ނަޞޭޙަތާއި އިރުޝާދު
އިމާމް މީހާއަށް ލައިދެނީ ރަނގަޅަށްތަ؟

އިމާމް މީހާއަށް ލައިދޭ ވާހަކަ ބުނުމުން އަޅުގަނޑުމެން އެންމެނަށް ވެސް، ދައްކަން މި އުޅެނީ ނަމާދުގައި އިމާމު މީހާއަށް ކުށެއް ކިޔުމުން މައުމޫމުންގެ ތެރެއިން މީހަކު އެ ކުށް ރަނގަޅުކޮށްދޭ ވާހަކަކަން އެނގޭނެއެވެ. މި ކަމަކީ ޚާއްޞަކޮށް ރަމަޟާންމަހުގައި ގިނަ، އެހެން ނަމަވެސް އެ ނޫން މަސްމަހުގައި ވެސް ހިނގާކަމެކެވެ. އަދި ބައެއް މީހުންނަށް އިމާމް މީހާއަށް ލައިދިނުމުގައި އެންމެ ރަނގަޅު ގޮތުގައި ނުހިފޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެންމެ ފުރަތަމަ ކަމަކަށް އިމާމް މީހާއަށް ސޫރަތުލް ފާތިޙާއިން ކުށެއް ކިޔެވިއްޖެނަމަ، އެ ކުށް ރަނގަޅު ކޮށްދިނުމަކީ މައުމޫމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ހަމަމިފަދައިން ސޫރަތުލް ފާތިޙާ ކިވަމަވުން ދަނިކޮށް އިމާމްއަށް ހުއްޓުން އަރާ ކުރިއަށް ދާން ނޭނގުނަސް ލައިދިނުމަކީ ވާޖިބެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެހެން ސޫރަތްތަކުގައި އެއީ ހުއްދަކަމެއް ކަމަށް، އަދި މުސްތަޙައްބު ކަމެއް ކަމުގައި ވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

އިމާމް މީހާ އަށް ލައިދޭ މީހާ އޭނާގެ އިޚްލާޞްތެރިކަމަށް ބަލަންވާނެއެވެ. ޝައިޠާނާއަށް އެއްވެސް ޖާގައެއް ދީގެން ނުވާނެއެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ޢަމަލެއް ގައި ވެސް އިޚްލާޞްތެރިވާންޖެހޭނެއެވެ. ތިމާއަކީ ޤުރްއާން ފަރިތަކަމާއެކު ހިތުދަސް މީހެއްކަން މީސްތަކުންނަށް ދެއްކުމަށްޓަކައި ނުވަތަ ނަމާދުގައި ޚުޝޫޢަތްތެރިކަމާއެކު އިމާމްގެ ކިޔެވުން އަޑުއަހާ މީހެއްކަން މީސްތަކުންނަށް ދެއްކުމަށްޓަކައި ލައިދީފިނަމަ އިޚްލާޞްތެރިކަމާ ފުށޫ އެބައަރައެވެ. އެއްވެސް ހާލެއްގައި ޝައިޠާނާގެ މަޅިއެއްގައި ޖެހިގެން ނުވާނެއެވެ.

އިމާމް މީހާއާ ދުރުގައި، ނުވަތަ ލައިދޭ މީހާގެ އަޑު އިވޭ ހިސާބަށް ވުރެ އިމާމް މީހާ ދުރުވެއްޖެނަމަ، މި ފަދަ މީހަކު އިމާމް މީހާ ކުށެއް ކިޔުމުން އެ ކުށް ރަނގަޅު ކޮށް ކިޔައިފިނަމަ ލައިދިނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އޭނާގެ ގާތުގައި ތިބި މީހުންނަށް އޭގެ ސަބަބުން އޭނާއަށް އެ ކުރެވެނީ އުނދަގުލެވެ.

ކުށެއް ކިޔުމުން އެކަން ފާހަގަވެ، ލައިދިނުމަށް ވިސްނާ ހިނދު އޭނާއަށް ވުރެ އިމާމްއާ ކައިރިން އެހެން މީހަކު އެކަން (ލައިދިނުން) ކުރަމުން ގެންދާނަމަ ދުރުގައި ހުރި މީހާ ލައިދިނުމެއް ނުވެއެވެ. އެއީ ހާޖަތެއް ނެތި މިސްކިތުގައި އަޑުބާރު ކުރެވޭނެތީއެވެ. ހަމައެފަދައިން ގިނަ ބަޔަކު އެ ކުށް އިސްލާހު ކޮށްދީފިކަން ނުވަތަ ކުށް އިސްލާހުކޮށްދޭކަން އެނގޭނަމަ ވެސް އެކަމާ ދުރުވާން ޖެހެއެވެ. އެއީ މިހާލަތުގައި ލައިދިނުމުގައި ހާޖަތެއް ނެތުމުންނެވެ.

ލައިދިނުމުގައި އެންމެ މުނާސަބު ވަގުތު ކަމުގައި ބެލެވެނީ އިމާމްގެ ކިޔެވުން ހުއްޓިލާ ވަގުތެވެ. އިމާމް މީހާ ކިޔަވަމުން ދާ ވަގުތުގައި ލައިދީފިނަމަ ފަހަރުގައި ލައިދޭމީހާގެ އަޑު އިމާމްއަށް ރަނގަޅަށް ނީވުމަކީ އެކަށީގެންވާކަމެކެވެ.

މައުމޫންގެ ތެރެއިން މީހަކު ލައިދިނުމުން، އިމާމް އަށް ނޭނގިނަމަ ވެސް ރަނގަޅުނުކޮށް ކުރިއަށް ގޮސްފިނަމަ މައުމޫމުން އެކަމާ އަޅާނުލާނީއެވެ. އެ ކުށް އިސްލާޙްކުރުވުމަށްޓަކައި ހިފާނީއެއްނޫނެވެ.

މައުމޫމުންގެ ތެރެއިން މީހަކު އޭނާ ތަބާވަމުންދާ އިމާމްނޫން އެހެން މީހަކު، (އެއީ މިސްކިތުގައި އިށީނދެގެން އިނދެ ޤުރްއާން ކިޔަވަމުންދާ މީހެއް ނަމަވެސް) ކުށެއް ކިޔުމުން ލައިދިނުމެއް ނުވެއެވެ. ނަމަވެސް ލައިދީފަނަމަ އޭނާގެ ނަމާދު ބާޠިލެއް ނުވާނެއެވެ.

****

މައުލޫމާތު ނެގި މަސްދަރު: ޝައިޚް މަންޞޫރު އައްޞުޤްޢޫބްގެ ޓެލެގްރާމް ޗެނަލް

10