ނަޞޭޙަތާއި އިރުޝާދު
ތިބާގެ މާދަރީ ބަހުން ތިބާއާ ދައްކާ ވާހަކަ ފޯރާނީ ތިބާގެ ހިތަށެވެ.

ނެލްސަން މަންޑޭލާ ވިދާޅުވެފައި ވެއެވެ. ބޭރު ބަހަކުން ތިބާއާ ދެއްކޭ ވާހަކަ ފޯރާނީ ތިބާގެ ސިކުނޑިއަށެވެ. ތިބާގެ މާދަރީ ބަހުން ތިބާއާ ދައްކާ ވާހަކަ ފޯރާނީ ތިބާގެ ހިތަށެވެ.

ތެދުފުޅެކެވެ. އަމިއްލަ މާދަރީ ބަހުރުވައިން ވާހަކައެއް ނުވަތަ ނަސޭހަތެއްގެ އަޑު އިވުމުން ހިތާއި ރޫޙަށް ކުރާ އަސަރު، އެހެން ކޮންމެ ބަހުރުވަޔަކުން ނުވަތަ ބަހަކުން އެ ވާހަކަތައް ދެކެވުނަސް ކުރާ އަސަރަށް ވުރެ އެތައް ގުނައެއް ބޮޑެވެ. މިއީ ޢިލްމީ ގޮތުން ވެސް ސާބިތުކުރެވެން ހުރި ކަންކަމެވެ.
މި ދާއިރާގެ ޢިލްމުވެރިން ޤައުމުގެ ވާހަކަ ފަށަނީވެސް މި އަސާސުންނެވެ. ޚާއްސަކޮށް މާދަރީ ބަހުގެ ވާހަކައިން. ތަޢުލީމު ދިނުމާއި އުނގަންނައިދިނުމުގެ ޒިންމާގެ ވާހަކަ ފެށެނީވެސް މި ނުކުތާއިންނެވެ. ޤައުމެއްގެ ވުޖޫދަށްޓަކައި އެ ޤައުމެއްގެ ދަރީންނަށް އެ ޤައުމެއްގެ މާދަރީބަހުން ކިޔަވައިދޭން ގޮވައިލެވެނީވެސް މި ސަބަބަށްޓަކައެވެ. ތަރައްޤީގެ އުސް ކުރިބޯށިތަކަށް ވާސިލުވެވިފައިވާ ޤައުމުތަކުން އެ ކުރިބޯށިތަކަށް ވާސިލުވުމަށް ބޭނުންކުރީ މާދަރީބަހުގެ ސިޑިއެވެ.
ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި އިސްތިޢުމާރުގެ ދުވަސްވަރުގައި އަމިއްލަ ބަސް ފައިބުޑަށް ވައްޓާލި ކޮންމެ ޤައުމެއްވެސް ގޮސް ވެއްޓުނީ އެހެން ޤައުމެއްގެ ފައިބުޑަށެވެ. އަމިއްލަ އިސްތިޤްލާލާއެކީ އެ ޤައުމުތަކަށް ހިންދެމިއެއްނުލެވުނު. މިސާލަކަށް ބަލާލާނަމަ، އެފްރިކާ ގެ ޤައުމުތަކަށް ބައްލަވާށެވެ. އިސްތިޢުމާރުގެ ދުވަސްވަރުގައި އަމިއްލަ ބަސް ނެގެހެއްޓި ޤައުމުތައް ކުރިއަރާ ދިޔައެވެ. މިސާލަކަށް ބަލާލާނަމަ، ޖަޕާނު، ކޮރެއާ ފަދަ ޤައުމުތަކަށް ބައްލަވާށެވެ.
ޔަހޫދީ މުފައްކިރެއް ކަމުގައިވާ އިލިއާޒަރު ބިން ޔަހޫދާ ބުނެފައިވެއެވެ. ”ބަހަކާއި ނުލާ އުއްމަތަކަށް އެއްވެސް ދިރުމެއްނެތޭ.“

އޭނާގެ މި އިރުޝާދަށް ތަބާވެ ފައްޅިތެރޭގައި އެކަނި ބޭނުންކުރެވެމުންދިޔަ ހިބުރޫ ބަސް މިއަދު ވަނީ ރޮކެޓް ސައިންސާއި ހަމައަށް ތަރައްޤީކޮށްފައެވެ.
ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ތަފާތު ޤައުމުތަކުން އިޒުރޭލަށް ޖަމާވަމުންދާ އެންމެން އެއް ފިކުރަކަށް އެއް އަސްލަކަށް ގުޅުވާ ތަތްކޮށްދޭ ތެރަހަކީ ހިބުރޫ ބަހެވެ.
މުޞްތަފާ ޞާދިޤު ވިދާޅުވެފައިވެއެވެ.
”ބައެއްގެ ބަސް ނިކަމެތިވެއްޖިއްޔާ އެބަޔަކު ނިކަމެތި ނުވެއެއް ނުދާނޭ.“

މަޝްހޫރު އަދީބު ޔޫސުފު އަލިފުޅު ވިދާޅުވެފައިވެއެވެ.
ގަހަށް ނެތް ލޯބި ފަތަކަށް ހުރުމަކީ ނޭކަށޭނެ ކަމެއް
ބަހަށް ނެތް ކުލުނު ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް

އަޅުގަނޑުމެންނަކީ ދިވެހިންނެވެ. ދިވެހިންގެ މާދަރީ ބަހަކީ ދިވެހިބަހެވެ.

”މާދަރީ ބަހަށް ކުދިން އަހުލުވެރި ކުރުވާށެވެ. މާދަރީ ބަހުން ފުރިހަމަކޮށް މުޢާމަލާތުކުރާށާއި ފަހުމު ކުރާން އެނގޭނަމަ ދިރިއުޅުމުގައި ދިމާވާ އެތައް މައްސަލަތަކެއް ހައްލުވާނެއެވެ. އަދި ތަފާތު މިޒާޖުގެ މީހުނާއި އެކުވެ އުޅެން ފަސޭހަވާނެއެވެ. މާދަރީ ބަހަކީ ބާރުގަދަ އެއްޗެކެވެ. އަދި ބޮޑު އެހީތެރިއެކެވެ.“–ޙަމަދު ސުކޫލް ޕްރިންސިޕަލް މުޙައްމަދު ޝައުކަތު

9