ރަމަޟާން
ރަމަޟާން މަހުގައި އެންމެ މޮޅުއިތުރުވެގެންވާ 3 ވަގުތު

ފުރަތަމަ ވަގުތު:

(ފަތިސް ނަމާދު ފަސް)

އަލްއިމާމް އަންނަވަވީ (رحمه الله) އެ ބޭފުޅާގެ ”ކިތާބުލް އަޛްކާރު“ގައި ވިދާޅުވެފައިވެއެވެ.

”ދަންނާށެވެ! ދުވާލުގައިވާ ޒިކުރުކުރުމުގެ ވަގުތުތަކުގެ ތެރެއިން ޒިކުރުކުރުމަށް އެންމެ މަތިވެރިވެގެންވާ ވަގުތަކީ ފަތިސް ނަމާދުގެ ފަހުގެ ވަގުތެވެ.“

އަދި ރަސޫލާ ﷺ ފަތިސް ނަމާދު ކުރެއްވުމަށްފަހު، އިރު ފާޅުވެއްޖައުމަށް ދާންދެން އެކަލޭގެފާނުގެ މުޞައްލަފުޅުގެ މަތީގައި އިށީނދެވަޑައިގެން އިންނަވައެވެ.

ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

”ޔާ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށްޓަކައި އެބައިމީހުންގެ ހެނދުނުގައި ބަރަކާތް ލައްވައިފާނދޭއެވެ!“

އެހެންކަމުން، ފަތިސް ނަމާދުގެ ފަހުން ނިދުން އެދެވިގެންނުވެއެވެ. އަދި ކިއެއްތަ! އަޅުގަނޑުމެންގެ މައްޗަށްވަނީ ޒިކުރާއި ދުޢާތަކުން އެ ވަގުތު އިޙްޔާ ކުރުމެވެ. އަދި ޚާއްޞަ ގޮތެއްގައި، އެ މަހެއްގައި ޘަވާބާއި ދަރުމަ އިތުރުވާ ބަރަކާތްތެރި ރަމަޟާން މަހުގައި މި ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭނެއެވެ.

ދެވަނަ ވަގުތު:

(އިރުއޮއްސުމުގެ ކުރިން)

ރޯދަވީއްލުން ތައްޔާރުކުރުމުގައި މަޝްޣޫލުވުމުގެ ސަބަބުން ބައެއް ފަހަރު މި އަގުބޮޑު ވަގުތު ރޯދަވެރިޔާގެ އަތުން ބީވެގެންދެއެވެ. މިއީ، ރޯދައިގެ އަޖުރު ހޯދަން ގަދައަޅާ މަސައްކަތްކުރާ މީހާއަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނީ، އެ ވަގުތަކީ އަގުހުރި ވަގުތެކެވެ. އަގުބޮޑު މިނެޓު ކޮޅެކެވެ. އެއީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާކުރުމާއި ދެންނެވުމަށް އެންމެ މޮޅު އިތުރުވެގެންވާ ވަގުތުތަކުގެ ތެރެއިން އެއް ވަގުތެވެ. އެއީ، ދުޢާ އިޖާބަކުރައްވާ ވަގުތުތަކުގެ ތެރެއިން އެއް ވަގުތެވެ.

ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

”ތިން މީހެއްގެ ދުޢާ އިޖާބަ ކުރެއްވިގެން ވެއެވެ. ރޯދަވެރިޔާގެ ދުޢާއާއި، އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި އަދި ދަތުރުވެރިޔާގެ ދުޢާއެވެ.“

އެހެންކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ދެންނެވުމުގައި މި ވަގުތުގައި މަޝްޢޫލުވާން ހިންގަވާށެވެ!

ތިންވަނަ ވަގުތު:

(ހާރުދަމުގެ ވަގުތު)

ހާރުދަމުގެ ވަގުތަކީ ފަތިސް ނަމާދު ވަގުތު ވަނުމުގެ ކުޑައިރު ކޮޅެއްގެ ކުރިއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ سورة الذاريات ١٨

މާނައީ: ”އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާ ކުރެތެވެ.“

ލޮބުވެތި އަޚާއެވެ! ފަތިސް ނަމާދުގެ ބަންގި ގޮވުމަށް ދާންދެން ދުޢާކުރުމާއި ފާފަފުއްސެވުމަށްއެދި ދެންނެވުމުގައި މި އަގުބޮޑު ވަގުތު ހޭދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ!

އަދި އަޅުގަނޑުމެން މިތިބީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާއާ އަޅުގަނޑުމެންނާ ދެމެދުގައިވާ ގުޅުން ވަރުގަދަކުރުމަށް މި ރޫޙާނީ މިނެޓުކޮޅުގެ ބޭނުން ހެޔޮގޮތުގައި ކުރާށެވެ!

281