ނަޞޭޙަތާއި އިރުޝާދު
އަލްޤަޞްވާއު ޖަމަލުކޮޅާއި ގުޅޭ ޝައުގުވެރި ވާހަކަތައް

ފުރަތަމަ ވާހަކަ: ހިޖުރައިގެ ދަތުރުފުޅުގައި ”އަލްޤަސްވާއު“

ރަސޫލާ صلى الله عليه وسلم ގެ ޢުމުރުފުޅުން ބޮޑު ބައި ފަހަނައަޅާ ދިޔައީ އަމިއްލަފުޅު މިލްކިއްޔާތުގައި ޖަމަލެއް ނެތިއެވެ. ހިޖުރައިގެ ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނޭކަން އެނގިވަޑައިގަތުމާއެކު ޖަމަލެއް ބައްލަވައިގަތުމުގެ ވިސްނުންފުޅު ކުރައްވަން ފައްޓަވައިފިއެވެ. މިގޮތުން އަބޫބަކުރުގެފާނުގެ އަތްޕުޅުން 400 ދިރުހަމަށް ޖަމަލެއް ބައްލަވައިގަތެވެ. އަބޫބަކުރުގެފާނު ބޭނުންފުޅުވެވަޑައިގަތީ މި ޖަމަލު ރަސޫލާ صلى الله عليه وسلم އަށް ހަދިޔާކުރައްވާށެވެ. އެކަމަކު ރަސޫލާ صلى الله عليه وسلم އެކަމަށް ދެކޮޅުހެއްދެވިއެވެ. އެހެންވެ އަބޫބަކުރުގެފާނަށް ޖެހިވަޑައިގަތީ އެ ޖަމަލު ވިއްކަވާށެވެ.
ޖަމަލު ބައްލަވައިގަތްއިރު، އެ ޖަމަލަށް ”އަލްޤަޞްވާއު“ މި ނަން ދެވިފައިވާތީ ރަސޫލާ صلى الله عليه وسلم ވެސް އެ ޖަމަލާއި މުޚާތަބުކުރެއްވީ ”ޤަޞްވާއު“ ގެ ނަމުންނެވެ. ޖަމަލަކީ ތޫނުފިލި ޖަނަވާރެކެވެ. ޖަމަލަށް ކިޔާ ނަމުން ސާހިބުމީހާ ގޮވާލުމުން ޖަމަލު އަންނާނެއެވެ.
ޖަމަލު އޭގެ މައިމީހާއާއިއެކީގައި ޢުމުރުން 4 ނުވަތަ 5 ވަނަ އަހަރާއި ޖެހެންދެން އުޅެއެވެ.
ރަސޫލާ صلى الله عليه وسلم ޤަސްވާ ބައްލަވައިގަތްއިރު އެ ޖަމަލުވަނީ މައިވީއްލޭ ޢުމުރަށް ފޯރާފައެވެ.

ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ވަޑައިގަތް ހިޖުރައިގެ ދަތުރުފުޅުގައި އެކަލޭގެފާނުގެ ސަވާރީއަކީ ”ޤަޞްވާއު“ އެވެ. މީސްތަކުންނަށް ”ޤަޞްވާއު“ އަކީ އާދަޔާޚިލާފު ސަވާރީއެއްކަން އެނގުނީ މަދީނާއަށް  ރަސޫލާ صلى الله عليه وسلم ވަދެވަޑައިގަތް ދުވަހުއެވެ.

މަދީނާ ދުށް އެންމެ އުފާވެރި ދުވަހުގައެވެ. މުސްތަޤްބަލުގައިވެސް އެ ދުވަހަށްވުރެ އުފާވެރި ދުވަހެއް މަދީނާ ނުދެކޭނޭ ދުވަހުގައެވެ.  

ރަސޫލާ صلى الله عليه وسلم އިންނެވީ ”ޤަޞްވާއު“އަށް ސަވާރުވެވަޑައިގެންނެވެ. އުފަލުން ފޮޅިފައި ތިބި މީސްތަކުން ”ޤަޞްވާއު“ ގެ ލަގަން އަތުލުމުގައި އެއްބަޔަކު އަނެއް ބަޔަކާއި ވާދަކުރަނީއެވެ. ކޮންމެ ބަޔަކުވެސް ބޭނުންވީ ”ޤަޞްވާއު“ ގެ ލަގަނުގައި ހިފާ އެމީހުންގެ ގެޔަށް ”ޤަޞްވާއު“ ގެންދިޔުމަށެވެ. ރަސޫލާ صلى الله عليه وسلم އަށް މެހެމާންދާރީ އަދާކުރުމުގެ ޝަރަފާއި ބަރަކާތް ލިބިގަތުމަށެވެ. ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ހަދީސްކުރައްވަމުން ގެންދެވިއެވެ. ”دعوها فإنها مأمورة“ އެ ޖަމަލު ދާނެ ތަނަކަށް ދާން ދޫކޮށްލާށެވެ. އެއީ އިލްހާމު ލިބިގެންވާ ޖަމަލެކެވެ.

