ނަޞޭޙަތާއި އިރުޝާދު
މައްޔިތާ ވަޅުލަން ގެންދެވޭއިރު އިވޭ އަޑުތައް

ރަސޫލާ صلى الله عليه وسلم ވަރަށް ތަފްޞީލުކޮށް މަރާއި ބެހޭގޮތުން އަޅުގަނޑުމެންނަށް ކިޔައިދެއްވާފައިވެއެވެ. މަރު އައިސް ބައްދަލުކުރާގަޑީގައި ކަންތައްވެގެންދާނެގޮތެވެ. މީސްތަކުން މައްޔިތާ އުފުލަމުންދާ ގަޑީގައި ކަންތައްވެގެންދާނެގޮތެވެ. ޤަބުރަށްލެވުމާއިއެކު އެމީހަކާއިމެދު ކަންތައްވެގެންދާނެގޮތެވެ.

އަޅުގަނޑުމެންގެ ތެރެއިން މީހަކު މަރުވުމުން އެ ޖަނާޒާ ނުވަތަ އެ ސަންދޯކު ހިފައިގެންދާގަޑީގައި ކަންތައްވެގެންދާގޮތް ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވައިފައިވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވެއެވެ.

إذا وُضِعتِ الجنازةُ واحتَمَلها الرِّجالُ على أعناقِهم فإنْ كانت صالحةً قالت: قدِّموني

المصدر : صحيح ابن حبان
މި ޙަދީޘްފުޅުގެ މުރާދަކީ، މަފްހޫމަކީ، މާނައަކީ:

ޖަނާޒާ އަށިގަނޑު މަތީގައި ބާއްވައިގެން މީސްތަކުން އެހިފައިގެން ޤަބުރުސްތާނާއި ދިމާއަށް ދަތުރުކުރަމުންދާ ގަޑީގައި، ކޮނޑުތަކުގެ މަތީގައި އުފުލަމުން ދަތުރުކުރަމުންދާ ގަޑީގައި؛ އެ ސަންދޯކުގައި އޮތް މީހާއަކީ ރަނގަޅު މީހެއް ކަމުގައިވަނީނަމަ އޭނާ ގޮވަމުންދާނޭ قدموني قدموني
ތިމަންނާ އަވަހަށް ގެންގޮސް ކަށްވަޅުގެ ތެރެއަށް ލާށޭ
ތިމަންނާ އަވަހަށް ގެންގޮސް ކަށްވަޅުގެ ތެރެއަށް ލާށޭ

ސަބަބަކީ އޭނާ ދުނިޔޭގައި އުޅުނީ މާތް ﷲ އެންގެވި ގޮތަށެވެ.

وإنْ كانت غيرَ صالحةٍ قالت: يا ويلَها أينَ يذهَبونَ بها يسمَعُ صوتَها كلُّ شيءٍ إلَّا الإنسانَ

المصدر : صحيح ابن حبان

މި ޙަދީޘްފުޅުގެ މުރާދަކީ، މަފްހޫމަކީ، މާނައަކީ:

އެ ސަންދޯކުގައި އޮތް މީހަކީ ނުބައި މީހެއް ކަމުގައި ވަނީނަމަ އޭނާ ގޮވަމުންދާނޭ ތިމަންނާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

އެއަޑު އިންސާނުން ފިޔަވައި އެހެން ހުރިހާ އެއްޗަކަށް އިވޭނެއެވެ.

https://www.facebook.com/share/v/mkPvsCWJZm7r3McD/?mibextid=xfxF2i

ކައްވަޅުގައި އަޒާބުލިބޭ ކަންތައްތައް ވަރަށްގިނައެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ:

– ޣީބަ ބުނުމާ ދެބަ އޮޑުވުން

– ދޮގުހެދުން

– ނަމާދަށް ފަރުވާތެރިނުވުން

– ޒަކާތްނުދިނުން

– ވައްކަންކުރުން

– ޚިޔާނާތްތެރިވުން

– ޒިނޭކުރުން

– ރިބާކެއުން

– ފިތުނަފަސާދަ އުފެއްދުން

– މީހުން މެރުން

– ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުނުވެ ހުރެ ނަމާދުކުރުން

ކަށްވަޅު ނުވަތަ ބަރުޒަޚުގެ ޢާލަމަކީ އިންސާނާ މިދުނިޔެއާ އަލްވަދާޢުކިޔުމަށްފަހު، ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަޙްޝަރުކުރެއްވުމާހަމައަށް އިންސާނާ އޮންނާނެ ތަނެވެ. އެތަނަކީ، ދުނިޔެމަތީގައި މީސްތަކުން ޢަމަލުކޮށްފައިވާ ގޮތެއްގެ މަތިން ނިޢުމަތްތައް ލިބިގެންވާ އަދި ޢަޛާބު ލިބިގެންވާ ތަނެކެވެ. އެތަންވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ނުވަތަ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށެވެ.

ބަރުޒަޚުގެ ޢާލަމަކީ މިދުނިޔޭގައި އިންސާނާގެ އަޖަލު ހަމަކުރުމަށް ފަހު، އާޚިރަތުގެ ޙަޔާތާ ދެމެދު އެބައިމީހުންގެ ހަށިތަކަށާއި ފުރާނަތަކަށް ކަނޑައެޅިފައިވާ ތަނެވެ. މަޙްޝަރުދުވަހު އިންސާނުންގެ ހިސާބު ބެއްލެވެންދެން ތިބޭނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމަކީ ފަރުދާ ކުރެވިފައިވާ ޢާލަމެކެވެ. މާއްދީ ލޮލަށް ނުފެންނަ ރޫހާނީ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ޢާލަމެކެވެ.

‏ޤަބުރުސްތާނަށް ބަލާލުމުންވެސް ދުނިޔޭގައި އުޅުނު އެތައް ބަޔަކު ވަޅުލެވިފައިވާތަން އެހުރީ ފެންނާށެވެ. އެބައިމީހުންގެ އާދޭހަކީ އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވުމެވެ. ފަހުން ކުރަން ހުރި ހެޔޮ ޢަމަލުތައް ކުރުމަށެވެ.
އޭ ލޮބުވެތި އަޚާ އެވެ! އޭ ލޮބުވެތި އުޚްތާ އެވެ! ފާފަތަކުން ދުރުހެލިވެ ، ހެޔޮ ޢަމަލުތައް ކޮށް މަރަށް ތައްޔާރުވާށެވެ !

 

 

 

38