ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުން އެދޭނަމަ…

الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿إلاَّ الَّذِينَ آمَنُوا وعَمِلُوا الصّالِحاتِ﴾ [سُورَةُ العَصر:3]

މާނައީ: “އީމާންވެ ޞާލިޙު ޢަމަލު ކުރި މީހުން މެނުވީއެވެ.”

ކުރާ އަޅުކަމެއް ޞާލިޙު ހެޔޮ ޢަމަލެއް ކަމުގައި ވެގެންދާނީ އެ ކަމެއް މާތް الله އަށް ޚާލިޞްކޮށް އަދާކޮށްގެންނެވެ. ދެއްކުންތެރިކަމާއި, މީހުންގެ ތެރޭގައި މަޝްހޫރުވުމާއި އަދި މުދަލަށް ދަހިވެތިވުމާއި ނުލައި ހަމައެކަނި الله ގެ ފަޟްލުވަންތަކަމާއި އެއިލާހުގެ ރުހިވޮޑިގަތުން އެދިގެން ކުރާ އަޅުކަމެވެ.

الله ތަޢާލާ އެއިލާހުގެ ރަސޫލާ ﷺ އަދި އެކަލޭގެފާނުގެ އަޞްޙާބުންނާއި ބެހޭގޮތުން ވަޙީކުރައްވާފައި ވެއެވެ.

﴿مُحَمَّدٌ رَسُولُ اللَّهِ والَّذِينَ مَعَهُ أشِدّاءُ عَلى الكُفّارِ رُحَماءُ بَيْنَهُمْ تَراهُمْ رُكَّعًا سُجَّدًا﴾ [سُورَةُ الفَتح 29]

މާނައީ: “الله ގެ ރަސޫލާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފަރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބޭކަލުންގެ މެދުގައި ރަޙުމާއި އޯގާވެރިކަން  ބޮޑުވެގެންވާ ބަޔެކެވެ. އަދި ރުކޫޢުކޮށް ސަޖިދަ ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެބޭކަލުން ދެކެވަޑައިގަންނަވާނޫއެވެ.”

އެބޭކަލުން ރުކޫޢުކޮށް ސަޖިދަކޮށް އުޅުނީ ކޮންކަމަށް އެދިގެން ހެއްޔެވެ؟

﴿يَبْتَغُونَ فَضْلًا مِن اللَّهِ ورِضْوانًا﴾ [سُورَةُ الفَتح 29]

މާނައީ: “الله ގެ ފަޟްލަވަންތަކަމާއި އަދި އެލާހުގެ ރުހިވޮޑިގަތުން އެދިގެންނެވެ.”

ޢަމަލުކުރުމުގައި ކޮންމެހެންވެސް އިޚްލާޞްތެރި ވާން ޖެހޭނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.

(من عمل عملًا أشرك فيه معي غيري تركته وشركه) [صحيح مسلم]

މާނައީ: “މީހަކު ޢަމަލެއްކޮށް, އެޢަމަލެއްގައި ތިމަންއިލާހާއި އެހެން ފަރާތަކާއި ޝަރީކުކޮށްފިކަމުގައި ވާނަމަ, އެމީހަކާއި އަދި އެމީހެއްގެ ޝިރުކު (އެ ޢަމަލު) ތިމަންއިލާހުދޫކޮށްލައްވާހުށީމެވެ.”

އަޚާއެވެ! ޢަމަލުކުރުމުގައި ދެއްކުންތެރިކަމާއި ތިބާ ދުރުވާށެވެ! މީސްތަކުންނަށް ދައްކަން ތިބާގެ ނަމާދު ރީތިކޮށް ނުލާށެވެ. އަދީ މީސްތަކުންނަށް ދައްކަން ތިބާ ޞަދަޤާތް ނުދޭށެވެ. ތިބާ އަކީ މިވެނި އެވެނި ޢަމަލެއް ކުރާ މީހެއްގައި މީސްތަކުން ބުނުމަށް ތިބާ އެއްވެސް ޢަމަލެއް ނުކުރާށެވެ. ފަހެ ހަމަކަށަވަރުން މިއީ ތިބާގެ ޢަމަލު ބަޠިލުކޮށްލާނެ ކަމެކެވެ.

އަދި ހަމަ މިކަމުގައި, ދެއްކުންތެރިކަމުގެ ބިރު ދައްކައި ހެޔޮ ޢަމަލު ކުރުމުން ދުރުކުރުމަށް ޝައިޠާނާ ތިބާއަށް ވަސްވާސް ދިނަ ނުދޭށެވެ.

މީސްތަކުންގެ ތެރެއިން ބައެއް މީހުން ހެޔޮ ޢަމަލެއް ކުރުމަށް އުޅެފިނަމަ ޝައިޠާނާ އައިސް ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. ޢިލްމުގެ މަޖިލީހަކަށް ދާން އުޅެފިނަމަ ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. ޞަދަޤާދެއް ދޭން އުޅެފިނަމަ ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. އެއީ އެމީހަކު ހެޔޮ ޢަމަލު ކުރިޔަ ނުދިނުމަށެވެ. ޝައިޠާނާގެ މިފަދަ ވަސްވާސް ތަކަށް ތިބާ ފުރަގަސްދީ އަޅާނުލާށެވެ. އަދި އިޚްލާޞްތެރިވެ ޢަމަލުކުރާށެވެ.

މީގެ އިތުރުން ޢަމަލު ކުރުމުގައި ރަސޫލާ ﷺ އަށް ތަބާ ވުމަކީވެސް ޝަރުޠެކެވެ. މި ޝަރުޠާއި ނުލައި ޢަމަލެއް ޞާލިޙު ހެޔޮ ޢަމަލެއް ކަމުގައި ނުވާނެއެވެ. الله ގެ ދީނަށް, އެ ދީނުގައި ޝަރުޢު ކުރައްވާފައި ނުވާ ކަމެއް ގެނެސް ކުރިކަމުގައި ވިޔަށް އެއީ ހެޔޮ ޢަމަލެއް ކަމުގައި ނުވާނެއެވެ. އަދި އެއީ މާތް الله ގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލެއްކަމުގައި ވީނަމަވެސް (ނަބިއްޔާ ﷺ އެ ޢަމަލެއް ބަޔާންދެއްވާފައިވާ ގޮތާއި ޚިލާފަށް) ކޮށްފިނަމަ އެ ޢަމަލެއް ވަނީ ރައްދުކުރެވިގެންނެވެ. ނަބިއްޔާ ﷺ ގެ ކިބައިން ޘާބިތުވެގެން ވެއެވެ.

(من عمل عملًا ليس عليه أمرنا فهو رد) [صحيح مسلم]

މާނައީ: “އަހަރެމެން ކުރުމަށް ނާންގަވާ އަމަލެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދު ކުރެވިގެންނެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ. “އަހަރެމެންގެ މި ދީނުގައި ނުވާ އާ ކަމެއް އުފައްދައި (ބިދުޢައެއް ގެނެސްފި) މީހާ (ދަންނާށެވެ!) ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދު ކުރެވިގެންނެވެ.” [صحيح مسلم]

اللقاء الشهري [٣٧] لابن عثيمين -رحمه الله-

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top