ޚަބަރު
އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ: ހުކުރުޚުތުބާ

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެވެ! މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ.“

 

މި ރަމަޟާންމަހުގެ އަހަރެންގެ އަޚުލާޤު ބަހައްޓަން ވިގޮތް ބަޔާންކުރައްވަމުން ޚުތުބާގައި ވިދާޅުވީ “ މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންނެވެ. ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވާށެވެ! ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ. ”

2