މުޖުތަމަޢު
ތިބާގެ ”އަގު“

އެހެންމީހުންގެ ކުރިމަތީގައި ތިމާއަކީ އަގުހުރި މީހަކަށްވުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. މިކަމުގައި އެންމެހާ މީސްތަކުން ޝާމިލުވެގެންވެއެވެ. އެހެންނަމަވެސް އެކިމީހުން ނަފުސުގެ އަގު މަތިކުރަން މަސައްކަތްކުރާ ގޮތްތައް ތަފާތުވެގެންވެއެވެ. އެއްބަޔަކު އެބައިމީހުންގެ ބުރުސޫރައިގެ ރީތިކަމަށް އެހެންމީހުންގެ ތަޢުރީފުހޯދަން މަސައްކަތް ކުރާއިރު، އަނެއް ބަޔަކު މަސައްކަތްކުރަނީ އެބައިމީހުންގެ މިލްކިއްޔާތުގައިވާ ކާރުތަކާއި އެހެނިހެން ތަކެއްޗަށް މީހުންގެ މަދަހަ ސަނާ ހޯދާށެވެ. އަދި ބައެއް މީހުންގެ ގާތުގައި އެބައިމީހުންގެ ޤަދަރާއި ޢިއްޒަތްވަނީ ދިރިއުޅޭ ގޭގެ އުސްމިނާއި ޒަމާނީވަންތަކަމާއި ގުޅިފައެވެ. ނުވަތަ އޭނާގެ މާލީ ތަނަވަސްކަމާއި ގުޅިފައެވެ. ނުވަތަ އަދާކުރާ ވަޒީފާއާއި ގުޅިފައެވެ. އަނެއްބަޔަކު އެންމެ އިސްކަމެއްދެނީ ސޯޝަލް މީޑިއާގައި ލިބޭ ލައިކްސް ތައް އިތުރުކުރުމަށެވެ. ކޮންމެއަކަސް، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން އެބައިމީހުންގެ އަގު މިންކުރަނީ މިދެންނެވިފަދަ ގޮތްތަކަށެވެ. ތިބާގެ ކަންބޮޑުވުންތަކުގެ ބޮޑު ކުޑަމިންވެސް ބިނާވެފައިވަނީ މިދެންނެވި މިންގަނޑުތަކުގެ މައްޗަށެވެ. މިގޮތުން މުއްސަނދިވެގެން އެބައިމީހުންގެ ޤަދަރުމަތިކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ އާމްދަނީ މަދުވާނަމަ ސްޓްރެސްވާލެއް ބޮޑުވާނެއެވެ. މަޝްހޫރުވާން ބޭނުންވާ މީހަކަށް ލިބޭ ލައިކްސް މަދުވާން ފަށައިފިނަމަ، އޭނާގެ ހާސްވުން އިތުރުވާނެއެވެ.

އެހެންކަމުން ހާސްކަމާއި ކަންބޮޑުވުން ކުޑަކުރަން ބޭނުންނަމަ، މާއްދީ ތަކެއްޗާއި ތިބާގެ ޤަދަރާއި ޢިއްޒަތް ގުޅުވުމުން ދުރުވާން ޖެހެއެވެ.

މީސްތަކުންގެ ތަޢުރީފު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ؛ ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުންހިފައިގެން ތިބާގެ ވެރި ރައްބުގެ ރުއްސެވުން ހޯދަން މަސައްކަތްކުރާނަމަ މިދެންނެވިފަދަ  ކަންބޮޑުވުންތަކެއް ކުރިމައްޗެއް ނުވާނެއެވެ. މާލީ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން، މާތްﷲގެ މަގުގައި މުދާ ހޭދޮކޮށް އެއިލާހުގެ ރުއްސެވުމާއި މަޣްފިރަތުހޯދަންވީއެވެ. އެކަލާނގެ ދެއްވާފައިވާ ދުޅަހެޔޮކަމުގެ ބޭނުންކޮށް އަޅުކަމުގެ ހޭދަކުރެވޭ ވަގުތުތައް ގިނަކުރަންވީއެވެ.

ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދަން ބޭނުންވާ ފަރާތްތަކުން ހަނދާންކޮށްލަންވީ އަންނަނިވި ހަދީޘެވެ.

