި ޔޫސުފަށް ފެނުނީ އަދި މިއަދު މިތަނުން ފެންނާނެކަމަށް އުއްމީދުކުރި މަންޒަރެއް ނޫނެވެ.

ރަށާ އިދިކޮޅުން އުދަރެސް މަތިން އެފެންނަނީ އެހެންޏާ ބައްތެއްޔެކެވެ. ނުވަތަ ބޮޑު ނަވެކެވެ. އެ އެއްޗެއް އޮތް ދުރުކަމުން އެއީ ސީދާ ކޯއްޗެއްކަމެއް ޔަޤީންކުރެވޭކަށް ނެތެވެ. މަސްވެރިންތަކަކަށްވެސް ވެދާނެއެވެ. ނަމަވެސް ރަށުން މިއަދު މާގިނަ ބަޔަކު މަހަށް ނުކުމެއެއް ނޫޅެއެވެ. ކަނޑުފޭރޭ ބަޔަކަށްވެސް ވެދާނެއެވެ. ނަމަވެސް މި މޫސުމުގައި މިހިސާބުގައި ކީއްކުރަނީ ހެއްޔެވެ؟

އެއީ ކޯއްޗެއްތޯ ބަލާލުމުގެ ޝައުޤުވެރިކަމުގައި ޔޫސުފް އެދިމާއަށް ދޯނި ބަހައްޓާލިއެވެ. ގާތްގަނޑަކަށް އެއީ 5 ވަރަކަށް މޭލު ދުރެވެ. ޔޫސުފް ނުކުތް ރަށާ 7 ވަރަކަށް މޭލުދުރަށް ދާން ޖެހުނީއެވެ. ދޯނި ކައިރިވާވަރަކަށް މިވެގެން އުޅޭގޮތް ސާފުވާން ފަށައިފިއެވެ. އެއީ ކަނޑުފޭރޭ ބައެއް ނޫނެވެ. އަދި މަސްވެރިބައެއްވެސް ނޫނެވެ. އެއީ ކަނޑުމަތީގައި ހާލުގައި ޖެހިފައިތިބި ބައެކެވެ. ބައެކޭ ބުންޏަސް މަދު ޢަދަދެއް ނޫނެވެ. އެދޯނި ފުރާ އެތިބީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. ފިރިހެނުންތައް އެތިބީ އެދޯނީގެ ހިޔާގަނޑު މައްޗަށާއި ގެގަނޑުމައްޗަށް އަރާފައެވެ. ހީވަނީ އިންސާނުން އަޅާ ބަރާކޮށްފައި އޮތް ފަރުބަދަ ފަޅިއެއް ކަނޑުން ހިއްލާލާފައި އޮތް ހެންނެވެ.

ޔޫސުފަށް މިވެގެން އުޅޭ ގޮތް އެނގިއްޖެއެވެ. އެދޯނީގައި އެތިބަ މީހުންގެ މޫނުމަތިން އެއީ ކޮން ބައެއްކަން ޔޫސުފަށް އެނގިއްޖެއެވެ. އެއީ އަވަށްޓެރި ބަރުމާގެ އައްސޭރިފަށުގައި އުޅޭ ރޮހިންޖާ މުސްލިމުންގެ ބައެކެވެ. އެއުޅެނީ އެމީހުންގެ ވަޒަނުގައި ތަޙައްމަލުކުރަންޖެހިފައިވާ އަނިޔާވެރިކަމާއި ވޭނުން ސަލާމަތްވާނެ މަންޒިލެއް ހޯދަން ނުކުމެއެވެ. އެއީވެސް، ޔޫސުފް ފަދަ ނިކަމެތި މުސްލިމް އަޚުންނާއި އުޚުތުންތަކެއް ކަމަށް ވާތީ، އަދި އިހުނަށްވުރެވެސް ބާރު ދުވެއްޔެއްގައި ދޯނި އެދިމާއަށް ދުއްވާލިއެވެ. “ރޮހިންޖާގެ އަޚުންނޭވެ. އަހުރެން މިހުރީއެވެ.” ބުނެވުނު ކަހަލައެވެ.

