ނަޞޭޙަތާއި އިރުޝާދު
ޢަރަފާތް ދުވަހުގެ ތާވަލު މިއޮތީ

ޢަރަފާތް ދުވަހަކީ އާދައިގެ ދުވަހެއް ނޫނެވެ. ޢަރަފާތް ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. ޢަރަފާތް ދުވަހު މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިންނަވާނެ ކަމަށް އައިސްފައިވެއެވެ. ޢަރަފާތް ދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތި ކުރެވޭނެ ދުވަހެވެ. ޢަރަފާތް ދުވަހު ކުރެވޭ ދުޢާއަކީ އެންމެ މާތް އަދި އެންމެ މޮޅު އިތުރު ވެގެންވާ ދުޢާއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށްޓަކައި މަސައްކަތް ކުރި ގޮތަށް އަޅުގަނޑުމެން މި ދުވަހުގައި މަސައްކަތް ކުރަންވާނެއެވެ. އެހެނީ ލައިލަތުލްޤަދްރި ވިލޭރޭއަކީ އެންމެ މާތް ރެއެވެ. ޢަރަފާތް ދުވަހަކީ އެންމެ މާތް ދުވަހެވެ.

އެހެންކަމުން މި ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ވާނެއެވެ. ތިރީގައި މި ބަޔާން ކުރަނީ ޢަރާފާތް ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އެހީތެރިވެދޭނެ ޢަމަލީ ތާވަލެކެވެ.

