ނަޞޭޙަތާއި އިރުޝާދު
ސުކޫލަށް ދާން ތައްޔާރުވަމުން ޤުރުއާން އަޑުއެހި ހަނދާން އެބަހުރިތަ؟

ޤުރްއާން އަޑުއެހުމަކީ ޘަވާބުލިބޭ ކަމެކެވެ. ޤުރްއާން އަޑުއެހުމަކީ ރަޙްމަތެކެވެ. ބަރަކާތެކެވެ. އާދަވެ ކޮންމެ ދުވަހަކު ކުރާ ކަންކަމުގެ ލިސްޓަށް އިތުރު ކޮށްލަން ޖެހޭ ކަމެކެވެ. އެހެންމީހެއްގެ ކިޔެވުން އަޑުއަހާލުމުން، ޤުރްއާނާމެދު ވިސްނާ ފިކުރު ކުރަން ފަސޭހަވެއެވެ.
އެއްދުވަހަކު عبد الله بن مسعود رضي الله عنه އަށް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
اقرأْ علَيَّ القرآنَ ތިމަންކަލޭގެފާނު އަޑު އެއްސެވުމަށް ޤުރުއާން ކިޔަވާ ވިދާޅުވާށެވެ.

عبد الله بن مسعود رضي الله عنه ވިދާޅުވިއެވެ. 

يا رسولَ اللهِ كيفَ أقرأُ عليك وإنما أُنزِل عليك

އޭ ﷲ ގެ ރަސޫލާއެވެ.ކަލޭގެފާނަށް ތިމަންކަލޭގެފާނު، ޤުރުއާން ކިޔަވައިދިނުމުގެ ބޭނުމެއް އޮވެދާނެ ބާވައެވެ؟ އެހެނީ އެ ޤުރުއާން ބާއްވައިލެއްވެނީ ކަލޭގެފާނުގެ މައްޗަށެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

إني أشتهي أن أسمعَه من غيرِي

އެހެންމީހުން ޤުރުއާން ކިޔަވާ އަޑު އައްސަވަން ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.

  ދެން عبد الله بن مسعود رضي الله عنه ނިސާ ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން 41 ވަނަ އާޔަތާއި ހަމައަށް ކިޔަވާ ވިދާޅުވިއެވެ.

 { فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلَاءِ شَهِيدًا } 
މާނައީ: [ފަހެ، ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ އުއްމަތެއްގެ ނަބިއްޔަކު)ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، ކޮންފަދަތޯއެވެ؟]
عبد الله بن مسعود رضي الله عنه ވިދާޅުވިއެވެ. نظرت إليه وعيناه تذرفانِ
ތިމަންކަލޭގެފާނު ރަސޫލާ صلى الله عليه وسلم އާއި ދިމާލަށް ބައްލަވާލެއްވީމެވެ. އެހިނދު އެކަލޭގެފާނުގެ ދެލޯފުޅު ތެމި ކަރުނަފޮދު ފައިބާތީ ދެކެލެއްވީމެވެ.

ابن القيم (رحمه الله) ވިދާޅުވެފައިވެއެވެ. ”ޤުރުއާން އަޑުއެހުމަކީ އެންމެ މާތްވެގެންވާ ހެޔޮޢަމަލު ތަކުގެ ތެރެއިން ޢަމަލެކެވެ.“
 ހަފްތާއެއް ފާއިތުވެގެންދާއިރު އަޅުގަނޑުމެން ތަފާތު ޚަބަރުތަކާއި ޕްރޮގްރާމްތައް ޓީވީއާއި ރޭޑިއޯ، ޔޫޓިޔުބުން އަޑުއަހަމުއެވެ. އަޅުގަނޑުމެންގެ ޙާލަތަކީ މިއީ ކަމުގައިވާއިރު، ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފުސާއި ކުރައްވަންވީ ސުވާލަކީ އަޅުގަނޑަށް މި ހަފްތާތެރޭގައި ކީރިތި ޤުރުއާނުގެ ކިތައް ސޫރަތް އަޑުއެހުނުތޯ؟ މިފަދައިން އަމިއްލަ ނަފުސާއި ކުރެވިދާނެ ސުވާލުތައް ބައިވަރެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ޔޫޓިޔުބުފަދަ މަންސަތަކުން އަޑުއެހެން ހުރިއިރު، ކީރިތި ޤުރުއާނުގެ ތަރުޖަމާ އަޑު އަހާލަން ވަޤުތުކޮޅެއް ހޭދަކޮށްލެވޭތޯ؟ ޤުރުއާން އަޑުއެހުމަކީ ހިތުދަސްކުރުން ފަސޭހަކޮށްދޭ ކަމެއްކަމުގައި ވާއިރު، ހިތުދަސްކުރުމުގެ ނިޔަތުގައި ޤުރުއާން އަޑުއަހަން ވަޤުތު ހޭދަކުރެވޭތޯ؟

  އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚުތުންނަށް ޓީވީ ސީރީސްއެއްގެ 114 އެޕިސޯޑް ބަލާލުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އެކަމަކު ކީރިތި ޤުރުއާނުގެ 114 ސޫރަތް ކިޔެވުމަކީ ބޮޑު ކަމެކެވެ. ކީރިތި ޤުރުއާނުގެ 114 ސޫރަތް އަޑު އެހުމަކީ ބޮޑު ކަމެކެވެ.

އަޅުގަނޑުމެންނަށް އަޑުއެހޭނެ އެންމެ މާތް، އެންމެ މޮޅު، އެންމެ ބަރަކާތްތެރި ބަސްފުޅަކީ ކީރިތި ޤުރުއާނެވެ. ލިބޭ ހުސްވަގުތުތަކުގައި ބޭކާރު ވީޑިއޯތައް ބެލުމުގެ ބަދަލުގައި ކީރިތި ޤުރުއާން އަޑުއަހާ ބައެއް ކަމުގައި ވަމާތޯއެވެ؟

virtues of listening quran

36