ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ދުވަހުގައި ބަރަކާތް ލެއްވުން އެދި ކުރެވިދާނެ ދުޢާއެއް

ބަރަކާތަކީ ދިރިއުޅުމުގެ އުފާވެރިކަން އެކަމެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު އެއް އަސާސެވެ. ބަރަކާތުގެ އިޞްތިލާޙީ މާނައަކީ އިލާހިއްޔަ ހެޔޮކަން އެއްޗެއްގައި ނުވަތަ މީހެއްގެ ކިބައިގައި ޘާބިތުވެފައިހުންނަ ހުރުމެވެ.

ކަމަކުން ބަރަކާތް ކެނޑެން ފަށައިފިނަމަ، އެކަމެއްގެ ހެޔޮކަން ފިލައިގޮސް، އެކަމަކުން މަންފާ ލިބޭ މިންވަރު މަދުވާން ފަށައެވެ. މި ހޭލަމޭލަ، ހަލަބޮލި ޒަމާނުގައި އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ދިރިއުޅުމުގެ ކަންކަމުން ބަރަކާތް ކެނޑި، ދިރިއުޅުން އުނދަގޫ ވަމުންދާކަމުގެ ޝަކުވާއެވެ. ކަންމިހެންހުރުމާއެކު، ބަރަކާތް ހާސިލުކުރެވޭނެ މަގުތަކަށް އަޅުގަނޑުމެން މިވަނީ އިންތިހާއަށް ބޭނުންޖެހިފައެވެ.

ކަންކަމުގައި ބަރަކާތް ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ބަރަކާތް ޙާސިލުކުރެވޭނެ މަގުތަކުގެ ތެރެއިން މަގެކެވެ. ބަރަކާތްލެއްވުން އެދި ކުރެވިދާނެ ބައެއް ދުޢާ ނަބަވީ ސުންނަތުގައި އައިސްފައިވެއެވެ. މިފަދައިން އައިސްފައިވާ އެއް ދުޢާ އަކީ

أَصْبَـحْـنَا وَأَصْبَـحَ المُـلْكُ لِلّهِ رَبِّ العـالَمِـيْن، اللّهُـمَّ إِنِّـي أَسْـأَلُـكَ خَـيْرَ هَـذَا الـيَوْمِ ، فَـتْحَهُ ، وَنَصْـرَهُ ، وَنُـوْرَهُ وَبَـرَكَتَـهُ، وَهُـدَاهُ، وَأَعُـوْذُ بِـكَ مِـنْ شَـرِّ مَا فِـيْهِ وَشَـرِّ مَا بَعْـدَه.

މާނަ: {އަޅަމެން ހެނދުނުކޮށްފީމުއެވެ. އަދި އެންމެހާ ވެރިކަމެއް ޢާލަމްތަކުގެ ވެރި ރައްބަށްޓަކައި ހެނދުނުކޮށްފިއެވެ. (ނުވަތަ އެންމެހާ ވެރިކަމެއް ޢާލަމްތަކުގެ ވެރި ﷲއަށް މިލްކުވެއްޖެއެވެ.)

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. ހަމަކަށަވަރުން މިއަޅާ އިނބަ ﷲގެ ޙަޟްރަތުން މި ދުވަހުގެ ހެޔޮކަން ދެއްވުމަށް އެދި ދަންނަވަމެވެ. އެބަހީ މިދުވަހުގެ ފަތަޙައާއި، މިދުވަހުގެ ނަޞްރާއި، މިދުވަހުގެ ނޫރާއި، މިދުވަހުގެ ބަރަކާތާއި، މިދުވަހުގެ ހިދާޔަތެވެ.

އަދި މިއަޅާ އިނބަ ﷲގެ ޙަޟްރަތުން މިދުވަހުގައިވާ ނުބައިކަމުންނާއި މިއަދަށް ފަހުގައިވާ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.}

މިއީ ހެނދުނުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާއެކެވެ. ހަވީރުގެ ވަގުތުގައި މި ދުޢާ ވިދާޅުވާއިރު ވިދާޅުވާނީ މިފަދައިންނެވެ.

