ދީން
الله ގެ ވަޙީއާ އެއްގޮތަށް ޢުމަރުގެފާނުގެ ރައުޔު ދިމާވެފައިވާ ކަންކަން
އަނަސް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ. ތިން ކަމަކުން މާތް الله ތިމަންކަލޭގެފާނުގެ ރައުޔާ އެއްގޮތަށް ވަޙީ ބާވައިލައްވާފައިވެއެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ الله ގެ ރަސޫލާ އެވެ. މަޤާމް އިބްރާހީމް އަކީ ނަމާދުކުރާ ތަނެއް ކަމުގައި ހަދާނެ ނަމައޭ ތިމަންކަލޭގެފާނުގެ ހިތަށް އަރައެވެ. ދެން މާތް الله ﴿ وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّىމާނައީ: ”އަދި އިބްރާހީމްގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ“! މި އާޔަތް ބާވައިލެއްވިއެވެ. އަދި ޙިޖާބުގެ އާޔަތް، ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ الله ގެ ރަސޫލާ

އެވެ. ތަޤްވާވެރިންނާއި ފާޖިރުން (ފާފައިގެ އަހުލުވެރިން) ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެކަނބަލުންނާ ވާހަކަ ދައްކާތީ އެކަނބަލުން ޙިޖާބުވުމަށް ކަލޭގެފާނު އަމުރުކުރެއްވި ނަމައޭ ތިމަންކަލޭގެފާނުގެ ހިތަށް އަރައެވެ. ދެން މާތް الله ޙިޖާބުގެ އާޔަތް ބާވައިލެއްވިއެވެ. އަދި ނަބިއްޔާ ގެ އަނބިއަނބިކަނބަލުން އެކަލޭގެފާނާ ދެކޮޅަށް ނިކުމެ ވަޑައިގެންނެވުމުން ތިމަންކަލޭގެފާނު އެކަނބަލުންނަށް ދެންނެވީމެވެ. އެކަލޭގެފާނު، ތިޔަ ކަނބަލުން ވަރިކުރައްވާފިނަމަ، ތިޔަ ކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެ ބަދަލުގައި އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ދެއްވާފާނެތެވެ. ދެން މާތް الله މި އާޔަތް ބާވައިލެއްވިއެވެ.

ހަތަރު ވަނަ: އިބްނި ޢުމަރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ. ތިން ކަމަކުން މާތް اللهތިމަންކަލޭގެފާނުގެ ރައުޔާ އެއްގޮތަށް ވަޙީ ބާވައިލައްވާފައިވެއެވެ. މަޤާމް އިބްރާހީމްގެ ޙާދިޘާއާއި، ޙިޖާބުގެ ޙާދިޘާއާއި، ބަދުރުގެ އަސީރުންގެ ޙާދިޘާ އާމެދުގައެވެ.

ފަސްވަނަ: التهذيب للنووي ގައި ބަޔާންކުރައްވާފައިވެއެވެ. نزل القرآن بموافقته في أسرى بدر وفي الحجاب وفي مقام إبراهيم وفي تحريم الخمر فزاد خصلة خامسة، وحديثها في السنن ومستدرك الحاكم أنه قال: اللهم بين لنا في الخمر بيانا شافيا فأنزل الله تحريمها ބަދުރުގެ އަސީރުނާމެދުގައާއި، ޙިޖާބުގެ ޙާދިޘާއާމެދުގައާއި، މަޤާމް އިބްރާހީމްގެ ޙާދިޘާއާމެދުގައާއި، ރާ ޙަރާމް ކުރެއްވި ޙާދިޘާއާ މެދުގައި ޤުރްއާން ބާވައިލެއްވިފައިވަނީ ޢުމަރުގެފާނުގެ ރައުޔާ އެއްގޮތަށެވެ.

مستدرك الحاكم ގައި ރިވާވެފައިވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ. ހައްދަވާ ބޮޑު ކުރެއްވި އިލާހު، ރާއާމެދުގައި ބަޔާންވެގެންވާ ޙުކުމެއް ބާވައިލައްވާނދޭވެ! ދެން މާތް الله ރާ ޙަރާމް ކުރައްވާ ވަޙީ ބާވައިލެއްވިއެވެ.

