އިބުރަތްތެރި ވާހަކަ
ނަބިއްޔާ ﷺ ގެ އަރިހުގައި ޝަކުވާ ދެންނެވި ޖަމަލުގެ ވާހަކަ

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަކީ ނުހަނު އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނު އިންސާނުންނަށް އޯގާތެރިވެލެއްވިއެވެ. އެކަލޭގެފާނު ޖަނަވާރުންނަށްވެސް އޯގާތެރިވެލެއްވިއެވެ. މާތް ﷲ އަޅުގަނޑުމެންގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.

(وَمَاۤ أَرۡسَلۡنَـٰكَ إِلَّا رَحۡمَةً لِّلۡعَـٰلَمِینَ)  ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.”

އެއްދުވަހަކު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ސަވާރީކޮޅުގައި މަދީނާގައި ދަތުރެއް ކުރެއްވިއެވެ. އެކަލޭގެފާނާއެކު މި ދަތުރުގައި ޖަޢުފަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޢަބްދުﷲ އިންނެވީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ފަހަތްޕުޅުގައެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަބްދުﷲ އާ ވާހަކަފުޅު ދައްކަވާ ކަންކަން ދަސްކޮށްދެއްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. މިހެން ވަޑއިގަންނަވަމުން އެ ދެބޭކަލުންނަށް އަންޞާރީ ބޭކަލެއްގެ ކަދުރު ރުއް ދަނޑަށް ވަޑައިގެންނެވިއްޖެއެވެ. އެތަނުގައި ކަދުރު ރުއްތައް ހުއްޓެވެ. އަދި ޖަމަލެއްވެސް އޮތެވެ.

އެ ޖަމަލު އޮތީ ވަރަށް ދެރަވެފައެވެ. އެ ޖަމަލު ރޮނީ އެވެ. އެ ޖަމަލުގެ ލޮލުން ކަރުނަތައް ފައިބަނީއެވެ. މި މަންޒަރު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ފެނިވަޑައިގެންފިއެވެ. އެހެންވެ އެކަލޭގެފާނު އެ ޖަމަލުގެ ގާތަށް ވަޑައިގެންނެވިއެވެ.

އެކަލޭގެފާނު ޖަމަލުގެ ގާތަށް ވަޑައިގެންނެވުމުން އެ ޖަމަލުގެ ބޯ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ކޮނޑުފުޅުގައި ބޭއްވިއެވެ. ދެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަތްޕުޅުން އެ ޖަމަލުގެ ބޮލާއި ކަންފަތް ކައިރީގައި ވަރަށް އޯގާތެރިކަމާއެކު ފިރުމާލެއްވިއެވެ.

މިގޮތަށް ފިރުމާލެއްވުމުން އެ ޖަމަލު ރުއިން ހުއްޓާލިއެވެ. ދެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

“މި ޖަމަލުގެ ވެރިއަކީ ކާކު؟”

ދެން އެޖަމަލުގެ ވެރިޔާ އެތަނަށް އައިސްފިއެވެ. އެއީ ޒުވާން އަންޞާރީ ބޭކަލެކެވެ.

އެ ޒުވާނާ ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! އެއީ އަޅުގަނޑުގެ ޖަމަލެކެވެ.”

ދެން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”ތިބާއަށް ﷲ މިލްކުކޮށްދެއްވާފައި މިވާ ޖަނަވާރާމެދު ތިބާ ﷲ އަށް ބިރުވެތި ނުވަނީހެއްޔެވެ؟ އެ ޖަމަލު ތިމަން ކަލޭގެފާނުގެ އަރިހުގައި އެ ޝަކުވާކުރީ އެ ޖަމަލު ބަނޑުހައިކުރުވާތީއެވެ. އަދި އެޖަމަލަށް ކުޅަދާނަނުވާ ވަރަށް މަސައްކަތްކުރުވާތީއެވެ.“

——-

ބައްލަވާ: ސުނަނު އަބީ ދާވޫދު 2549 އަދި އަޙްމަދު 1745

36