އިބުރަތްތެރި ވާހަކަ
މަލާއިކަތުން ޤުރްއާން އަޑުއެއްސެވުމަށް ވަޑައިގެން ހިނދު…

އެއްރެއަކު އުސައިދު ބުން ޙުޟައިރު ކީރިތި ޤުރްއާން ކިޔަވަމުން ދިޔައެވެ. އެކަލޭގެފާނު ކިޔަވަމުން ދިޔައީ ސޫރަތުލް ބަޤަރާއެވެ. އެކަލޭގެފާނުގެ އަސްކޮޅު އޮތީ އެތާ ކައިރީގައި އައްސާފައެވެ. އަދި ހަމަ އެތާ ކައިރީގައި ނިދާފައި އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާ ނިދާފައި އޮތެވެ. ކުއްލިއަކަށް އެއްކަލަ އަސް ގޮވާގޮވާފައި ދުވަން ފަށައިފިއެވެ. އެހެންވެ އެކަލޭގެފާނު ކިޔެވުން ހުއްޓާލިއެވެ. އެހިނދު އަސްވެސް ގޮވުން ހުއްޓާލައި މަޑުމަޑުން އޮތެއެވެ. އަނެއްކާ ޤުރްއާން ކިޔަވަން ފެށިއެވެ. ފެށުމާއެކު އެއްކަލަ އަސް ގޮވާގޮވާފައި ދުވަން ފަށައިފިއެވެ. އެހެންވެ އެކަލޭގެފާނު ކިޔެވުން އަނެއްކާ ހުއްޓާލިއެވެ. އެހިނދު އަސްވެސް ގޮވުން ހުއްޓާލައި މަޑުމަޑުން އޮތެއެވެ. އަނެއްކާވެސް އުސައިދުގެފާނު ޤުރްއާން ކިޔަވަން ފެށިއެވެ. ފެށުމާއެކު އެއްކަލަ އަސް ގޮވާގޮވާފައި ދުވަން ފަށައިފިއެވެ. އަސް ދުވާވަރުން ހީވަނީ ނިދާފައި އޮތް ޔަޙްޔާގެ ގައިމައްޗަށް އަރާފާނެހެންނެވެ. އެހެންވެ އެކަމާ ބިރުން އުސައިދުގެފާނު ޤުރްއާން ކިޔެވުން ހުއްޓާލައި ޔަޙްޔާގެ ގާތައް ދިޔައެވެ. ގޮސް އުޑާ ދިމާލަށް ބަލާލިއެވެ. އެހިނދު އެކަލޭގެފާނަށް އުޑާ ދިމާލުން ބޮކިތަކެއް ގޮތައް ދިއްލިފައިވާ އެއްޗެހިތަކެއް ފެނުނެވެ. އެކަލޭފާނު އެ އެއްޗެހި ގެއްލެންދެން ބަލަހައްޓައިގެން ހުންނެވިއެވެ.

ހެނދުނު ހެނދުނާ އުސައިދުގެފާނު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގޮސް އެވާހަކަ ކިޔައިދެއްވިއެވެ. އަދި އުޑާ ދިމާލުން އެ ފެނުނު ބޮކިތަކެއް ގޮތައް ދިއްލިފައިވާ އެއްޗެހިތަކެއްގެ ވާހަކަވެސް ކިޔައިދެއްވިއެވެ. އެހިނދު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”އެއީ ކޮން ބައެއްކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟“ އުސައިދުގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އެހިނދު ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”އެއީ ކަލޭގެފާނު ޤުރްއާން ކިޔަވާ އަޑު އެއްސެވުމަށް ވަޑައިގެންނެވި މަލާއިކަތުންނެވެ. ކަލޭގެފާނު ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވިނަމަ ފަތިހު މީސްތަކުންނަށް އެ މަލާއިކަތުން ފެނުނީހެވެ.“

————–

ބައްލަވާ: ޞަޙީޙުލްބުޚާރީ 5018 އަދި ޞަޙީޙ މުސްލިމް796

139