ނަޞޭޙަތާއި އިރުޝާދު
އީމާންކަން އުނިއިތުރުވުމުގެ ބައެއް ސަބަބުތައް

އީމާންކަން އިތުރު ވުމުގެ ސަބަބުތަކެއް ވެއެވެ.

ފުރަތަމަ ސަބަބު: الله ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޢުރިފާކޮށް ދެނެގަތުން: ފަހެ ހަމަކަށަވަރުން އިންސާނާ އޭނާގެ ވެރި ރައްބުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޢުރިފާކޮށް ދެނެގަތުން އިތުރުވާ މިންވަރަކަށް އޭނާގެ އީމާންކަން އިތުރުވާނޭ ކަމާމެދު ޝައްކެއް ނެތެވެ. މިހެންވެ މާތް اللهގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް, ކިޔަވައިދޭ ޢިލްމުގެ އަހުލުންގެ އީމާންކަން އެހެނިހެން މީހުންނަށް ވުރެ ވަރުގަދަ ވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ.

ދެވަނަ ސަބަބު: މާތް اللهގެ ކައުނީ އާޔަތްތަކަށް ބަލައި ވިސްނުން: ފަހެ ހަމަކަށަވަރުން އިންސާނާ ކައުނީ އާޔަތްތަކުގެ ތެރެއިން ވާ މަޚްލޫގާތުތަކަށް ބަލައި ވިސްނުމަކީ އީމާންކަން އިތުރުވާނެ ކަމެކެވެ. الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَفِي الْأَرْضِ آيَاتٌ لِلْمُوقِنِينَ [1]

މާނައީ: ”އަދި ޔަޤީންކުރާ ބަޔަކަށް ބިންމަތީގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއް ވެއެވެ.“

وَفِي أَنْفُسِكُمْ أَفَلا تُبْصِرُونَ [2]

މާނައީ: ”އަދި ތިޔަބައިމީހުންގެ ނަފްސުތަކުގައި ވެސް (ކުޅަދުންވަންތަކަމުގެ ހެކިތަކެއް) ވެއެވެ. ފަހެ ތިޔަބައިމީހުން ބަލައި ނުހަދަމު ހެއްޔެވެ؟“

މިކަމަށް ދަލީލިކޮށްދޭ އާޔަތްތައް ވަރަށްވެސް ގިނައެވެ. މާނައަކީ ކައުނުގައި ވާ ކަންތައްތަކަށް ވިސްނައި ފިކުރު ކުރުމުގެ ސަބަބުން އިންސާނާގެ އީމާންކަން އިތުރު ވާނެކަމުގެ އާޔަތްތަކެވެ.

ތިންވަނަ ސަބަބު: އަޅުކަންތައް ގިނަކުރުން: ފަހެ ހަމަކަށަވަރުން އިންސާނާ އަޅުކަންތައް ކުރުން ގިނަކުރާ ވަރަކަށް އޭނާގެ އީމާންކަން އިތުރުވާނެއެވެ. އެ އަޅުކަމަކީ ބަހަވީ ނުވަތަ ޢަމަލީ އަޅުކަމަކަށް ވިޔަސް މެއެވެ. ފަހެ ޛިކުރު ކުރުން, އީމާންކަން އިތުރުކޮށްދެއެވެ. އަދި ނަމާދާއި, ރޯދައާއި ޙައްޖުވެސް އީމާންކަން އިތުރުކޮށްދެއެވެ. މިއިން ކޮންމެ ކަމެއްވެސް އީމާންކަން އިރުތުކޮށްދެއެވެ.

އީމާންކަން ދަށްވުމުގެ ސަބަބުތަކާ މެދު ދަންނައެވެ. އީމާންކަން ދަށްވުމުގެ ސަބަބުތަކަކީ ބަޔާންވެ ގޮސްފައިވާ ކަންކަމުގެ އިދިކޮޅެވެ.

ފުރަތަމަ ސަބަބު: الله ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނޭނގުން: އިންސާނާއަށް އޭނާގެ ވެރި ރައްބުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނޭނގުމަކީ އޭނާގެ އީމާންކަން ދަށް ވާނެ ކަމެކެވެ.

ދެވަނަ ސަބަބު: މާތް اللهގެ ކައުނީ އާޔަތްތަކަށް މޫނު އަނބުރާލުން: މިއީ އިންސާނާގެ އީމާންކަން ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ.

ތިންވަނަ ސަބަބު: ފާފަތަކަށް އަރައިގަތުން: ފަހެ ފާފަތަކަށް އަރައިގަތުމަކީ އިންސާނާގެ ހިތަށާއި އީމާންކަމަށް ވަރަށް ބޮޑު އަޘަރެއް ކުރުވާ ކަމެކެވެ. މިހެންވެ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.

لا يزني الزاني حين يزني وهو مؤمن [3]

މާނައީ: ”ޒިނޭކުރާ މީހާ މުއުމިނެއްކަމުގައި ވާ ޙާލު ޒިނޭ ނުކުރާނެއެވެ.“

ހަތަރުވަނަ ސަބަބު: އަޅުކަންތައް ދޫކޮށްލުން: ފަހެ އަޅުކަންތައް ދޫކޮށްލުމަކީ އީމާންކަށް ދަށް ވާ ސަބަބެކެވެ. އެހެންނަމަވެސް އެ އަޅުކަމަކީ ވާޖިބަކަށްވެފަ ޝަރުޢީ ޢުޛުރަކާއި ނުލައި ދޫކޮށްލައިފިނަމަ އެމީހަކު ފާފަވެރިވާނެއެވެ. އަދި އެއީ ވާޖިބު އަޅުކަމެއް ނޫންނަމަ ނުވަތަ ވާޖިބަކަށް ވެފައި އެ އަޅުކަމެއް ދޫކޮށްލީ ޝަރުޢީ ޢުޛުރަކާއި އެކު ނަމަ, އެކަމަކުން އެމީހެއްގެ އީމާންކަން ދަށްވާނެ އެވެ. އެހެންނަމަވެސް އެމީހެއްގެ މައްޗަށް ފާފައެއް ނުވެއެވެ.

اللقاء الشهري لابن عثيمين -رحمه الله-


[1] سُورَةُ الذَّارِيَات (20)

[2] سُورَةُ الذَّارِيَات (21)

[3] صحيح البخاري (2475)

13