ޚަބަރު
އިސްލާމީ އުންމަތް ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން: ހުކުރުޚުތުބާ

އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެންނެވެ.

މިހެންކަމުން، މި ކަންކަން ހަނދުމަކޮށް، ޢަޒުމާ އެކު، އުންމަތުގައި ވަރުގަދަ އިޞްލާޙީ މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ! އަމުދުން މިފެށިގެންދަނީ ޙައްޖު މަހުގެ މާތް ދުވަސްތަކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ، އެންމެ މުހިއްމު އަޅުކަންތައް އެއްވާ މާތް ދުވަސްތަކެވެ. ނަމާދާއި ރޯދައާއި ޙައްޖާއި ޞަދަޤާތާއި، اﷲ އަށްޓަކައި ޤުރުބާންކުރުން ފަދަ ކިތަންމެ ހެޔޮކަމެއް އެއްވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި އިސްތިޣުފާރުކުރުމާއި އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާކުރާށެވެ! ޚާއްޞަކޮށް، ޙައްޖު ގެ ދުވަސްވަރު، ޢަރަފާތު ދުވަހު، ފަލަސްޠީނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަލްމަސްޖިދުލްޙަރާމްގައި ނަމާދުކުރަމުންދާ އަޚުންނާއި އުޚްތުން ވެސް އަލްމަސްޖިދުލްއަޤްޞާ މަތިން ހަނދުމަކޮށް އެ ތަނަށް ޓަކައި ދުޢާކުރާށެވެ!

4