أَمْسَيْـنَا وَأَمْسَي المُـلْكُ لِلّهِ رَبِّ العـالَمِـيْن، اللّهُـمَّ إِنِّـي أَسْـأَلُـكَ خَـيْرَ هَـذِهِ الـلَيْلَةِ ، فَـتْحَهَا ، وَنَصْـرَهَا ، وَنُـوْرَهَا وَبَـرَكَتَـهَا، وَهُـدَاهَا، وَأَعُـوْذُ بِـكَ مِـنْ شَـرِّ مَا فِـيْهَا وَشَـرِّ مَا بَعْـدَهَا

މި ދުޢާ ފެށުމުގައި އަޅާ އެދެނީ ދުވަހުގެ ހެޔޮކަން ދެއްވުމަށެވެ. ދެން އަންނަނީ “ދުވަހުގެ ހެޔޮކަން” މި ޢިބާރާތުގެ އިތުރު ޝަރަޙައެކެވެ. މިގޮތުން “ދުވަހުގެ ފަތަޙަ”އަށް އެދިފައިވެއެވެ. މި ޙަދީޘްފުޅު ޝަރަޙަކުރެއްވި ޢިލްމުވެރިން ފަތަޙައިގެ މާނައެއް ކަމުގައި ވިދާޅުވެފައިވަނީ އެއީ ޢިލްމުގެ ދޮރުތައް، ރަޙްމަތުގެ ދޮރުތައް، ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤުގެ ދޮރުތައް އަދި ރިޒުޤުގެ ދޮރުތައް ހުޅުއްވައިދެއްވުމެވެ.

مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ ۚ

މި ދުޢާގައި ދެން އެދެނީ ދުވަހުގެ ނަޞްރު ދެއްވުމަށެވެ. އެއީ އިލާހީ މަދަދު ދެއްވުން އެދި ދެންނެވުމެވެ.

މި ދުޢާގައި ދެން އެދެނީ ދުވަހުގެ ނޫރު ދެއްވުމަށެވެ. މި ޙަދީޘްފުޅު ޝަރަޙަކުރެއްވި ޢިލްމުވެރިން ނޫރުގެ މާނައެއް ކަމުގައި ވިދާޅުވެފައިވަނީ އެއީ ޢިލްމު ދެއްވުން ނުވަތަ ހިދާޔަތް ދައްކަވައިދިނުން އެދުން ކަމުގައެވެ. މި ދުޢާގައި ދެން އެދެނީ ދުވަހުގެ ބަރަކާތް ދެއްވުމަށެވެ. މި ޙަދީޘްފުޅު ޝަރަޙަކުރެއްވި ޢިލްމުވެރިން ބަރަކާތުގެ މާނައެއް ކަމުގައި ވިދާޅުވެފައިވަނީ އެއީ ޙަލާލު ރިޒުޤު ނުވަތަ ޙަލާލު އާމްދަނީގައި ބަރަކާތް ލެއްވުން އެދުން ކަމުގައެވެ. އަދި އާއިލީ ގުޅުން ތަކުގައި ބަރަކާތް ލެއްވުން އެދުން ކަމުގައެވެ. އަދި ވަޤުތުގައި ބަރަކާތް ލެއްވުން އެދުން ކަމުގައެވެ. ވަޤުތުގައި ބަރަކާތް ލެއްވިފައި ނުވާނަމަ؛ ފެން ހިފޭ އޮއްޓަރުހުރި ރަނގަޅުކަމެއްނުކުރެވި އުޅެނިކޮށް ދުވަސް ނިމިގެންދާނެއެވެ. ވަޤުތުގައި ބަރަކާތް ލެއްވިފައި ވާނަމަ؛ ފެން ހިފޭ އޮއްޓަރުހުރި ގިނަ ރަނގަޅު ކަންކަން އެ ދުވަހެއްގައި ކުރެވޭނެއެވެ. މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދޭ މީހާ, މާތް الله ހަނދުމަކުރުން ގިނަކުރާށެވެ.

ހެނދުނާއި ހަވީރުގައި ކުރުމަށް އައިސްފައިވާ ދުޢާތަކަކީ ޝާމިލު ދުޢާތަކެކެވެ. އެ ދުޢާތައް ކުރުމުގެ ސަބަބުން ދުނިޔަވީ ހެޔޮކަމާއި އުޚުރަވީ ފަލާޙް ލިބެއެވެ. ޙަސަދަވެރިން، ޖިންނި ޝައިޠާނުން، އަދި ސިހުރުން ރައްކާތެރިކަން ލިބެއެވެ. މުޞީބާތްތަކުން ރައްކާތެރިކަން ލިބި ޢާފިޔަތު ލިބެއެވެ.

މި އަރޓިކަލްގެ ޕީޑީއެފް ޑައުންލޯޑް ކުރެއްވުމަށް:

Dhuvahugai_barakaai_levvun_edhi_kurevidhane_duaei

ނޯޓު:

އިމާމް އަލްބާނީ މި ޙަދީޘްފުޅަކީ ޙަސަން ދަރަޖައިގެ ޙަދީޘްފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި الشيخ شعيب الأرناؤوط

ވެސް މި ޙަދީޘްފުޅަކީ ޙަސަން ދަރަޖައިގެ ޙަދީޘްފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MauoonShareef

 

 

123
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top