ނަޞޭޙަތާއި އިރުޝާދު
ވާހަކަ: މިފަދަ މަތިވެރި ލޯތްބެއް، މިފަދަ މަތިވެރި ވަފާތެރިކަމެއް ދެކުނިންހެއްޔެވެ؟

ގުނަމުންދަނީ ނުބުއްވަތުގެ 14 ވަނަ އަހަރެވެ. ޞަފަރުމަހުގެ 27 ވިލޭރޭއެވެ.

ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމް ގަނޑުވަރުކޮޅުން ނުކުމެވަޑައިގެން، އަބޫބަކުރުގެފާނުގެ ގަނޑުވަރުކޮޅަށް ވަޑައިގެންފިއެވެ. ދެބޭކަލުން އަވަސްއަވަހަށް ޘައުރު ފަރުބަދަޔާއި ހަމައަށް މިސްރާބުޖެއްސެވިއެވެ. އެއީ މައްކާގެ ދެކުނު ބިތުގައި ހުންނަ ފަރުބަދައެކެވެ. ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ނެތްކަން މައްކާގެ މުޝްރިކުންނަށް ރޭކާލައިފިއެވެ. އެހިނދު މައްކާގެ އުތުރު ފަރާތް އަތްފުނާއަޅަން ފަށައިފިއެވެ. މިގޮތަށް މައްކާގެ މުޝްރިކުން ކަންތައްކުރާނެކަން އެނގިވަޑައިގަންނަވާތީ އެދެބޭކަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވިއެވެ.

މައްކާ އާއި މެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

و الله إنك لخير أرض الله و أحب أرض الله إلى الله و لولا أني أخرجت منك ما خرجت

މާނައީ: ”މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާއަކީ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިމެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ބިމެވެ. ހަމަކަށަވަރުން ތިބާގެ އަހުލުވެރީން ތިމަންކަލޭގެފާނު ތިރަށުން ބޭރުނުކުރިނަމަ، ތިމަންކަލޭގެފާނު ތިރަށް ދޫކުރައްވާ ވަޑައިނުގެންނެވީމުހެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން ނުކުމެވަޑައިގެންފިކަން އެނގުމާއެކު މައްކާގެ މުޝްރިކުން އިންތިހާއަށް ރުޅިއައެވެ. އެދެބޭކަލުން ހޯދާމީހަކަށް 100 ޖަމަލުގެ އިނާމެއް ހުށައެޅިއެވެ. އަސްވާރުން މައްކާއިން މަދީނާއަށް ދާން އޮންނަ ހުރިހާ މަގެއްގައި އަތްފުނާއަޅަންފަށައިފިއެވެ. 3 ދުވަސްވަންދެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިއްބެވެ.

ޘައުރު ފަރުބަދައިން ނުކުމެވަޑައިގެން ދެބޭކަލުން މަދީނާއާއި ދިމާލަށް ހިންގަވަމުން ގެންދެވިއެވެ. އެއްރޭ އެއްދުވާ މިގޮތަށް ހިންގެވުމަށްފަހު ދެބޭކަލުން ވަރުބަލިފުޅުވެވަޑައިގަތެވެ. ބޮޑުހިލަގަނޑެއްގެ ހިޔަލުގައި ރަސޫލާﷺ ވަރުބަލިފުޅުފިލުވާލެއްވުމަށް މަޑުކުރެއްވިއެވެ. އެހިނދު އަބޫބަކުރުގެފާނު ރަސޫލާﷺ ހިއްޕެވުމަށް ލަބަން ހޯއްދެވުމަށްވަޑައިގަތެވެ. ލަބަން ހޯއްދަވައިގެން އަބޫބަކުރުގެފާނު ވަޑައިގެންނެވިއިރު ރަސޫލާﷺ އޮންނެވީ އަވަހާރަފުޅުލައްޕަވާށެވެ. ދެންރަސޫލާﷺ ހޭފުޅުލައްވަންދެން އަބޫބަކުރުގެފާނު ކޮޅަށްހުންނެވިއެވެ. ރަސޫލާﷺ ހޭފުޅުލެއްވުމުން ލަބަން ކަންވާރު ދިއްކޮށްލެއްވިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ.

فشرب النبي صلى الله عليه وسلم حتى رضيت

ރަސޫލާﷺ ލަބަން ހިއްޕެވިއެވެ. އެކަމުގެ ސަބަބުން ތިމަންކަލޭގެފާނުހިތްހަމަޖެހިއެކަމާރުހެވުނެވެ.

ރަސޫލާﷺ ލަބަން ހިއްޕެވުމުން އަބޫބަކުރުގެފާނުގެ ހައިކަމާއި ކަރުހިއްކުން ކެނޑުނުފަދައެވެ.

މިފަދަ މަތިވެރި ލޯތްބެއް، މިފަދަ މަތިވެރި ވަފާތެރިކަމެއް ދެކުނިންހެއްޔެވެ؟

ރެފަރެންސް:صحيح البخاري ← كتاب المناقب ← باب علامات النبوة في الإسلام

48