ނަޞޭޙަތާއި އިރުޝާދު
ޚާލިދު ބުން ވަލީދާއި 3 ކިޔަވާ ކުދިން ގެ ވާހަކަ

ދުވަސްވަރަކީ އަބޫބަކުރުގެފާނު ގެ ޚިލާފަތުގެ ދުވަސްވަރެވެ. 40 ދުވަސްތެރޭ މުސްލިމުން އިރާޤްކަރައިގެ ބޮޑު ބައެއް ފަތަޙަކޮށްފިއެވެ. މުސްލިމުންގެ ލަޝްކަރުގެ ޤާއިދަކީ ޚާލިދު ބުނު އަލްވަލީދު رضي الله عنه އެވެ.

އިރާޤްކަރައަށް ދިޔުމަށް މިސްރާބުޖަހާ، ދަތުރުކުރަމުންދިޔަ މުސްލިމުންގެ ލަޝްކަރެއް دومة الجندل ގައި ހައްޔަރު ކުރެވިއްޖެއެވެ. ހައްޔަރުކުރެވިފައިތިބި މުސްލިމުން ސަލާމަތްކުރަން دومة الجندل އަށް ދިޔުމަށް އަބޫބަކުރު رضي الله عنه، ޚާލިދުގެފާނަށް އަމުރުކުރައްވައިފިއެވެ. دومة الجندل އަށް ވަޑައިގަތުމުގެ ކުރިން ފަތަޙަވެފައިވާ ރަށްތަކުގައި ތިބި މުސްލިމުންގެ އަމަންއަމާންކަން ކަށަވަރުކުރެއްވުމަށް ޚާލިދުގެފާނު ބޭނުންފުޅުވިއެވެ. މިގޮތުން ޙީރާ ސަހަރު ކައިރީގައިވާ އަލްއަންބާރުން ފާރިސީންގެ ބާރު ނެތިކޮށްލެއްވިއެވެ. އެއަށްފަހު عين التمر އަށް މިސްރާބު ޖެއްސެވިއެވެ.

عين التمر ފަސޭހަކަމާއެކު ފަތަޙަކުރެވުނެވެ. عين التمر ގައި ނަޞާރާއިންގެ ފައްޅިއެއް ހުއްޓެވެ. އެ ފައްޅީގައި އިންޖީލު އުނގެނެމުންދިޔަ 40 ކިޔަވާކުދިން ޚާލިދުގެފާނަށް ފެނިވަޑައިގަތެވެ. އެ ކުދީންތަކުގެ ތެރޭގައި ސީރީން، ޔަސާރު އަދި ނުޞައިރު އޭ ކިޔުނު 3 ކުދިންވިއެވެ. މި 3 ކުދިންވެސް އިސްލާމްވިއެވެ. މި 3 ކުދިން ބޮޑުވެ، ދަރިންނާއި ކާފަ ދަރިން ލިބުނެވެ.

ސީރީންގެ އެއް ދަރިކަލުންނަކީ މުޙައްމަދު ބުން ސީރީން އެވެ. މުޙައްމަދު ބުން ސީރީން އަކީ ތާބިޢީބޭކަލުންގެ ތެރެއިން ޙަދީޘް، ފިޤްހު އަދި ހުވަފެން ތަފްސީރު ކުރުމުގެ ޢިލްމުން އަރައި ހުންނެވި ބޭކަލެކެވެ.

ނުޞައިރު ގެ ދަރިކަލުން މޫސާ ބުން ނުޞައިރު އަކީ އަންދަލުސް  އަދި އުތުރު އެފްރިކާ ފަތަޙަ ކުރެއްވި ލަޝްކަރުގެ އެއް ކޮމާންޑަރެވެ.

ޔަސާރު ގެ ކާފަދަރިކަލެއް ކަމުގައިވާ އަބޫ މުޙައްމަދު ބުން އިސްޙާޤް ބުން ޔަސާރު އަކީ މަޝްހޫރު ސީރަތު ފޮތް ސީރަތު އިބްނު އިސްޙާޤް ގެ މުޞައްނިފެވެ.

flowchart_khalidainthamru

Khalid bin Waleed aai 3 tullaabunge vahaka

”ޚާލިދު ބުނު ވަލީދު ކިސްރާއަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވެއެވެ. ”އިސްލާމްދީން ޤަބޫލު ކުރާށެވެ. އަމާންކަން ލިބިގެންދާނެއެވެ. އިސްލާމްދީން ޤަބޫލު ނުކޮށްފިނަމަ، ތިޔަބައި މީހުން ދިރިތިބުމަށް ލޯބި ކުރާފަދައިން، މަރުވުމަށް ލޯބި ކުރާ ބަޔަކު އަހަރެންނާއި އެކު އެބަތިއްބެވެ. އެމީހުން ގޮވައިގެން ތިބާގެ ގާތަށް މިދަނީއެވެ. ކިސްރާ މިސިޓީ ކިޔުއްވުމަށްފަހު، ޗައިނާގެ ރަސްގެފާނުގެ އަރިހަށް އެހީއަށް އެދި ސިޓީއެއް ފޮނުވިއެވެ. އެސިޓީގެ ޖަވާބުގައި ޗައިނާގެ ރަސްގެފާނު ވިދާޅުވެފައިވެއެވެ. ”އޭ ކިސްރާއެވެ. އެ މީހުންނާ ކުރިމަތި ލުމުގެ ކުޅަދާނަކަމެއް އަހަރެންގެ ކިބަޔަކު ނުވެއެވެ. އެމީހުން ފަރުބަދައެއް ހުރިތަނުން ނަގާ އެއްލާލަން ބޭނުން ނަމަވެސް އެމީހުން އެކަން ވެސް ކުރާނެއެވެ.“

31