وما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه بينهم إلا نزلت عليهم السكينة، وغشيتهم الرحمة، وحفّتهم الملائكة، وذكرهم الله فيمن عنده

رواه مسلم

ެ. ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. (އެބަހީ: އެބައިމީހުންގެ މައްޗަށް ގިނަގުނަވެގެންވީ ރަޙުމަތް ލައްވައެވެ.) އަދި މަލާއިކަތްބޭކަލުން (މާތްކޮށް ހިއްތެވުމުގެ ގޮތުން) އެބައިމީހުން ވަށާލައްވައެވެ. އަދި ﷲތަޢާލާ، އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.

މާތް ﷲ ގެ ޒިކުރުކުރެވޭ މަޖިލިސް ތަކުގައި ބައިވެރިވުމުން ތިމާއަށް ލިބޭ ’ފޮލޯވަރސް‘ ގެ ޢަދަދު ، ވިޔަނުކުރެވޭހާ ގިނައެވެ. ﷲ ތަޢާލާގެ ޒިކުރުކުރުމުގައި ތިބާ މަޝްޣޫލްވުމުން ތިބާގެ ފޮލޯވަރސް ލިސްޓަށް އިތުރުވަނީ އުޑުތަކުގައިވާ މަލާއިކަތުންނެވެ.

الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ

މާނަ: “އެ މީހުންނަކީ އީމާންވެއްޖެ މީހުންނެވެ. އަދި. ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމުން، އެ މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭ މީހުންނެވެ. ދަންނައެ، ހިތްތަކަށް ހިތްހަމަޖެހުން ލިބެނީ ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމުންނެވެ.“(އައްރަޢްދު: 28)

 

ތިބާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުންކޮށް، ﷲ ގެ ރުއްސެވުން ހޯދަން މަސައްކަތްކުރަން ފެށުމުން، ތިބާގެ ހާސްވުންތައް ކުޑަވެ، ހިތަށް ތަސައްލީ ލިބިގެންދާނެއެވެ. އެކަލާނގެއީ އެންމެ އޯގާވަންތަ އަދި ހިސާބު ބެއްލަވުމުގައި އެންމެ ޢަދުލުވެރި ކަލާނގެއެވެ. އެއާއިޚިލާފަށް، ތިބާގެ ހުރިހާވެސް ވިސްނުމެއް ހުއްޓިފައިވަނީ މީސްތަކުންގެ ރުހުންހޯދުމަށް ކަމުގައިވަނީނަމަ، ތިބާ އަބަދުވެސް ވާނީ ދެމިގެންވާ ކަންބޮޑުވުމަކާއި ހާސްވުމެއްގެ ތެރޭގައެވެ.

ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެންމެ ތަޤްވާވެރިވީހާއެވެ.

ކަންމިހެން އޮތުމާއެކު، ބުއްދިވެރިންގެ ގޮތަކީ ޙަޔާތުން ފާއިތުވެދާ ކޮންމެ ދުވަހެއްގެ ހިސާބު އެދުވަހަކު ބަލައި، ކޮންމެ ދުވަހެއްގައިމެ ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމެވެ.

ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ. ހިނދުކޮޅެއްގެ ތަނެކެވެ.

أَلاَ أُخْبِرُكُمْ بِأَهْلِ الجَنَّةِ، كُلُّ ضَعِيفٍ مُتَضَعِّفٍ، لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ، أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ، كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ» [متفق عليه]
މާނައީ: “ސުވަރުގޭގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ނިކަމެތިންނެވެ. އަދި ނިކަމެތިކަމަށް މީސްތަކުން ދެކޭ ކޮންމެ މީހެކެވެ. އެހެނަސް އެއިން މީހަކު ﷲގަންދީ ހުވައެއްކޮށް (އެކަމެއް ވާނެކަމަށް ބުނެފިނަމަ، އެމީހަކަށް ހުރި ކަރާމަތެއްގެ ގޮތުން) އެބުނި ގޮތަށް ﷲ ތަޢާލާ އެކަން ފުއްދަވާ ދެއްވާ ހުއްޓެވެ. ނަރަކައިގެ އަހުލުވެރިންނާމެދު ތިޔަބޭކަލުންނަށް ޚަބަރު ނުދެއްވަންތޯއެވެ؟ އެއީ ހިތްހަރު ދޫނުބައި، މީސްތަކުންނަށް ހެޔޮ ނުފޯރުވާ، ބޮޑާވެރި ކޮންމެ މީހެކެވެ

 

މަޞްދަރު: އުސްތާޒު އަޙްމަދު އަލްޝުޤައިރީގެ ވީޑިއޯ ”من أين تجد قيمتك؟“

2