ޚަބަރު
ރޯދައިގެ ޙިކުމަތްތަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން : ހުކުރު ޚުުތުބާ

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދެއެވެ. ހެޔޮޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވައެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ الشَّيْطَانَ يَـجْرِيْ مِنَ الْإِنْسَانِ مَـجْرَى الدَّمِ.)[1] މާނައީ: “ އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން، ޝައިޠާނާ، އޭނާއަށް ވަސްވާސްދިނުމުގައި ދެމިހުރެއެވެ.“

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެންނެވެ. ރޯދަ ހިފުމުގައި ކީރިތި ރަސޫލާ  z ގެ ސުއްނަތަށް ތަބަޢަވެގެންނެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ.

[1]  متفق عليه

6