އަޤީދާ
މަހުދީގެފާނު ފާޅުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފަހު ޒަމާނުގައި ނަބިއްޔާ صلى الله عليه وسلم ގެ އަހުލުބައިތުންގެ ތެރެއިން މީހެއްގެ ސަބަބުން، އިސްލާމްދީނަށް ނަޞްރުލިބިގެންދާނެއެވެ. އަދި އޭގެ ކުރިން ބިންމަތީގައި އަނިޔާވެރިކަން ފެތުރިފައިވާ ފަދައިން، ހަތް އަހަރުވަންދެން ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުވެގެންދާނެއެވެ. އޭގެ ކުރިން އުންމަތަށް ނިޢުމަތް ލިބިފައި ނުވާ މިންވަރަށް އެދުވަސްވަރު ނިޢުމަތް ލިބިގެންދާނެއެވެ. ބިމުން ގަސް ފަޅައި، އުޑުން ވާރޭވެހި، މުދާވެރިވެގެން ދާނެއެވެ.

އެކަލޭގެފާނުގެ ނަންފުޅަކީ މުޙައްމަދު ބުން ޢަބްދިﷲ އެވެ. ނުވަތަ އަޙްމަދު ބުން ޢަބްދިﷲ އެވެ. އެކަލޭގެފާނު ވާހުށީ ފާޠިމާ رضي الله عنها ގެ ދަރިކަލުން ޙަސަން رضي الله عنه ގެ ދަރިފަސްކޮޅުންނެވެ.

އެކަލޭގެފާނުގެ ސިފަފުޅުތަކުގެ ތެރޭގައި ނިއްކުރި އުފުލިފާ ހުރުން ހިމެނެއެވެ. އަދި ނޭފަތް ދިގުވެފައި ހިމަވާނެއެވެ. އަދި ނޭފަތުގައި ގުދުކަމެއް ހުންނާނެއެވެ.

އެކަލޭގެފާނު ފާޅުވާނީ އިރުމަތީ ފަރާތުގެ ރަށަކުންނެވެ. އަދި ޢީސާ عليه السلام ވެސް އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރައްވާނެއެވެ. އެކަލޭގެފާނު އަވަހާރަވުމުން ނުބައިކަމާއި ފިތުނަ ފާޅުވާނެއެވެ. އަދި އައްޝައުކާނީއާއި އަދިވެސް ބައެއް އެހެން ޢިލްމުވެރިންވެސް ވިދާޅުވެފައިވަނީ މަހުދީއާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް މުތަވާތިރު ދަރަޖައަށް ފޯރާކަމުގައެވެ. އެކަލޭގެފާނާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ.

 

«لَا تَذْهَبُ، أَوْ لَا تَنْقَضِي، الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي، يُوَاطِئُ اسْمُهُ اسْمِي» [رواه أحمد والترمذي وأبو داود وقال الألباني: حسن صحيح]

މާނައީ: “ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން ބޭކަލަކު ޢަރަބީންގެ ވެރިއަކަށްވުމުގެ ކުރިން ދުނިޔެ (ނެތިގެން) ނުދާނެއެވެ. ނުވަތަ ނިމުމަކަށް ނާންނާނެއެވެ. އެކަލޭގެފާނުގެ ނަމާއި ތިމަންކަލޭގެފާނުގެ ނަންފުޅު ދިމާވާނެއެވެ.”

 


މިއީ ދިސަލަފިއްޔާގައި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ލިޔުމުގެ ލިންކު:https://dhisalafiyyah.net/article/39772

143