 1. އެންމެ ފުރަތަކަމަކަށް ޢަރަފާތް ދުވަހު ހާރު ދަމު ހޭލަންވާނެއެވެ. އެއަށްފަހު ހާރުކައި ޢަރަފާތް ދުވަހު ރޯދައަށް ހުންނަން ނިޔަތް ގަންނާނީއެވެ. އެއަށްފަހު ނަމާދަށް ތައްޔާރުވެ ދަމުނާމަދުގެ ދެރަކުޢަތް ކޮށް ވިތުރި ކުރާނީއެވެ.
 2. ދެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ގޮސް އެވަގުތު ދުޢާ ކުރުމުގައި ހޭދަ ކުރާނީއެވެ. ބަންގި ގޮވުމުން ބަންގި ދުޢާ ކިޔައި، ފަތިސް ނަމާދުގެ އިހު ސުންނަތް ކުރާނީއެވެ. ދެން ޤަމަތް ދޭންދެން ދުޢާ ކުރާނީއެވެ. އެހެނީ ބަންގިއާއި ޤަމަތާ ދެމެދަކީ ދުޢާ އިޖާބަވުން ގާތް ވަގުތު ކޮޅެކެވެ.
 3. ފަތިސް ނަމާދުކޮށް ނިމުމުން ޒިކުރު ތަސްބީޙަ ކިޔައި، ހެނދުނުގެ ދުޢާތައް ކިޔުމާއި ޤުރްއާން ކިޔެވުމުގައި އިރު އަރަންދެން ހޭދަކުރާނީއެވެ. ނިދި އަންނަ ނަމަ މިސްކިތުގައި ކުޑަކޮށް ހިނގާލައި ނުވަތަ އިށީނދެގެން އިންތަން ބަދަލު ކޮށްލެވިދާނެއެވެ.
 4. އިރު އެރުމުން ގެއަށް ގޮސް އަރާމު ކޮށްލާނީއެވެ. ބޭނުންނަމަ ޟުޙާ ނަމާދު ކޮށްގެން ނިދިދާނެއެވެ. ނުވަތަ ނިދިން ހޭލުމަށްފަހު ކުރަން ވެސް ލަސްކޮށްލެވިދާނެއެވެ.
 5. ދެން މެންދުރު ވަގުތު ވުމުގެ ކުރިން ނަމާދަށް ތައްޔާރުވެ ބަންގީގެ ކުރިން މިސްކިތަށް ގޮސް ބަންގިގޮވަންދެން ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރާނީއެވެ. ރަވާތިބު ސުންނަތްތައް ކުރަން ހަނދާނުގައި ބަހައްޓަންވާނެއެވެ.
 6. މެންދުރު ނަމާދުކޮށް ނިމުމުން ޤުރްއާން ކިޔަވާ ދުޢާ ކުރުމަށް މަޑުކޮށްލަންވާނެއެވެ.
 7. އެއަށްފަހު ގޭގެ ކަންތައްތައް ކޮށްލާނީއެވެ. މި ހުރިހާ ވަގުތެއްގައި ވެސް ޒިކުރުގެ މަތީގައި ހުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. އަދި ގޭގެ ކަންތައްތައް ކުރާއިރުގައްޔާއި ބާޒާރު ކުރާއިރު ވެސް މިއީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރާކަމެއް ގޮތަށް ނިޔަތް ގަތުމަކީ އެންމެ މޮޅު ގޮތެވެ. އޭރުން އެކަންތައްތައް ވެސް ވާނީ އަޅުކަމަކެށެވެ.
 8. އަންހެން ކަނބަލުންނަށް މި ވަގުތުގައި ރޯދަ ވިއްލުމަށްޓަކައި ބައެއް އެއްޗެހި ތައްޔާރު ކޮށްލެވޭނެއެވެ. އަންހެން ކަންބަލުންވެސް ގޭގެ މަސައްކަތްތައް ކުރާއިރު މިއީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރާކަމެއް ގޮތަށް ނިޔަތް ގަތުމަކީ އެންމެ މޮޅު ގޮތެވެ. އޭރުން އެކަންތައްތައް ވެސް ވާނީ އަޅުކަމަކެށެވެ.
 9. އެއަށްފަހު އަޞްރު ނަމާދަށް ވެސް ކުރިން ގޮސް ކުރިން ކަންތައް ކުރި ގޮތައް ކަންތައް ކުރާނީއެވެ. ބަންގިއާއި ޤަމަތާ ދޭތެރޭ ހަމައެކަނި ދުޢާ ކުރުން އެއީ އެންމެ މޮޅު ގޮތެވެ.
 10. ނަމާދު ފަހުން ހަވީރުގެ ޒިކުރުތައް ކިޔައި ދުޢާ ކޮށް ޤުރްއާން ކިޔަވާނީއެވެ.
 11. އެންމެ ފަހުން، މަޣްރިބު ނަމާދަށް ތައްޔާރުވާނިއެވެ. މިސްކިތަށް ބަންގި ގޮވުމުގެ ކުރިން ދެވެން އޮތް ނަމަ މިސްކިތަށް ގޮސް އެވަގުތު ދުޢާ ކުރުން އެއީ އެންމެ މޮޅުގޮތެވެ. ދެން ބަންގި ގޮވުމުން މިސްކިތުން ރޯދަ ވީއްލައި ނަމާދަށްފަހު ގެއަށް ގޮސް ޢާއިލާ މިހުނާއެކު ކާނީއެވެ.

މިއީ އަޅުގަނޑު ތިބޭފުޅުންނަށް ހުށަހަޅައިލި ތާވަލެކެވެ. މީގައި އޮތްގޮތަށް ކޮންމެހެން ކަންތައް ކުރާކަށް ނުޖެހޭނެއެވެ. އެބޭފުޅުކަށް ފަސޭހަ ގޮތަކަށް ތާވަލަށް ބަދަލު ގެނެވޭނެއެވެ.

މުހިއްމު ކަމަކީ ޢަރަފާތު ދުވަހު ގިނަ ވަގުތު އަޅުކަންކުރުމާއި ދުޢާ ކުރުމުގައި ހޭދަ ކުރެވޭނެ ގޮތަށް ރާވާލުމެވެ. އަދި އެ ދުވަހު ކުރާނެ ދުޢާ ތަކެއް މިހާރުންސުރެ ތައްޔާރު ކުރަންވާނެއެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލުތައް ކުރަން ފަސޭހަކޮށްދެއްވާށި! އަދި އަޅަމެންގެ ކިބައިން އެ ޢަމަލުތައް ޤަބޫލު ކުރައްވާށި! އާމީން. والسلام.

 

74