ނަޞޭޙަތާއި އިރުޝާދު
ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރަކު ބަދަލުވާ ރެއެއް ތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ލައިލަތުލް ޤަދްރިއަކީ މަތިވެރިވެގެންވާ ރެއެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ.އެ ރޭގެ މާތްކަމާ ބެހޭގޮތުން އަދި އެ ރޭ ހޯދުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައިވާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. އެހެނަސް އެއިން އެއްވެސް ޙަދީޘެއްގައި އެއީ ކަނޑައެޅިގެން ކޮން ރެއެއްކަން ބަޔާންކުރައްވާފައި ނުވެއެވެ. ފަހެ ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާ އަދި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްތަކުން އެނގެނީ އެއީ:

  • – ރަމަޟަމާން މަހުގެ ރެއެއްކަން
  • – އެ ރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައިކަން
  • – ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ދުވަސްވަރުގައިވެސް އެކި އަހަރުތަކުގައި އެ ރޭ އައިސްފައިވަނީ އެކި ރޭތަކުގައިކަން
  • – އެ ރޭ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި (odd) ރޭތަކުގައި ވެދާނެކަން
  • – އެ ރޭ ރަމަޟާންމަހުގެ ފަހު ދިހައިގެ ހިރި (even) ރޭތަކުގައިވެސް ވެދާނެކަން

 

އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ބަދަލުވަމުންދާ ރެއެކެވެ. ބައެއް އަހަރުތަކުގައި 23 ވިލޭރޭއާ ދިމާވެއްޖެއްޔާ އަނެއްބައި އަހަރުތަކުގައި 27 ވިލޭރޭ ނުވަތަ ފަހު ދިހައިގެ އެހެން ރެއެއްވެސް ލައިލަތުލް ޤަދްރިއަށް ވެދާނެއެވެ. އަންނަނިވި ބަސްފުޅުތަކުން މިކަން ހާމަވެގެންދާނެއެވެ. إن شاء الله. އައްތިރްމިޛީ رحمه الله (އަވަހާރަވީ 279 ހ) ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ގިނަ ރިވާޔާތްތަކުގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ ފަހު ދިހައިގެ އޮނަހިރި ހުރިހާ ރެއެއްގައިވެސް އެ ރޭ ހޯދުމަށް މަސައްކަތްކުރުމަށެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ލައިލަތުލް ޤަދްރިއާ ބެހޭގޮތުން އެއީ 21 ވިލޭރޭކަމަށް، 23 ވިލޭރޭކަމަށް، 25 ވިލޭރޭކަމަށް، 27 ވިލޭރޭކަމަށް، 29 ވިލޭރޭކަމަށް އަދި ރަމަޟާން މަހުން އެންމެ ފަހު ރޭކަމަށްވެސް އައިސްފައިވެއެވެ.

އައްޝާފިޢީ رحمه الله ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނަށް މިކަން ފެނިވަޑައިގަންނަވަނީ – والله أعلم – ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވޭ ސުވާލާ ގުޅުވައިގެން އެކަލޭގެފާނު މިކަމުގައި ޖަވާބުދެއްވާފައިވާ ކަމަށެވެ. އެރޭ މިވެނި ރެއެއްގައި ހޯދަންވީތޯ ސުވާލު ދެންނެވިއްޖެނަމަ އެވެނި ރެއެއްގައި ހޯދަން މަސައްކަތްކުރަން އެކަލޭގެފާނު އިރުޝާދުދެއްވައެވެ.”

އަދިވެސް އައްޝާފިޢީ رحمه الله ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ އަރިހުގައި އެކަމުގައި އެންމެ ވަރުގަދަ ރިވާޔަތަކީ އެއީ 21 ވިލޭރޭ ކަމަށް ބަޔާންކޮށްފައިވާ ރިވާޔަތެވެ.”

އަދި އުބައްޔު ބުން ކަޢުބު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވަނީ އެކަލޭގެފާނު ހުވާކޮށްފައި ވިދާޅުވެފައިވަނީ އެއީ 27 ވިލޭރޭކަމުގައެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް، އެރޭގެ ޢަލާމާތްތައް ޚަބަރުކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ އެ އުނގެނި، އެބޭކަލުން ހިތުދަސްކުރެއްވި ކަމަށެވެ.