އެމީހުންނާ ކައިރި ކޮށްލިއިރު ހީކުރި ވަރަށް ވުރެ ޙާލަތު ގޯހެވެ. ދޯނީގެ އިންޖީނު ވަނީ ހަލާކުވެފައެވެ. އޮޔާ ދޯނި ދަނީ ހައްތަހާ އައްސޭރިފަށާ ދުރަށެވެ. ކަނޑުމަތީގައި 3 ސައްތައެއްހާ މީހުން ތިބޭތާ ހަމަގައިމުވެސް ދެތިންދުވަސްވާނެއެވެ. އެ އެންމެންނަށް ފުދޭވަރަކަށް ކާނާއާއި ސާފު ބޯފެނެއް ނެތެވެ. ގިނަ މީހުން ތިބީ އޮރިޔާންވެސް ނިވާކޮށްލާނެހާ އެތިކޮޅެއް ނެތިއެވެ. ބަނޑުހައިވެގެން ކުޑަކުދިންތައް ރޯނީއެވެ. އަންހެނުންތައް އަޑުން އަޑުނަގާ “ހޭ ﷲ، ހޭ ﷲ” އޭ ގޮވަމުންދެއެވެ.

ޔޫސުފްގެ ހިތަށް ފުން އަސަރެއް ކޮށްފިއެވެ. އަދި ދުނިޔޭގައި އަހަރެން ނޫނަސް ނިކަމެތި ދަތި ދިރިއުޅުން އުޅޭ މީހުން އުޅޭކަން އޭނާއަށް ހަމަލޮލުން ފެނިއްޖެއެވެ. ނަމަވެސް އެމީހުންވެސް އެހީއަށްއެދި އެގޮވަމުންދަނީ ކަނޑުމަތިންވެސް، އެއްގަމުންވެސް އެހީދެއްވާ ހަމައެކަނި އިލާހުގެ ޙަޟްރަތުގައެވެ. ކުރަންވީ ކަންތައް ޔޫސުފަށް ވިސްނުނީ ދެނެވެ. އަވަހަށް އިންޑޮނޭޝިޔާގެ ކޯސްޓްގާރޑަށް ޓޯކީކޮށްފިއެވެ. ﷲ އިރާދަކުރައްވައިގެން މިއަޚުންކޮޅު ކަނޑުގެ ޝިކާރައަކަށް ނުވެ މިސަލާމަތްވީއޭ ޔޫސުފް ހިތަށް އެރިއެވެ.

އެތައް އިރެއް ވަންދެން ޔޫސުފްވެސް އެބޯޓު ކައިރީގައި މަޑުކުރިއެވެ. ކޯސްޓްގާޑުގެ ހިލަމެއް ނުވިއެވެ. އަނެއްކާވެސް ގުޅައިފިއެވެ. ނަމަވެސް އެންމެ އަވަހަށްވެސް ކޯސްޓްގާޑަށް އާދެވެން 12 ވަރަކަށް ގަޑިއިރު ނަގައެވެ. ޔޫސުފް ހިތުގައި ޖެހުނެވެ. ކުރިމަތިން އެފެންނަ ނިކަމެތިން އެކުރަމުންދާ ދުޢާތަކާއި އާދޭސްތައް އޭނާއަށް އެބަ އަޑުއިވެއެވެ. އަމިއްލައަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތެވެ. އެހާ އިރުވަންދެން އެ އެންމެންގެ ޙާލު ސީރިއަސްވެގެންދާނެ ވަރު ޔޫސުފަށް ތަސައްވަރުކޮށްލަންވެސް ދައްޗެވެ. މިހާރުވެސް ތަޙައްމަލުކުރާ ވޭން ކުޑައީކީ ނޫނެވެ.

