ޚަބަރު
އަހަރެމެންގެ ތައުލީމީ ފޮތްތަކުގައި ޢަޤީދާއާއި، އީމާންކަމުގެ ބައިތަކާއި، ވާހަކަތައް އިތުރު ކުރަންޖެހޭ: ހުކުރުޚުތުބާ

ޤައުމުގެ ތަޢުލީމީ ފަލްސަލާއާއި، ޤައުމީ މަހަންޖު ފުރިހަމައަށް ތަންފީޛުކޮށް، އަހަރެމެންގެ ޅަދަރިންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް މިއަދު ރާވަންޖެހެއެވެ. އެކުދިންގެ ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހެއެވެ. އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރަކަށް ވީހިނދު، އަހަރެމެންގެ ޤައުމުގެ ޒުވާނުން މިކަންކަމުގައި އިސްނަގަން ޖެހެއެވެ. މިއަދުގެ ޒުވާނުންނަކީ ކުރިމަގުގައި ޤައުމު އާރާސްތުކޮށް، ސަލާމަތުގެ އައްސޭރިއާ ހަމައަށް ޤައުމު ގެންގޮސްދޭން ތިބި މީހުންނެވެ. ހިތާމައަކީ، ޤައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށް ވީއިރު، ޒުވާނުންގެ ތެރޭގައި ދީނާ ދުރު، އަދި ވައްކަމާއި، ފޭރުމާއި، މީހުން މެރުމާއި، މަސްތުވާތަކެތީގެ ބޭނުންކުރުން ފަދަ މާތްﷲ ޙަރާމް ކުރައްވާފައިވާ ބޮޑަތި ކުށްތަކަށް އަރައިގަންނަ މީހުން މަދުން ނަމަވެސް ތިބިކަމެވެ. އެފަދަ ޒުވާނުންނަށް ތެދުމަގު ލިބި، އިސްލާޙުވެ، ފައިދާހުރި މުވާޠިނުންތަކަކަށް ވުމީ މިއަދު މުޅި ދިވެހި އުއްމަތް ހަރުއަޑުން އެދި ގޮވާ ކަމެކެވެ.

”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މިހަކީ ބެލެހެއްޓުންތެރި އެކެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކާ މެދު ސުވާލު ކުރެއްވޭނެއެވެ.“ އެހެންކަމުން އަހަރެމެންގެ ހުރިހާ ކަމެއް ބައްޓަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށެވެ. އަދި އަހަރެމެންގެ ތައުލީމީ ފޮތްތަކުގައި ޢަޤީދާއާއި، އީމާންކަމުގެ ބައިތަކާއި، ވާހަކަތައް އިތުރު ކުރަންޖެހެއެވެ. މުދައްރިސުންނާއި، އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހެއެވެ. މާތް ﷲގެ ޤުދުރަތްތެރިކަމާއި ކުޅަދުންވަންތަކަން އެންމެ ކުޑައިރުއްސުރެ ދަރީންނަށް އުނގަންނައިދިނުމަކީ، ހަރުދަނާ ޢަޤީދާއެއްގެ މަތީގައި އެކުދީންގެ ނަފްސު ބިނާ ކުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އެކުދީންގެ ދީނީ ޢަޤީދާ ހަރުދަނާވެ، ދީނީކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ބަޔަކަށް ވާނެއެވެ. އަދި އެކުދީންގެ އީމާންކަން ވަރުގަދަވެ، މާތްﷲ އާ މެދު އޮންނަ ޔަޤީންކަމާއި އިތުބާރު އިތުރުވާނެއެވެ.

4