އަދި އަބޫ ޤިލާބާ رحمه الله ގެ އަރިހުން ރިވާވެގެން އައިސްފައިވަނީ އެކަލޭގެފާނު ވިދާޅުވީ އެއީ ފަހު ދިހައިގައި (އެކި އަހަރުތަކުގައި) ބަދަލުވާ ރެއެއްކަމުގައެވެ.” [سنن الترمذي (3 / 149)].

 

އިބްނު ޢަބްދުލްބައްރު رحمه الله (އަވަހާރަވީ 463 ހ) ވިދާޅުވިއެވެ.

“އިސްވެ ދިޔަ ޙަދީޘްތަކުން ދަލާލަތުކުރަނީ އެއީ ބަދަލުވާ ރެއެއްކަމެވެ. – والله أعلم -. އަދި އެ ރޭވަނީ ކޮންމެ ރަމަޟާން މަހެއްގައި އެއް ރެއަކު ނޫނެވެ. ފަހަރުގައި 21 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 25 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 27 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 29 ވިލޭރެއަށްވެސް ވެދާނެއެވެ.

އަދި ޙަދީޘްގައި އައިސްފައިވާ: «فِي كُلِّ وِتْرٍ» [رواه البخاري (2018)]  (އެބަހީ: ކޮންމެ އޮނަހިރި ރެއެއްގައި) ނިޔާކުރަނީ އެފަދައިންނެވެ. އަދި އަބޫ ޤިލާބާގެ އަރިހުން އައްޔޫބު އަދި އައްޔޫބުގެ އަރިހުން މަޢުމަރު އަދި މަޢުމަރުގެ އަރިހުން ޢަބްދުއްރައްޒާޤު ރިވާކުރެއްވިއެވެ. އެއީ ފަހު ދިހައިގައިވާ، ބަދަލުވަމުންދާ ރެއެކެވެ. އެގޮތުން އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ ޙަދީޘްގައިވަނީ އެއީ 21 ވިލޭރޭ ކަމަށެވެ. އަދި ޢަބްދުﷲ ބުން އުނައިސު އަލްޖުހަނީ رضي الله عنه ގެ ޙަދީޘްގައިވަނީ އެއީ 23 ވިލޭރޭ ކަމަށެވެ. އަދި އުބައްޔު ބުން ކަޢުބު رضي الله عنه އާއި މުޢާވިޔާ ބުން އަބީ ސުފްޔާނު رضي الله عنهما ގެ ޙަދީޘްގައިވަނީ އެއީ 27 ވިލޭރޭ ކަމަށެވެ. އެއީ މުޅިންވެސް ޞައްޙަ ޙަދީޘްތަކެވެ.”  [التمهيد لابن عبد البر (2 / 204 – 205)].

 

އިބްނު ޢަޠިއްޔާ رحمه الله (އަވަހާރަވީ 542 ހ) ވިދާޅުވިއެވެ.

“ލައިލަތުލް ޤަދްރިއަކީ ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ބަދަލުވަމުންދާ ރެއެކެވެ. މިކަމުގައިވާ ޞައްޙަ އަދި އެންމެ ބުރަދަން ހުރި ބަސްފުޅަކީ މިއީއެވެ. އަދި އޮނަހިރި ކަމަށް އެބަލަނީ މަސް ފުރިހަމަވުމާއި މަސް އުނި ވުމަށް ބަލާފައެވެ. (އެބަހީ: 30 ހަމަވާ ފަހަރެއްގައި އަދި 29 ވާ ފަހަރެއްގައި އެކަން ތަފާތު ވާނެއެވެ.) އެ ރެއަށް ފާރަވެރިވާ މީހަކު، މުޅި މަސް ނިމެންދެންވެސް ފަހު ދިހައިގެ ހުރިހާ ރެއަކަށް ސަމާލުވުން ހުއްޓެވެ. އެހެނީ މަސް ފުރިހަމާ ފަހަރެއްގައި އޮނަހިރި ބަލާނީ މަސް އުނިވާ ފަހަރެއްގައި ބަލާ ގޮތަކަށް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގައި އައިސްފައިވަނީ (ރަމަޟާންމަސް ނިމެން) 3 ރެއަށް ވެފައި ވަނިކޮށް ނުވަތަ 5 ރެއަށް ވެފައި ވަނިކޮށް ނުވަތަ 7 ރެއަށް ވެފައި ވަނިކޮށް އެ ރޭ ހޯދުމަށެވެ. [1] ނުވަތަ ތިނަކުން، ފަހަކުން، ހަތަކުން އަދި ނުވަޔަކުން އެ ރޭ ހޯދާށެވެ. [2]]

އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

” ‘ނުވައަކުން’ ގެ މުރާދަކީ 21 ވިލޭރެއެވެ.”