ނަމަވެސް އެއަޚުންނަށްޓަކާކޮށްދޭނީވެސް ވަކިކޮންކަމެއް ހެއްޔެވެ؟ ކަފަޖަހައިގެން ގެންދެވޭ ވަރަށްވުރެ ޔޫސުފްގެ ދޯންޏާ އަޅާބަލާއިރު އެބޯޓު ބޮޑެވެ. އެއެންމެން އެރުވޭ ވަރަށްވުރެ ޔޫސުފްގެ ދޯނިވެސް މާކުޑައެވެ. އެއަށް އެރުވުނަސް އެރުވޭނީ އެންމެ 50 އަކަށް މީހުންނެވެ. ކޯސްޓްގާޑަށް އިންތިޒާރުކުރުން ނޫންގޮތެއް ނެތީ ހެއްޔެވެ؟

އެންމެފަހުން، ޔޫސުފް ނިންމީ އޭނާގެ ކުޑަދޯނި ގަނޑަށް އެރުވުނު ވަރަކަށް މީހުން އަރުވައިގެން ސަލާމަތުގެ އައްސޭރިއަށް މީހުން ގެންދާށެވެ. އެހެންކަމުން 48 ވަރަކަށް މީހުން އެދޯނިގަނޑަށް އަރުވައިގެން ރަށާދިމާއަށް ޔޫސުފް ދަތުރުފަށައިފިއެވެ. ގަޑިއިރެއްގެ ދަތުރަށްފަހު، ދޯނީގައި ގެނައި ރެފިޔުޖީންނަށް 3 ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް ހިކިފަސްތަނެއް އެފެނުނީ އަދިކިރިޔާއެވެ. ބުދިސްޓުންގެ ދުއްތުރާތަކުން ވީއްލި، އަމާންކަމާއި މިނިވަންކަމުގެ އިޙްސާސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެކުރެވުނީ ޢުމުރުގައި އަލަށެވެ. އެއްބަޔަކު ކަކޫ މައްޗަށް ތިރިވެ ދެއަތް ނަގާ ދުޢާކުރަނީއެވެ. އަނެއް ބަޔަކު ތިރިވީ ޝުކުރުގެ ސަޖިދައަށެވެ. ޔޫސުފަށް ލިބުނީ އިންސާނިއްޔަތު ދިރުވުނު ކަމުގެ ފޮނި އިޙްސާސެވެ.

އަނެއްކާވެސް އޭނާ ދަތުރުފެށީ އެބޯޓު ހޯދުމަށެވެ. އަނެއްކާވެސް ދޯނި ފުރާ ސަލާމަތްކުރެވޭ ވަރަކަށް މީހުން ސަލާމަތް ކުރުމަށެވެ. ކޮންމެ ފަހަރަކުވެސް އެކަނިމާއެކަނި އަނބުރާ ބޯޓު ދޮށަށްދަނީ، ސަލާމަތްކުރެވޭ މީސްކޮޅުގެ ދަރިންނާއި އަޚުންނާއި އުޚުތުން ބޯޓުގައި ތިބެ އަޅާނެ ކަރުނަ ފޮހެދިނުމުގެ ނިޔަތުގައެވެ. މިގޮތަށް ޔޫސުފް 7 ދަތުރު ދެކޮޅަށް ކުރިއެވެ. ޖުމުލަ 14 ގަޑިއިރުގެ ދަތުރު ނިންމާލާ އެންމެން ސަލާމަތްކުރެވުނު އިރު، އުދަރެހުން އިރު އޮއްސި މުޅި ފަޒާތެރެވަނީ އަނދިރިކޮށްލާފައެވެ. ޔޫސުފަށް ލިބުނު ހިތްހަމަޖެހުމަކީ، އޭނާ ފަދަ އަޚުންތަކެއް ސަލާމަތްކުރެވުމުގެ ހިތްހަމަ ޖެހުމެވެ. ބަދަލުގައި މިދުނިޔެމަތީން އެކައްޗެއްވެސް އޭނާ ނޭދެއެވެ. އެމީހުންނަށް އޭގެ ބަދަލު ނުދެވޭނެކަންވެސް ޔޫސުފަށް އެނގެއެވެ. އޭނާ އަޖުރަށް އުއްމީދުކުރަނީ ހަމައެކަނި ﷲގެ ޙަޟްރަތުންނެވެ.

