ނަޞޭޙަތާއި އިރުޝާދު
ތާރީޚުން ފިލާވަޅެއް: އެންމެ ފަހު ވަގުތުވެސް

އަޅުގަނޑު ތިބޭފުޅުންނާއި މި ބައްދަލުކޮށްލީ އަޅުގަނޑުމެންގެ މާޒީގައި ހިނގާފައިވާ ޢިބްރަތްތެރި ހާދިސާއެއް ކިޔައިދިނުމަށްޓަކައެވެ.

ލޮބްވެތި އަޚުންނާއި އުޚުތުން. ތާރީޚަކީ މުސްތަޤްބަލުގެ ލޯގަނޑެވެ. އިސްލާމްދީނަކީ ފަޚްރުވެރި ތާރީޚެއް ލިބިގެންވާ މަތިވެރި ދީނެކެވެ.

އަޅުގަނޑުމެން އެ ތާރީޚެއް އެންމެ ބޮޑަށް ދިރާސާ ކުރަންޖެހޭ ތާރީޚަކީ އިސްލާމީ ތާރީޚެވެ. ވަކިން ޚާއްސަކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ނުބުއްވަތުގެ 23 އަހަރެވެ.

ދެން މިއަދުގެ ވާހަކަ ފަށަމާތޯއެވެ.

އާދައިގެމަތިން މައްކާގެ މީސްތަކުން ހޭލަމޭލައަށް އުޅެމުންދެއެވެ. ފެންނަމުންދަނީ މައްކާގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން މީހެއްގެ ގެއެއްގެ ފެންޑާއެވެ. އެ ފެންޑާގައި ބަޔަކު މީހުން ޖަމާވެ ތިއްބެވެ. އެ ފެންޑާ މަތީގައި އެނދެއް ބެހެއްޓިފައިވެއެވެ. އެ އެނދުގެ މަތީގައި މުސްކުޅިޔަކު މަރުބައްޔަށް ޙާޟިރުވެފައިވެއެވެ. މުޅި މާހައުލުގައި ވަނީ ހަމަހިމޭންކަމެވެ. އެ މުސްކުޅިޔާގެ އެނދުގެ ވަށައިގެން އެތިބަ މީހުންނަކީ މައްކާގެ އެކި ޤަބީލާތަކަށް ނިސްބަތްވާ މީސްތަކުންނެވެ. ޤަބީލާތަކުގެ އިސްވެރިންނެވެ. އަބޫޖަހުލު ކަހަލަ އޭރު މައްކާގެ މުޖުތަމަޢުގައި ބަސް ވިކޭ މީހުންނެވެ.

ކުއްލިއަކަށް އެ ހަމަހިމޭންކަން ފޫއަޅުވާލީ އެތަނަށް ވަޑައިގެންނެވި ބޭފުޅެއްގެ ސަބަބުންނެވެ. ޢުމުރުން ސާޅީހުގެ އަހަރުތައް ގުނުއްވަމުން ގެންދެވި ބޭފުޅެކެވެ.

އެ މުސްކުޅިޔަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން، އެކަލޭގެފާނު ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެންނެވި އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުއެވެ.

މާތް ނަބިއްޔާގެ މަތިވެރި އަޚްލާޤާ ރިވެތި މިޒާޖުފުޅުގެ ސަބަބުން އިންތިހާ ދަރަޖައަށް އަބޫޠާލިބުގެފާނު އެކަލޭގެފާނުދެކެ ލޯބިފުޅުވެ ވަޑައިގަންނަވައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ކިޔަމަންތެރިކަމާ އިޙްތިރާމާއެކު އިސްލާމްދީނުގެ ދަޢުވަތު ބޮޑުބޭބޭފުޅަށް ދެއްވުމުގައި ދެމިހުންނެވިއެވެ.

އެތަނުގައި އަބޫޖަހުލު ހުއްޓެވެ. އަބޫޖަހުލު އެތަނަށް ދިޔަ ބޭނުމަކީ އަބޫޠާލިބު އިސްލާމްވެދާނެތީ އެކަން ހުއްޓުވުމަށެވެ. އެއީ ޢަބްދުމަނާފު ވަންހައިގެ ބޮޑަކީ އަބޫޠާލިބެވެ. އަބޫޠާލިބު އިސްލާމްވެއްޖިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަ ބާރުގަދަވާނެއެވެ.

އަބޫޠާލިބުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އެންމެފަހުގެ ނޭވާފުޅުތައް ލައްވަމުން ގެންދެވި ވަގުތުވެސް ނުހަނު އޯގާތެރިކަމާއެކު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވައްސަލަމަ ޙަދީޘްކުރެއްވިއެވެ. ”އޭ ބޮޑުބޭބޭފުޅާއެވެ. ކަލޭގެފާނުގެ އިސްލާމްކަމުގެ މައްޗަށް ﷲގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު ހެކިވެވަޑައިގަންނަވާނޭ ބަސްފުޅަކަށްޓަކައި لا إله إلا الله އޭ ވިދާޅުވާށެވެ.“

އެހިނދު އަބޫޖަހުލު ފުންމައިގެން ތެދުވިއެވެ. އަބޫޖަހުލު ބުންޏެވެ. ”އޭ އަބޫޠާލިބާއޭ! ކަލޭ ޢަބްދުލް މުއްޠަލިބުގެ ދީން ދޫކޮށްލަނީ ހެއްޔެވެ؟“

އެވަގުތު އަބޫ ޠާލިބު ޚިޔާރުކުރާނީ ކާކުގެ ބަހެއްތޯ ބަލަން އެންމެން ޝައުޤުވެރިކަމާއިއެކު ތިއްބެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. އަނެއްކާވެސް އިތުރު އެކަލޭގެފާނު ބޮޑުބޭބެގެ ގާތުގައި ޝަހާދަތްކިޔުމަށް އެދިވަޑައިގަތެވެ. ހަމަ ވަގުތުން އެއްކަލަ އަބޫޖަހުލު އޭނާގެ ގޮވެލިފަތި ގޮވައިގަތެވެ. އެކުވެރިންނޭ! މިހިސާބުން މުސައްޔިބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ސަޢީދުގެ ގާތުގައި ވިދާޅުވިކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެދުވަހު އަބޫޠާލިބު އެންމެ ފަހުން މަރުވެގެން ދިޔައީ އޭނާގެ ކާބަފައިންގެ ދީންކަމަށްވާ ޢަބްދުލްމުއްޠަލިބުގެ ދީނުގެ މަތީގައެވެ. ކުފުރާ ޝިރުކުގެ މަތީގައެވެ.

ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާއަށް އަބޫޠާލިބު ވީ ކީއްވެ؟

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

”‏ إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ ‏“‏  (ރިވާކުރެއްވީ މުސްލިމް)

”ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާ، އަލިފާނުންވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުން، އޭނާގެ ސިކުނޑި ބޮކިޖަހައި، ކެކެމުން ދާނެއެވެ.“

ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހަކީ އަބޫޠާލިބެވެ.

އަބޫޠާލިބު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެކަލޭގެފާނަކީ އަމިއްލަ އުފަން ދަރިކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. އަބޫޠާލިބުގެ އަމިއްލަ ދަރިދަރިކަލުންނަށްވުރެވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްކަންދެއްވައެވެ. އެކަލޭގެފާނަށް ފުރިހަމަ އިޙްތިރާމް ދެއްވަވައި އެކަލޭގެފާނުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި އެންމެހައި ކަންކަމެއްގައިވެސް އެކަލޭގެފާނަށް އަބަދުވެސް އެއްބާރުލުންދެއްވައި، ޙިމާޔަތާއި ރައްކާތެރިކަން ދެއްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނުގެ ދިފާޢުގައި މީސްތަކުންނާއި ޖަދަލުކުރައްވައެވެ. މިގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެގާތް އެކުވެރިއެއްގެ ގޮތުގައި އަބޫޠާލިބު ސާޅީހަށްވުރެ ގިނަ އަހަރު އެކަލޭގެފާނާއި އެކުގައި ހޭދަކުރެއްވިއެވެ.

މިސަބަބުތަކަށްޓަކައި ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހަކީ އަބޫޠާލިބުކަމުގައިވިއެވެ.

މި އަރޓިކަލް އަޑުއައްސަވާލެއްވުމަށް….

 

12