އަދި އިބްނު ޙަބީބު رحمه الله ވިދާޅުވިއެވެ.

“މާލިކުގެފާނުގެ މުރާދަކީ މަސް އުނިވެއްޖެ ފަހަރެއްގައެވެ.”

މިކަމުގައި ފެންނަން އޮތީ މަސް ފުރިހަމަ ވެދާނެތީ ނުވަތަ އުނިވެ ދާނެތީ ނަބިއްޔާ صلى الله عليه وسلم އެކަމަށް ރައްކާތެރިވެވަޑައިގެންފައިވާ ކަމެވެ. އެހެންކަމުން، ފަހު ދިހައިގެ ހުރިހާ ރެއެއް އަޅުކަމުގައި ހޭދަކޮށްގެން މެނުވީ އެ ރޭ ޙާޞިލެއް ނުވާނެއެވެ.” [تفسير ابن عطية (5 / 505)].

 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله (އަވަހާރަވީ 728 ހ) ވިދާޅުވިއެވެ.

“ލައިލަތުލް ޤަދްރިވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައެވެ. މިފަދައިން ޞައްޙަ މަގުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވެއެވ.[3]]

އެހެންކަމުން އެރޭވަނީ ރޭތަކުގެ ތެރެއިން އޮނަހިރި ރޭތަކުގައެވެ. އެހެނަސް އޮނަހިރި ގުނާއިރު (ދެގޮތަކަށް ގުނައެވެ. އެއީ) ފާއިތުވެ ދިޔަ މިންވަރަށް ބަލާފައި ގުނުމެވެ. އޭރުން އޮނަހިރި ރޭތަކަށް ވާނީ: 21 ވިލޭރެއާއި 23 ވިލޭރެއާއި 25 ވިލޭރެއާއި 27 ވިލޭރެއާ އަދި 29 ވިލޭރެއެވެ.

(ދެވަނަ ގޮތަކީ) ބާކީ އޮތް ރޭތަކަށް ބަލާފައި ގުނުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގައިވަނީ (ރަމަޟާންމަސް ނިމެން) 3 ރެއަށް ވެފައި ވަނިކޮށް ނުވަތަ 5 ރެއަށް ވެފައި ވަނިކޮށް ނުވަތަ 7 ރެއަށް ވެފައި ވަނިކޮށް އެ ރޭ ހޯދުމަށެވެ. [4]

މިއަށް ބިނާކޮށް ދަންނަވަމެވެ. އެމަހުގައި 30 ދުވަސް ވާނަމަ: މަސް ނިމެން ނުވަވަނަ ރޭ ވާނީ 22 ވިލޭރެއަށެވެ. އަދި މަސް ނިމެން ހަތްވަނަ ރޭ ވާނީ 24 ވިލޭރެއަށެވެ. އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ވަނީ މިކަމުގައި އައިސްފައިވާ ޞައްޙަ ޙަދީޘް މިފަދައިން ޝަރަޙަކޮށްދެއްވާފައެވެ. [5] އަދި ނަބިއްޔާ صلى الله عليه وسلم ވަނީ މަސް ގުނުމުގައި މިމޭރުމުން ބައްލަވާފައެވެ.

އެހެންކަމުން އެމަހަކީ 29 މަހެއް ނަމަ އިސްވެ ތާރީޚު ގުނިހެން، އެ މަހުގައި ގުނަން ޖެހޭނީ ބާކީ ހުރި ރޭތަކަށް ބަލައިގެންނެވެ.

ކަން މިހެން އޮތް އިރު، މުއުމިނު އަޅާގެ މައްޗަށް އޮތީ ފަހު ދިހައިގެ ހުރިހާ ރެއަކަށްވެސް ސަމާލު ވުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

«تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ» [رواه أحمد (24292) وصححه الألباني في سلسلة الأحاديث الصحيحة (3616)]

މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.”

އެ ރޭ ގިނައިން ދިމާވަނީ ފަހު ދިހައިގެ ފަހު ހަތް ރޭގައެވެ.” [مجموع الفتاوى (25/ 284)].

 

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله (އަވަހާރަވީ 852 ހ) ވިދާޅުވިއެވެ.

