އިބުރަތްތެރި ވާހަކަ
ޢިބުރަތްތެރިވާހަކަ: އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ.

ރިވާވެގެން އައިސްފައިވެއެވެ. އަތުގެ ކޮނޑުހުޅުން ފެށިގެން ބުރިކޮށްފައިހުރިމީހަކު އުޅުނެވެ. މަގުމަތީގައި ހިނގާ އުޅޭއިރު މީސްތަކުންނަށް އޭނާ ގޮވަމުންދެއެވެ. ތިމަން ތިޔަބައިމީހުންނަށް ފެންނަ ކަމުގައި ވަނީނަމަ އެކަކުވެސް އެހެންމީހުންނަށް އަނިޔާވެރިނުވާށެވެ. ތިމަން މިހުރި ޙާލަތު ދެކޭކަމުގައި ވަންޏާ އަނެކާއަށް އަނިޔާވެރިނުވާށެވެ.

އެހިނދު އެތަނުން މީހަކު ސުވާލުކުރިއެވެ. ތިބާގެ އަތަށް ވެފައި ތިވަނީ ކިހިނެއް ހެއްޔެެވެ?

އޭނާ; އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

ފާޖިރު; އަނިޔާވެރިންނަށް އެހީވާ މީހެއްގެ ގޮތުގައި ތިމަންނަ އުޅުނީމެވެ. އެއްދުވަހަކު މަސްވެރިޔަކު މަހެއް ބާނައިގެން އައެވެ.

އޭނާ: ތިމަސް އަހަރެންނަށް ދީ

މަސްވެރިޔާ: އަހަރެންނަކީ ތުއްތު ކުދިންތަކެއްގެ ބައްޕައެކެވެ.މިއީ އެކުދިންގެ ކާނާއެވެ. މިމަހެއް ނުދެވޭނެއެވެ. އަތް ބުރިކޮށްލާފައިވާ މީހާ ކިޔައިދިނެވެ. ތިމަންނަ އޭނާގެ ގައިގައި ޖަހާފައި އެ މަސް ގަދަކަމުން އަތުލީމެވެ. އެ މަސް ހިފައިގެން ގެއަަށް އައި މަގުމަތީގައި ތިމަންނަގެ ބޮޑުވައި އިނގިލި އެމަހުގެ އަނގަތެރެއަށް ކޮންމެވެސް ގޮތަކުން ވަދެއްޖެއެވެ. އެމަސް އިނގިލީގައި ދަތް އަޅައިފިއެވެ. އިސާހިތަކު މުޅި އަތުގައި ވޭން އަޅަންފަށައިފިއެވެ. ޑޮކުޓަރަށް ދެއްކީމެވެ. އެ މަސް ދަތް އެޅުމުގެ ސަބަބުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ޑޮކުޓަރުން ދިނެވެ. އެ ބަލީގެ ސަބަބުން މުޅި ހަށިގަނޑު ހަލާކުވަމުން ދިޔުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމުގައި ޑޮކުޓަރުން ބުންޏެވެ.

ކޮންމެހެންވެސް އެ އިނގިލި ބުރިކޮށްލަން ޖެހޭކަމުގައި ޑޮކުޓަރުން ބުންޏެވެ. ކޮންމެއަކަސް އެ އިނގިލި ބުރިކޮށްލައިފީމެވެ. ވިސްނަވާ ލައްވާށެވެ. އިނގިއްޔެއްގެ އަގު ކިތައް މިލިއަންތޯ؟ އިނގިއްޔެއްގެ އަގާއި ބަލާއިރު މަހެއްގެ އަގު އެއީ ކޯއްޗެއްތޯ؟ އޭގެ ފަހުން މާގިނަ ދުވަހެއް ނުވެއެވެ. އަތްތިލައިގައި ރިއްސަން ފަށައިފިއެވެ. އަނެއްކާވެސް ޑޮކުޓަރަށް ދެއްކީމެވެ. އަތްތިލަ ބުރިކޮށްލަން ޖެހޭ ކަމުގައި ޑޮކުޓަރުން ބުންޏެވެ. އެންމެފަހުން އަތްތިލަވެސް ބުރިކޮށްލީމެވެ.

