ދީން
ނަބިއްޔާ ﷺ ފަހު 10 އެއް ހޭދަކުރެއްވީ ކިހިނެއް؟

ކޮންމެ މުސްލިމަކު ވެސް ރަމަޟާންމަހުގެ ފަހު 10 އެއް އަޅުކަމުގައި އެންމެ އެދެވޭ ގޮތުގައި ހޭދަކުރަން ބޭނުންވާނެއެވެ. ނަބިއްޔާ صلى الله عليه وسلم މި ދުވަސްތައް ހޭދަކުރައްވާފައިވާ ގޮތް އެނގިއްޖެނަމަ އެ ގޮތައް މި ދުވަސްތައް ހޭދަކުރަން އަހަރެމެން ބޭނުން ވާނެއެވެ. އެހެންކަމުން މި ލިޔުމުގައި އަލިއަޅުވައިލާނީ ނަބިއްޔާ صلى الله عليه وسلم މި ދުވަސްތައް ހޭދަކުރައްވާފައިވާ ގޮތުގެ މައްޗަށެވެ.   

1. ރޭތައް އިޙްޔާ ކުރެއްވުން

ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމާއި، ޒިކުރު ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.

2. ފަހު 10 އެއްގައި، ނަބިއްޔާ  صلى الله عليه وسلم ގެ އަހުލުވެރިން ނުވަތަ ޢާއިލާގެ ބޭފުޅުން، ނަމާދަށް ގޮވައިލައްވާ ނަންގަވާ

އެހެން މަސްތަކަށްވުރެ ބޮޑަށް މި މައްސަރުގައި ޢާއިލާގެ ބޭފުޅުންނަށް ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނަމާދަށް، ފަހު 10 އެއްގައި ބާރު އަޅުއްވައެވެ.

3. ފަހު 10 އެއްގައި ނަބިއްޔާ صلى الله عليه وسلم  ކަމަރު ބާރު ކުރައްވާ

މި ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނުގެ އަނބިންނާ އެއްދާންކުރުމުން ދުރުހެލިވެވަޑައިގަންނަވައެވެ.

4. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު ފެންވަރާ ހިނައިގަންނަވާ

މި ކަމާ ގުޅިގެން ވާރިދުވެފައިވާ ޙަދީޘް ޟަޢީފެވެ. ނަމަވެސް މިކަމަށް ޝަރުޢީ އަޞްލެއް އެބައޮތެވެ.

އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ. ”ލައިލަތުލް ޤަދްރިއަށް ވުން އެކަށީގެންވާ (އުންމީދު ކުރެވެވޭ) ރޭތަކުގައި ފެންވަރާ ރީތިވުމާއި، ރިވެތި ހެދުން ލައި ޒީނަތްތެރިވުމާއި، ހުވަނދުލުން މުސްތަޙައްބު ވެގެން ވެއެވެ. މީސްތަކުން ޖަމާވާ ހާލަތްތަކާއި ޢީދުތަކުގައި މިކަންކަން ޝަރުޢުވެގެންވާ ފަދައިންނެވެ. އަދި ނަމާދުކުރާ ކުރާ ކޮންމެ ހިނދެއްގައި ވެސް  ރިވެތި ހެދުން ލުން  ޝަރުޢުވެގެންވާ ފަދައިންނެވެ. މާތް الله  ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ﴾ މާނައީ: ”ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!“ އިބްނު ޢުމަރު رضي الله عنه ވިދާޅުވެފައިވެއެވެ. އެފަރާތަކަށްޓަކައި ޒީނަތްތެރިވުން އެންމެ ޙައްޤު ފަރާތަކީ މާތް الله އެވެ.“

5. އެކަލޭގެފާނު ފަހު 10 އެއްގައި އިޢުތިކާފު ކުރައްވައެވެ. 

6. ލައިލަތުލް ޤަދްރި ހޯދަން މަސައްކަތްކުރުން

ބުޚާރީއާއި މުސްލިމުގައި ވެއެވެ. ޢާއިޝާ رضي الله عنها ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ރަމަޟާންމަހުގެ ފަހު 10 އެއްގައި ލައިލަތުލް ޤަދްރި ހޯދުމަށް ތިޔަބައިމީހުން ގަދައަޅައި މަސައްކަތް ކުރާށެވެ.

****

މައުލޫމާތުގެ މަސްދަރު: ޝައިޚް އަޙްމަދުލް ޚަލީލްގެ ޓެލެގްރާމް ޗެނަލް

105