ހަވަނަ: ޢަބްދު الله ބިން އުބައްޔު މަރުވުމުން ނަބިއްޔާ ﷺ އަށް އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަށް އޭނާގެ ދަރި ޢަބްދު الله އެދިވަޑައިގަތެވެ. އަދި ނަބިއްޔާ ﷺ އޭނާގެ މައްޗަށް ނަމާދު ކުރުމަށް ތެދުވެވަޑައިގަތުމުން ޢުމަރު رضي الله عنه ދެންނެވިއެވެ. އޭ الله ގެ ރަސޫލާ ﷺ އެވެ. މުނާފިޤުންގެ މައްޗަށް ނަމާދުކުރުން މާތް الله ކަލޭގެފާނުގެ މައްޗަށް ނަހީކުރައްވާފައެއް ނުވޭ ތޯއެވެ. ދެން ވިދާޅުވިއެވެ. ﴿اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ﴾ މާނައީ: ”އެބައިމީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ. ނުވަތަ އެބައިމީހުންނަށް ފާފަ ފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ. އެބައިމީހުންނަށް ފާފަ ފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، ﷲ އެބައިމީހުންނަކަށް ފާފައެއް ނުފުއްސަވާނެއެވެ.“ ދެން އަންނަނިވި އާޔަތް ބާވައިލެއްވުނެވެ. މާތް الله ވަޙީކުރެއްވިއެވެ.﴿وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ﴾ މާނައީ: ”އެބައިމީހުންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެ މީހެއްގެ މަހާނަދޮށުގައި ވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ!

الله ގެ ވަޙީއާ އެއްގޮތަށް ޢުމަރު رضي الله عنه ގެ ރައުޔު ދިމާވެފައިވާ ކަންކަން މިއަދަދަށްވުރެ ގިނައިން ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އިބްނު ޙަޖަރު 15 ކަމެއްގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި އިމާމް އައްސުޔޫޠީ 25 ކަމެއް ބަޔާންކުރައްވާ ފޮތެއް ލިޔުއްވާފައިވެއެވެ.

އަހަރެމެން އަހުލު ސުންނާގެ ޢަޤީދާ އަކީ މިފަދަ ކަމެއް ފެނުނު ކަމުގައި ވިޔަސް އެ މީހަކަށް އިޙްތިރާމްކުރުމުގައި ހައްދުފަހަނަ އަޅައި ނުދިޔުމެވެ. އެހެންކަމުން ޢުމަރު رضي الله عنه ގެ ހުރިހާ ބަހަކީ އެ ފަދަ ދަރަޖައެއް ދީ ޙުއްޖަތެއް ކަމަކަށް ނުނެގޭނެއެވެ. އެކަލޭގެފާނުގެ ރައުޔުފުޅު ވެސް ބައެއް ކަންކަމުގައި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެއެވެ. އެގޮތުން ނަބިއްޔާ ﷺ އަވަހާރަވުމުގެ ޚަބަރު އެކަލޭގެފާނަށް ލިބި އެކަން ހަމަލޮލުން ދެކުމަށްފަހުގައި ވެސް އެކަމަށް އިންކާރުކޮށް ނަބިއްޔާ ﷺ އަވަހާރަނުވާކަމަށް ވިދާޅުވިއެވެ. މި ވަގުތުގައި ޢުމަރު رضي الله عنه އަށް ވިސްނައިދެއްވީ އަބޫބަކުރު رضي الله عنه އެވެ. ޙަޤީޤަތުގައި ޢުމަރު رضي الله عنه އަށް މިގޮތަށް ކަންތައް ދިމާވީ އެކަލޭގެފާނު ނަބިއްޔާ ﷺ ދެކެވާ ލޯބީގެ ސަބަބުން އެ ޚަބަރު އުފުއްލެވުމަށް ކުޅަދާނަ ނުވީމައެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަބޫ ބަކުރު رضي الله عنه އަކީ ނަބިއްޔުންނަށް ފަހުގައި އެންމެ މާތް އަދި އެންމެ ފުރިހަމަ އިންސާނާއެވެ. އެހެންކަމުން ނަބިއްޔާ ﷺ ދެކެވާ ލޯތްބާއެކު ވެސް އެކަލޭގެފާނަށް އެކަންތައް ތަޙަންމަލު ކުރެވުނީއެވެ.

 

 

7