ޚަބަރު
ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لا إله إلا الله محمد رسول الله އަކީ އަޒާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ: ހުކުރުޚުތުބާ

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لا إله إلا الله محمد رسول الله އަކީ އިސްލާމްދީން އެ ދެކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގަލެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ގެ އަޒާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ.

މާތްﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާ ގެ ހަދީޘް ބަސްފުޅުތަކުގެ ޝަރަހަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚް ދެކިފައެއް ނުވެއެވެ. އެހެނީ، މިއަދު އަހަރެމެންގެ ޖީބުގައި ވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވެއެވެ. މި ފަސޭހަޔާއެކު ޤްރުއާން ކިޔެވުމާއި ހަދީޘްތައް ކިޔުން އަހަރަމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް، ނުހަނު ފަސޭހައިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިއްމެވެ. އަދި ގާތް ގަޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތެވެ. އެހެންކަމުން ޤްރުއާން ކިޔެވުމާއި ހަދީޘް ކިޔުން އެމީހެއްގެ ކިބައިގައި އާދައެއްގެ ގޮތުގައި އަށަގަންނުވަން ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.  މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓް ޤްރުއާން ކިޔަވަން އަދި ފަސް މިނިޓް ޙަދީޘް ކިޔަން ހޭދަ ކުރެވިދާނެއެވެ. އެގޮތުގައި މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައި ވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިކަމަށް އާދަވުމާއެކު ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަޑުމަޑުން އިތުރު ކުރަމުން ދެވިދާނެއެވެ.

5