އޭގެ ފަހުން މާގިނަ ދުވަހެއް ނުވެއެވެ. ކުޑަހުޅުން މަތީގައި ރިއްސަން ފަށައިފިއެވެ. އަނެއްކާވެސް ޑޮކުޓަރަށް ދެއްކީމެވެ. އަތް ބުރިކޮށްލަން ޖެހޭ ކަމުގައި ޑޮކުޓަރުން ބުންޏެވެ. އެންމެފަހުން އަތްވެސް ބުރިކޮށްލީމެވެ.

އަތް ބުރިކޮށްލާފައިވާ މީހާ ކިޔައިދިނެވެ. އަހަރެން ހިތަށް އެރިއެވެ. މިވާ ގޮތެއް ބަލަން ޢިލްމުވެރިޔެއް ކައިރިޔަށް ދާން ވީއެވެ.

ޢިލްމުވެރިޔާއަށް އަހަރެންނަށް ޖެހިފައިމިވާ މުޞީބާތުގެ ވާހަކަކިޔައިދިނުމުން ބުންޏެވެ.

އަވަހަށް ގޮސް އެ ފަޤީރުމީހާ ހޯދާށެވެ. ފުރަތަމަ ބޮޑުވައި އިނގިލީގައި ރިއްސަންފެށި ވަގުތު އޭނާއާ ބައްދަލުކޮށް މާފުހޯދިނަމަ ތިބާގެ އަތް ބުރިކުރަންނުޖެހި ސަލާމަތްކުރެވުނީހެވެ. ތިބާ ސަލާމަތުން ދުނިޔޭގައި ހުންނަން ބޭނުންނަމަ އަވަހަށް އޭނާގެ މާފުހޯދާށެވެ.

ތިމަން ވަރަށް މަސައްކަތުން އޭނާ ހޯދީމެވެ. އޭނާގެ ފައިބުޑަށް ވެއްޓި ރޮއެ އާދޭސްކުރީމެވެ.

ބުނީމެވެ. ”ތިމަންނައަށް މާފުކުރޭ. ހެޔޮ ނުވާނެ. ތިމަންނައަށް މާފުކުރޭ.“

މަސްވެރިޔާ: ތިއީ ކާކު?

އަނިޔާވެރިޔާ: ތިމަންމިޢީ އެއްކަލަ ދުވަހު މަސް އަތުލިމީހާއެވެ. ތިމަންނަގެ މައްޗަށް އެއްވެސް ބަދު ދުޢާއެއް ކުރީން ހެއްޔެވެ؟

މަސްވެރިޔާ: އަހަރެންނަކީ ތުއްތު ކުދިންތަކެއްގެ ބައްޕައެކެވެ.މިއީ އެކުދިންގެ ކާނާއެވެ. މިމަހެއް ނުދެވޭނެއެވެ. މިހެން ބުނެބުނެ އޮއްވާ އަތުލީ ނޫން ހެއްޔެވެ. އެވަގުތު އަހަރެން ދުޢާކުރީމެވެ. ޔާ އެ އަނިޔާވެރިޔާ މިއަޅާއަށް އެކުޅަ އަނިޔާ އިނބައިލާހު ދެކެދެނެވޮޑިގެންވަމެވެ. މި ނިކަމެތި އަޅާއަށް އިނބަ އިލާހުގެ ކުޅަދުންވަންތަކަން ދައްކަވާނދޭވެ.

އަބޫ އައްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ: “އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ މައްޗަށް ސަމާލުވާށެވެ. އެދުޢާ އަލިފާންކަނިތަކެއް އަރައިގެންދާ ފަދައިން ﷲގެ ޙަޟްރަތަށް ދެއެވެ.”

 

123