ނަޞޭޙަތާއި އިރުޝާދު
ކުރިން ދުވަހަކުވެސް ފައިބާވަޑައިނުގަންނަވާ މަލާއިކަތަކު ފައިބާވަޑައިގެން ދެއްވި އުފާވެރި ޚަބަރު

ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ.

(ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޖިބްރީލް عليه السلام އިށީނދެވަޑައިގެން އިންނަވަނިކޮށް މަތިން އަޑެއް އިވިވަޑައިގެންނެވިއެވެ. އެހިނދު ޖިބްރީލްގެފާނު މައްޗަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ.

”މިއީ މިއަދު އުޑުން ހުޅުވުނު ދޮރުކޮޅެކެވެ. މިއަދު މެނުވީ މީގެ ކުރިން ދުވަހަކުވެސް މިދޮރުކޮޅު ހުޅުވިފައި ނުވެއެވެ.“

ފަހެ އެދޮރުކޮޅުން މަލާއިކަތަކު ފައިބައިވަޑައިގެންފިއެވެ. (ޖިބްރީލްގެފާނު) ވިދާޅުވިއެވެ.

”މިއީ ބިމަށް ފައިބައިވަޑައިގަތް މަލާއިކަތެކެވެ. މިއަދު މެނުވީ މީގެ ކުރިން ދުވަހަކުވެސް އެބޭކަލަކު ބިމަށް ފައިބައިވަޑައިގެންފައެއް ނުވެއެވެ.“

ފަހެ އެމަލާއިކަތާ ސަލާމް ވިދާޅުވިއެވެ. އަދި [ރަސޫލުﷲ صلى الله عليه وسلم އަށް] ދެންނެވިއެވެ.

”ކަލޭގެފާނަށް ދެއްވިފައިވާ ދެނޫރެއްގެ ވާހަކައިން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ. ކަލޭގެފާނުގެ ކުރިން، އެއްވެސް ނަބީބޭކަލަކަށް އެ ދެނޫރު ދެއްވިގެން ނުވެއެވެ. (އެއީ) ފާތިޙާ ސޫރަތެވެ. އަދި ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތަކެވެ. ކަލޭގެފާނަށް [އެ އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ކަންތައްތައް] ނުދެއްވޭ ގޮތަކަށް އެ ތަނުން އާޔަތެއް ކަލޭގެފާނު ކިޔަވާ ވިދާޅުނުވެތެވެ.“)

މި ޙަދީޘް ރިވާކުރައްވާފައިވަނީ މުސްލިމް (806) އެވެ.

ކޮންފަދަ މަތިވެރި ދީނެއްތޯއެވެ! ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައި މިވަނީ ކޮންފަދަ އުފާވެރި ޚަބަރެއް ތޯއެވެ! الله ތަޢާލާ ގެ ކަލާމްފުޅަކީ މާތް މަތިވެރި ކަލާމްފުޅެވެ. އެ އިލާހު ވަނީ ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް އަނެއްބައި ސޫރަތްތަކަށްވުރެ މަތިވެރި ކުރައްވާފައެވެ. އަދި އެ ފޮތުގެ ބައެއް އާޔަތްތައް އަނެއްބައި އާޔަތްތަކަށްވުރެ މަތިވެރި ކުރައްވާފައެވެ. މިޙަދީޘްފުޅުގައި ބަޔާންވެގެން މިވަނީ އެފަދަ ސޫރަތަކާއި އާޔަތްތަކެއްގެ ވާހަކައެވެ. (އެއީ) ފާތިޙާ ސޫރަތެވެ. އަދި ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތަކެވެ. އެއީ الله تعالَى ގެ ވަޙީ ބަސްފުޅު {آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ…} ފެށިގެން އެ ސޫރަތް ނިމެންދެނެވެ.

މިއީ ދެނޫރެވެ. މާނައަކީ ފާތިޙާ ސޫރަތާއި ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތައް ކިޔަވާ މީހަކަށް އެއީ ނޫރެއް ކަމުގައި ލައްވާނެއެވެ. އެ ނޫރު އޭނާއަށް ތެދުމަގަށް މަގުދައްކައެވެ. ސީދާވެގެންވާ ތެދުމަގުގައި ހިނގުމުގެ އެހީތެރިވެދެއެވެ. އަދި އެ އާޔަތްތަކުގައި އެކުލެވިގެންވަނީ الله އެއްކައުވަންތަ ކަމަށް އިޢުތިރާފުވުމެވެ. އަދި އެއިލާހަށް ކުއްތަންވެ ދުޢާކުރުމެވެ. الله އެއްކައުވަންތަކޮށް އެއިލާހަށް ދުޢާދެންނެވުމަކީ އެންމެ މަތިވެރި ޢަމަލުތަކެވެ.

އަދި ހަމަ މިއާއެކު މި ޙަދީޘުން ފާތިޙާ ސޫރަތުގެ މާތްކަމާއި, ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތަކުގެ މާތްކަމާއި އެ އާޔަތްތައް ކިޔެވުމަށް ހިތްވަރުދެވިފައިވާ މިންވަރު ދޭހަވެއެވެ.

35