ނަޞޭޙަތާއި އިރުޝާދު
މާތް ﷲ ދުށުމަށް އެދޭ މީހާ ޚާއްޞަ ސަމާލުކަމެއް ދޭންވީ 2 ނަމާދެއް

ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ އެންމެ ބޮޑު ނިޢުމަތަކީ އެބައިމީހުން އެންމެ ލޯބިވާ އެބައިމީހުންގެ ވެރި އިލާހު ﷲ ސުބްޙާނަހޫ ވަތަޢާލާ ދުށުމުގެ ނިޢުމަތް ލިބެމެވެ.

ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަނުމުން ﷲ ތަބާރަކަ ވަތަޢާލާ ސުވަރުގެވަންތަ ވެރިންނަށް ވަޙީކުރައްވާނެއެވެ. ތިޔަބައިމީހުންނަށް އިތުރުކޮށްދިނުމަށް ތިޔަބައިމީހުން ބޭނުންވާކަމެއް ވޭ ހެއްޔެވެ؟ އެބައިމީހުން ދަންނަވާނެއެވެ. އިބަ އިލާހު އަޅަމެންގެ މޫނުތައް އުޖާލާ ނުކުރައްވަމު ހެއްޔެވެ! އަދި ސުވަރުގެއަށް ވައްދަވާ ނަރަކައިން ސަލާމަތް ނުކުރައްވަމު ހެއްޔެވެ! އެހާރުން ﷲ ތަޢާލާ ފަރުދާ ކަޝްފުކުރައްވާނެއެވެ. އެބައިމީހުންގެ ރައްބު عَزَّ وَجَلَّ ފެނުމަށް ވުރެ އެބައިމީހުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނިޢުމަތެއް ދެއްވިގެން ނުވެއެވެ.

އެކަލާނގެ ދުށުމަށް އެދޭ މީހާ ސަމާލުކަންދޭންވީ ވަރަށް މުހިންމު ކަމެއް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވާފައިވެއެވެ.

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

މާނައީ: ”މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ.(وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) ‘ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ.’“ (ޙަދީޘް ރިވާކުރެއްވީ މުސްލިމް)

އަލްޚައްޠާބީ ވިދާޅުވިއެވެ. ”މި ދެ ނަމާދަށް ރައްކާތެރިވާ މީހާއަށް ﷲ ފެނުމުގެ ނަޞީބު ލިބޭނެ ކަމަށް މިޙަދީޘްގެ އަލީގައި އުއްމީދު ކުރެވެއެވެ.“

މީގެ މާނައަކީ އެހެން ނަމާދުތަކަށް ފަރުވާތެރިވުމާއެކު މި ދެ ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެހެނީ މި ދެނަމާދަކީ މަލާއިކަތުންގެ ޑިއުޓީ ބަދަލުކުރައްވާ ދެނަމާދެވެ. އަދި ނަމާދުތަކުގެ ތެރެއިން ވަރަށް މާތް ދެ ނަމާދެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.  “ مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ “ (ރިވާކުރެއްވީ ބުޚާރީ)

މާނައީ: “ ފިނީގައިކުރާ ދެނަމާދު( އެބަހީ: ފަތިސްނަމާދާއި ޢަޞުރުނަމާދު) ކޮށްފިމީހާ ސުވަރުގެ ވަދެއްޖެއެވެ.“

އަޅަމެންނަކީ ނަމާދުތަކަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އަޅަމެންނަށް މާތް الله ދުށުމުގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

292