ޚަބަރު
ޤިޔާމަތް ދުވަހު، މާތްﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ޒުވާނާ ދުންޔަވީ ކަންކަމާ ހުރެ މިސްކިތަށް ދިޔުމަށް އޭނާ ފަހެއް ނުޖެހޭނެ: ހުކުރުޚުތުބާ

ޤިޔާމަތް ދުވަހު، މާތްﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ޒުވާނާ ދުންޔަވީ ކަންކަމާ ހުރެ މިސްކިތަށް ދިޔުމަށް އޭނާ ފަހެއް ނުޖެހޭނެކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”ރަސޫލާ ގެ މި ޙަދީޘްފުޅުގައި ބަޔާންވެގެންވާ އަނެއް ބަޔަކީ ﷲއަށް އަޅުކަން ކުރުންމަތީ ބޮޑުވި ޒުވާނާއެވެ. ފުރާވަރުގެ ޢުމުރުގައި، ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަނުދީ، ﷲގެ އަމުރުފުޅުތަކަށާއި، ނަހީތަކަށް އިޖާބަދިން ޒުވާނާއަކީ، ﷲއަށް ތެދުވެރި އިޚްލާސްތެރި ޒުވާނެކެވެ. މިފަދަ ޒުވާނާއަށް ޤިޔާމަތް ދުވަހު، މާތްﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެތެވެ. މާތް ﷲގެ ހިޔާވަހިކަން ލިބޭ އަނެއްބަޔަކީ، މިސްކިތަށް ހިތް ޖެހިފައިވާ މީހާއެވެ. އޭނާ ކޮންމެ ނަމާދަކަށްފަހު، މިސްކިތުން ފައިބާނީ އަލުން މިސްކިތަށް ދާ ހިތުން ހުރެއެވެ. އޭނާ މިސްކިތުގައި، ﷲ ގެ ހަޟްރަތުގައި، ގިނަ ވަގުތު ހޭދަކުރުމަށް އެދޭތީއެވެ. ދުންޔަވީ މަސްއޫލިއްޔަތުތަކަށް ވެސް އޭނަ ސަމާލުކަން ދޭނެއެވެ. އޭނާއަށް މާތް ﷲ ހިތްހަމަޖެހުން ދެއްވާނެތެވެ. ދުންޔަވީ ކަންކަމާ ހުރެ މިސްކިތަށް ދިޔުމަށް އޭނާ ފަހެއް ނުޖެހޭނެއެވެ.“

މީގެ އިތުރުން ޤިޔާމަތްދުވަހުގެ ގަދަ ހޫނުން ސަލާމަތްވުމަށް ހިޔާވަހިކަން ލިބޭ މީހުން ބަޔާންކޮށް ދެއްވައި، ކީރިތި ރަސޫލާ ޙަދީޘް ކުރައްވަފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. ”މާތް ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، މާތް ﷲ ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އަދްލުވެރި އިމާމާއާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، މިސްކިތަށް ހިތްޖެހިފައިވާ މީހާ އެބަހީ؛ ނަމާދުތަކަށް އިންތިޒާމުކޮށް އެއަށް ރައްކާތެރިވާމީހާ އާއި، ﷲގެ ވަޖްހުފުޅަށް ޓަކައި އެކަކު އަނެކަކުދެކެ، ލޯބިވެ، އެކުގައި އުޅެ، އެގޮތުގައި ވަކިވެދިޔަ ދެމީހުންނާއި، ޙަސަބާއި ނަސަބުން މަތިވެރި، ރީތި އަންހެނަކު، ފާޙިޝްކަކަމަށް ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ، އެކަމާ ދުރުހެލިވި މީހާއާއި، ކަނާތުން ޞަދަޤާތްކުރި އެއްޗެއް، އޭނާގެ ވާތަށް ވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި، އެކަނިމާއެކަނި، ތަނެއްގައި އިނދެ. ﷲ ހަނދުމަކޮށް، އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާއެވެ.“

5