ދެވަނަ ވާހަކަ: ރަސޫލާ صلى الله عليه وسلم ގެ ދަތުރުފުޅުތަކުގައި ސުންނަތް ނަމާދުތައް ކުރެއްވީ ޤަސްވާ ޖަމަލުކޮޅު މަތީގައެވެ.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُما: «أَنَّ رَسُولَ اللَّهِ ﷺ كَانَ يُسَبِّحُ عَلَى ظَهْرِ رَاحِلَتِهِ، حَيْثُ كَانَ وَجْهُهُ، يُومِئُ بِرَأْسِهِ، وَكَانَ ابْنُ عُمَرَ يَفْعَلُهُ»

وَفِي رِوَايَةٍ: «كَانَ يُوتِرُ عَلَى بَعِيرِهِ»

وَلِمُسْلِمٍ: «غَيْرَ أَنَّهُ لا يُصَلِّي عَلَيْهَا الْمَكْتُوبَةَ»

وَلِلْبُخَارِيِّ: «إلاَّ الْفَرَائِضَ»

ޢަބްދު ﷲ ބިން ޢުމަރު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ސަވާރީކޮޅުގެ މަތީގައި އިންނަވައިގެން، ކޮންމެ ދިމާއަކަށް އޭގެ މިސްރާބު އޮތްކަމުގައި ވިޔަސް، ސުންނަތް ނަމާދުކުރައްވައެވެ. އަދި ނަބިއްޔާގެ އިސްތަށިފުޅުން އިޝާރަތް ކުރައްވާ (ރުކޫކޮށް ސަޖިދަކޮށް) ހައްދަވައެވެ. އަދި އިބްނު ޢުމަރު ވެސް ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ.

އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ނަބިއްޔާގެ ޖަމަލުކޮޅު މަތީ ވިތުރި ކުރައްވައެވެ.

އަދި މުސްލިމުގެ ރިވާޔަތެއްގައި ވެއެވެ: ފަރުޟު ނަމާދުތައް އޭގެ މަތީ ނުކުރައްވައެވެ.

އަދި ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ: ފަރުޟު ނަމާދުތަކުގައި އެފަދައިން ނުކުރައްވައެވެ.

[البخاري 1105 واللفظ له، ومسلم 700


ސީރަތުގެ ވަރަށް ގިނަ ހާދިސާތަކުގައި ”ޤަޞްވާއު“ ގެ ދައުރު ފެންނަން އެބައޮތެވެ. މިސާލަކަށް ބަދުރު ހަނގުރާމަ، فتح مكة ،އަދި ޙައްޖަތުލްވަދާޢު ފާހަގަ ކޮށްލެވެއެވެ.


ތިންވަނަ ވާހަކަ: ޙައްޖަތުލްވަދާޢުގައި ”ޤަޞްވާއު“ ގެ ދައުރު

ރަސޫލާ صلى الله عليه وسلم  ޙައްޖަތުލް ވަދާޢުގައި މުޒުދަލިފާއަށް ވަޑައިގެން ނަމާދުކުރެއްވުމަށާއި އަވަހާރަފުޅުލެއްޕެވުމަށް މަޑުކުރެއްވީ މިހާރު މަސްޖިދު މަޝްޢަރުލްޙަރާމް ބިނާކުރެވިފައި ހުރި ހިސާބުގައެވެ. ރަސޫލާ صلى الله عليه وسلم މުޒުދަލިފާއަށް ވަޑައިގެން މަޣްރިބު ނަމާދާއި އިޝާނަމާދު ޖަމްޢުކޮށް ކުރެއްވިއެވެ. ދެން އަވަހާރަފުޅުލެއްޕެވިއެވެ. ފަތިސްވުމުން ފަތިސްނަމާދުކުރެއްވިއެވެ. އެއަށްފަހު ޤުޒަޙު ފަރުބަދަ ކައިރިޔަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ޖަމަލުކޮޅެއް ކަމުގައިވާ އަލްޤަޞްވާއުގެ މައްޗަށް ކޮޅަށް އަރާވަޑައިގަތެވެ. އަދި ޤިބުލައަށް ކުރިމަތިލައްވާ ހުންނަވާ، ޛިކުރުކުރެއްވިއެވެ.

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما

قَالَ: «طَافَ النَّبِيُّ ﷺ فِي حَجَّةِ الوَدَاعِ عَلَى بَعِيرٍ؛ يَسْتَلِمُ الرُّكْنَ بِمِحْجَنٍ».

ޢަބްދު ﷲ ބިން ޢައްބާސް رضي الله عنهما ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ޙައްޖަތުލްވަދާޢުގައި ނަބިއްޔާ ﷺ ޠަވާފު ކުރެއްވީ ޖަމަލުކޮޅު މަތީގައެވެ. އެކަލޭގެފާނު ޙަޖަރުލް އަސްވަދުގައި ބީއްސެވީ އަސާކޮޅަކުންނެވެ.

‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾‾
[البخاري 1607 واللفظ له، ومسلم 1272]


ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަވަހާރަވިތާ 3 މަސް ދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ القَصْوَىٰ (ޤަޞްވާ) އެވެ ކިޔުނު ޖަމަލުކޮޅު މަރުވިއެވެ. އެކަލޭގެފާނު އަވަހާރަ ވުމުގެ ހިތާމަ ކުރުމުގެ ސަބަބުން ޖަމަުކޮޅުގެ 2 ލޯ އަނދިރި ވިއެވެ. ކާއެއްޗެއް ނުކެވުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަވެ ދުނިޔެއާ ވަކިވެގެން ދިޔައެވެ.

 

ރެފަރެންސް:

الرحيق المختوم

عمدة الأحكام

22