ނަޞޭޙަތާއި އިރުޝާދު
އަހަރަކު އެންމެ ދުވަހަކު ހުޅުވާ މިސްކިތެއްގެ ވާހަކަ

އަހަރަކު އެންމެ ދުވަހަކު ހުޅުވާ މިސްކިތެއް ސަޢުދީ ޢަރަބިއްޔާގައި ހުންނަކަން އެނގޭ ހެއްޔެވެ؟ އެއީ ނަމިރާ މިސްކިތެވެ. މައްކާގެ އެންމެ ފާހަގަކޮށްލެވޭ މަޢާލިމްތަކުގެ ތެރޭގައި މަސްޖިދުއްނަމިރާ ހިމެނެއެވެ. މަސްޖިދުއްނަމިރާއާއި ޙައްޖުގެ އަޅުކަމާއި ޚާއްސަ ގުޅުމެއްވެއެވެ. މަސްޖިދުއްނަމިރާ ހުންނަނީ ޢަރަފާތުބިމުގެ ހުޅަނގު ފަރާތުގައެވެ. މި މިސްކިތަށް މަސްޖިދު އިބްރާހީމް އަލްޚަލީލްއޭ ވެސް ކިޔެއެވެ. އިބްރާހީމް عليه السلام މި މިސްކިތްހުރި ސަރަޙައްދުގައި ނަމާދުކުރެއްވިކަމުގައި ތާރީޚީ ރިވާޔަތްތަކުގައި އައިސްފައިވެއެވެ. ޢަރަފާތު ދުވަހު ގިނަ ޢަދަދެއްގެ ޙައްޖުވެރިން މި މިސްކިތުގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ޤަޞްރުކުރެއެވެ. މިއީ އިސްލާމީ ތާރީޚުގެ އެންމެ ޤަދީމީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ. މި މިސްކިތާއި މައްކާއާއި ދޭތެރޭ ހުންނަނީ 21 ކިލޯމީޓަރެވެ. ހިޖުރީ ސަނަތުން 1400 ގެ ކުރީކޮޅުން ފެށިގެން މި މިސްކިތުގެ ސައިޒު އިތުރަށް ބޮޑުކުރުމުގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގިފައެވެ.
2023 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ޝައިޚް ނާޒިލް ވިދާޅުވެފައިވެއެވެ.
”ނަބިއްޔާ صلى الله عليه وسلم ޙައްޖުދުވަހުގެ ޚުޠުބާ ދެއްވަން ހުންނެވީ ވާދީ ނަމިރާގައެވެ. އެއީ ޢަރަފާތުގެ ބޭރެވެ. އެކަލޭގެފާނު ޢަރަފާތު ތެރެއަށް ވެދެވަޑައިގެންނެވީ މެންދުރާއި ޢަޞުރު ޢަރަފާތުން ބޭރުގައި ކުރައްވައި ޚުޠުބާ ދެއްވުމަށްފަހުއެވެ.
މިހާރުވެސް ނަމިރާ މިސްކިތުގައި ޚުޠުބާ ދެއްވާ އިމާމު ހުންނަވަނީ ޢަރަފާތުން ބޭރުގައެވެ. ނަމިރާ މިސްކިތުގެ ޤިބުލައާ ދިމާއިން ވާތުން ކަނާއަތަށް ބޮޑުވާ ގޮތަށް ޢިމާރާތް ކޮށްފައިވަނީ ޢަރަފާތުން ބޭރުގައެވެ. ޢަރަފާތުން ބޭރުގައިވާ ބައި ފާހަގަވާ ގޮތަށް މިސްކިތުގެ ތެރޭގައި ފެހި އަލިން ދިއްލައި އަދި ބޯޑުތައް ވެސް ޖަހާފައި ހުރެއެވެ.“

މިސްކިތުގެސައިޒު:

އިރުމަތިިން ހުޅަނގަށް: 340 މީޓަރު

ފުޅާމިން (އުތުރުން ދެކުނަށް): 240 މީޓަރު

ސަޢުދީ ޢަރަބިއްޔާގައި ހުރި އެންމެ ބޮޑު 3 މިސްކިތް

1. މަސްޖިދުލްޙަރާމް

2. މަސްޖިދުއްނަބަވީ

3. ނަމިރާ މިސްކިތް

މިސްކިތުގެ ޖާގަ:350000މީހުން

69