ނަޞޭޙަތާއި އިރުޝާދު
އަންހެންދުޅާވެގަތުމަކީ ލަޢުނަތްލެއްވިގެންވާ ކަމެއް! އެފަދަ ވީޑިއޯތައް ޝެއަރ ނުކުރޭ!

މިއީ މިއަދު މަޖަކަށް ހަދައިފައި ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ވަރަށް ނޭދެވޭ ހަޑި މުޑުދާރު ޢަމަލެކެވެ. އަންހެންދުޅާވެގެން އުޅޭ ފިރިހެނުންގެ ވައްތަރު ޖެއްސުންތައް ޝެއރކޮށް އަދި އެފަދަ ޕޯސްޓްތަކަށް ކޮމެންޓްކޮށް ހެދުމެވެ. އެ ހަޑިމުޑުދާރު ޢަމަލު ހިންގާ މީހުންގެ މަޤްޞަދަކީ ވެސް އެއީއެވެ. އެ ވީޑިއޯތައް ބަލާމީހުން ގިނަކުރުމެވެ.

ދަންނާށެވެ. އަންހެންދުޅާވެގަތުމަކީ ލަޢުނަތްލެއްވިގެންވާ ކަމެކެވެ. ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވިއެވެ.

«لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ». [رواه البخاري 5886]

މާނައީ: ”ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ދެއްވިއެވެ.“

އަދިވެސް އެހެން ރިވާޔަތެއްގައި އެކަލޭގެފާނު ވިދާޅުވިއެވެ.

«لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ». [رواه البخاري 5885]

މާނައީ: ”ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތަށް އުޅޭ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތަށް އުޅޭ މީހުންނަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ދެއްވިއެވެ.“

ލަޢުނަތްލެއްވުމުގެ މާނަ އެނގިލައްވާތޯއެވެ. އޭގެ މާނައަކީ އެ މީހަކު ﷲ ގެ ތަނަވަސް ރަޙްމަތުން ބޭރުކުރެއްވުމުވެ. އެހެންކަމުން މި ޙަދީޘްފުޅުތަކުގައި އައިސްފައި މިވަނީ ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި އަދި އަންހެނުން ފިރިހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި އެބައިމީހުން ﷲގެ ރަޙުމަތުން ދުރުކޮށް ބޭރުކުރެއްވޭނެ ވާހަކައެވެ. ބިރުވެތިވާށެވެ!

ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާގެ ދޫފުޅުން ލަޢުނަތް ލިބުމަކީ އާދައިގެ ކުޑަކަމެއް ނޫނެވެ. އެއީ ބޮޑުފާފައެކެވެ. އެފަދަ މީހުން ވާހަކަ ދެއްކުމުގައި، އޭނާ އާންމުކޮށް ވާހަކަ ދައްކާ އުޅޭ ގޮތާ ޚިލާފަށް، އަންހެނުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކާހަދައެވެ. ނުވަތަ ހިނގުމުގައި އަންހެނުންނާ ވައްތަރުވެގަނެއެވެ. ނުވަތަ މިނޫންވެސް އަންހެނުންނަށް ޚާއްޞަ ކަންކަމުގައި އެކަނބަލުންނާ ވައްތަރުވެގަނެއެވެ. ދަންނާށެވެ! އެފަދަ މީހަކީ ﷲގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ފަރާތުގެ ދޫފުޅުން ލަޢުނަތް ދެއްވާފައިވާ މީހެކެވެ.

ދެން ފަހަރެއްގައި ތިބާ ބުނެފާނެއެވެ. އަހަރެން އެހެންނެއް ނޫޅެމެވެ. ހަމަ އެކަނި ޝެއަރކޮށް ކޮމެންޓް ކޮށްލަނީއެވެ. އެފަދައިން ބުނާނަމަ ﷲ ގެ މި ވަޙީ ބަސްފުޅު ކިޔާލާށެވެ.

{وَتَعَاوَنُوا۟ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُوا۟ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَ ٰ⁠نِۚ وَٱتَّقُوا۟ ٱللَّهَۖ إِنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ }

[سُورَةُ المَائـِدَةِ: ٢]

”އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!“

އެހެންކަމުން މިފަދަ ފާޙިޝް ހަޑިމުޑުދާރު ކަންކަމުގައި ވާގިވެރި ނުވަމާ ހިނގާށެވެ! އަދި މިފަދަ ނޭއްގާނީ ކަންކަން ހުއްޓުވަން މަސައްކަތްކުރާ ބަޔަކަށްވަމާ ހިނގާށެވެ!

23