ޔޫސުފްގެ މި ހިތްވަރުގަދަ ޢަމަލަށް ހަފްތާއެއްވެސް ނުވަނީސް އޭނާއަށް އިމްތިޙާނެއް ކުރިމަތިވިއެވެ. އޭނާގެ އެއްކަލަ ދޯނިގަނޑު ގަދަކަނޑުގައި ވަދާނުކުމެ އުޅެނިކޮށް ރުޅިއައިސް އުތުރިއެރި ރާޅުތަކުގެ ތެރެއަށް ގެނބިގެންދިޔައީއެވެ. އޭނާއަށް ހަމައެކަނި އާމްދަނީ ލިބޭނެ މަގު ބަންދުވީއެވެ. އައު ދޯންޏެއް ހޯދަން ޖެހުނީއެވެ. އޭނާ ސަލާމަތްކުރި ރޮހިންޖާ މީހުންގެ އަތުން ކުޑަ ބަދަލެއް ނެގުމަށް ރައްޓެހިންގެ ތެރެއިން އެތައް ބަޔަކު އޭނާއަށް ޚިޔާލުދިނެވެ. ނަމަވެސް އޭނާ އެކަމަކާ އެއްބަހެއް ނުވިއެވެ. އެއީ އޭނާއަށްވުރެވެސް ނިކަމެތި ޙާލެއްގައި އުޅޭ ބައެއްކަމުން އެމީހުންނަށް އެހީވާންވީ އޭނާކަމުގައި ޔޫސުފް ދެކުނެވެ. އެހެންކަމުން، ﷲއަށް ވަކީލުކޮށްލައިގެން ދެންކުރާނެކަމަކަށް ފިކުރުކޮށްކޮށް އޭނާ ހުރީއެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހެވެ. އިނގިރޭސިވިލާތުގެ ހިލޭއެހީދޭ މުސްލިމް ޖަމާޢަތެއް ރޮހިންޖާގެ ރެފިޔުޖީންނަށް އެހީވާން އެރަށަށް ޒިޔާރަތްކުރިއެވެ. އެމީހުން އެހީބަހަން އުޅުމުގައި، ރޮހިންޖާ މީހުން ބަޠަލެއްގެ ވާހަކަ ދައްކާތީ އެމީހުންގެ ސަމާލުކަން އެކަމަށް ދަމައިގަތެވެ. އެކަމެއްގެ ޚަބަރު އެމީހުން ހޯދިއެވެ. އަދި ނިކަމެތި ޔޫސުފްއާ ބައްދަލުކޮށް އޭނާގެ ހިތްވަރުގަދަ ޢަމަލުގެ ވާހަކަ މީޑިޔާއަށް ޢާއްމުކުރިއެވެ. އަދި ޔޫސުފަށް މަސްދޯންޏެއް ހޯދައިދިނުމަށް ފަންޑުރެއިޒްކޮށް އޭނާއަށް 5000 ޕައުންޑްވެސް ހަދިޔާކުރިއެވެ. ޔޫސުފަށް ލިބުނު އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ. އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ އަޅުންނަށް ހީވެސް ނުކުރާ ކަހަލަ ގޮތްގޮތުން ﷲ ރިޒުޤުދެއްވާނެކަން ޔޫސުފަށް ޔަޤީންވިއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއީ މީގެ 2 އަހަރު ކުރިން 2015 ވަނަ އަހަރުގެ ޙާދިޘާއެކެވެ. އަދިވެސް ރޮހިންޖާ މުސްލިމުންގެ އެތައް އަވަށެއްގެ ރައްވެހީން އުޅެމުންދަނީ މިފަދަ ހިތްދަތި ދިރިއުޅުމެކެވެ. މިއަދު ތިބާއަކީވެސް އެމީހުންގެ ބަޠަލަކަށް ވެވިދާނެއެވެ. އެމީހުންނަށް އެހީވާނެ މަގުތައް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އެއޮތް ހުޅުވުނީއެވެ. އެފަދަ ކޮންމެވެސް ފަންޑަކަށް އިޚްލާޞްތެރިކަމާއެކު ފައިސާފޮއްޗެއް ލައްވާށެވެ. އެއީ ގެއްލެނިވެގެންދާނެ އެއްޗެއް ނޫނެވެ.

(ނިމުނީ)

0