“(އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބަސްފުޅުތަކުގެ ތެރެއިން) އެންމެ ބުރަދަން ހުރި ބަސްފުޅަކީ އެ ރޭވަނީ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމެވެ. އަދި އެއީ މި ބާބުގައި ވާރިދުވެފައިވާ ޙަދީޘްތަކުން ދޭހަވާ ފަދައިން، ބަދަލުވާ ރެއެއް ކަމެވެ. އެ ރޭ ވުމަށް އެންމެ އުންމީދު ކުރެވެނީ ފަހު ދިހައިގެ އޮނަހިރި ރެއެއްގައެވެ. އަދި ޝާފިޢީންގެ އަރިހުގައި ފަހު ދިހައިގެ އޮނަހިރި ރޭތަކުންވެސް އެންމެ އުންމީދު ކުރެވޭ ރެއަކީ އެކާވީސް ވިލޭރޭ ނުވަތަ ތޭވީސް ވިލޭރެއެވެ. އެއީ އަބޫ ސަޢީދު رضي الله عنه ގެ ޙަދީޘާއި ޢަބްދުﷲ ބުން އުނައިސް رضي الله عنه ގެ ޙަދީޘުގައިވާ ފަދައިންނެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެންމެ އުންމީދު ބޮޑު ރެއަކީ 27 ވިލޭ ރެއެވެ.” [فتح الباري لابن حجر (4 / 266)].

 

އެ ރެއަކީ ކޮން ރެއެއްކަން ނަބިއްޔާ صلى الله عليه وسلم އަށް ހަނދުމަނެތިކުރެއްވުމުގެ ޙިކުމަތަކީ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް މީސްތަކުން ގަދަ އަޅާ މަސައްކަތްކުރުމެވެ.

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.

“ލައިލަތުލް ޤަދްރި ވަންހަނާކުރެއްވުމުގެ ޙިކުމަތަކީ އެ ރޭ ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމެވެ. އެއާ ޚިލާފަށް އެ ރޭ ކަނޑައެޅިގެން އެނގޭނަމަ (މީސްތަކުން) ހަމައެކަނި އެ ރެއިން ފުއްދާލީހެވެ.” [فتح الباري لابن حجر (4 / 266)]

 

އަދި މީސްތަކުން އެދުވަހަށް މާ ބޮޑަށް ބަރޯސާވެދާނެކަމަށް ބިރުފުޅު ގަތުމުން، އިބްނު މަސްޢޫދު رضي الله عنه ވިދާޅުވެފައިވަނީ އަހަރުގެ ހުރިހާ ރެއެއްގައި ރޭ އަޅުކަން ކުރި މީހަކަށް އެ ރޭ ލިބޭނަކަމަށެވެ. އަދި ލައިލަތުލް ޤަދްރިއާ ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ޞައްޙަ ޢަލާމާތަކީ އެ ރެއަށް ފަހު އިރު އަރާއިރު އިރުގެ ދޯދި ނެތުމެވެ. އެކަން ވެސް ފެންނަނީ އެ ރޭ ފާއިތުވުމުންނެވެ. މި ހުރިހާ ކަމަކުން އެނގެނީ ފަހު ދިހައިގެ އެއްވެސް ރެއެއް ފަރުވާ ކުޑަކުރުމެއް ނެތި އެ ރޭ ހޯދަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.

ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެންނަށްވެސް އެ ރޭގައި އެއިލާހު ރުއްސަވާ ފަދައިން އަޅުކަން ކުރުމުގެ ތައުފީޤު ދެއްވައި އަޅަމެން އެންމެންގެ ޢަމަލުތައް ޤަބޫލުކުރެއްވުމެވެ. އާމީން!

 

___________________

[1] ބައްލަވާ: السنن الكبرى للنسائي (3390) وسلسلة الأحاديث الصحيحة للألباني (3 / 455 – 456).

[2] ބައްލަވާ: سنن الترمذي (794) وسلسلة الأحاديث الصحيحة للألباني (3 / 455 – 456).

[3] ބައްލަވާ: صحيح البخاري (2020).

[4] ބައްލަވާ: السنن الكبرى للنسائي (3390) وسلسلة الأحاديث الصحيحة للألباني (3 / 455 – 456).

[5] ބައްލަވާ: صحيح مسلم 217 – (1167).

 

ރެފަރެންސް: މި އާރޓިކަލްއަކީ ޖަމިއްޔަތުލް ސަލަފް.ކޮމް އިން ނަގާފައިވާ އައްޝެއިޚް އިމްރާން މުހައްމަދު އަަލީގެ ލިޔުމެކެވެ.

41