ނަޞޭޙަތާއި އިރުޝާދު
ބަންދުވެފައިވާ ދޮރުތައް ހުޅުވަން ބޭނުންނަމަ….

މާތް ﷲ ގެ ރަޙްމަތް ލިބުމުގައި ތަޅުއެޅެނީ ފާފައިގެ ސަބަބުންނެވެ. އަދި އޭގެ ތަޅުދަނޑިއަކީ އިސްތިޣްފާރުކުރުމެވެ. ބަންދުވެފައިވާ ދޮރުތައް ކިތަންމެ ގިނަޔަސް އެ ދޮރުތަކުގެ ތަޅުދަނޑިއަކީ އިސްތިޣްފާރުކުރުމެވެ. އިސްތިޣްފާރުކުރާމީހުންގެ ގޯއްޗަކީ ސުވަރުގެއެވެ. އިސްތިޣްފާރު ކުރުމުގެ ސަބަބުން އަތްމަތި ތަނަވަސްވެއެވެ. ފާފަތައް ފުހެވެއެވެ. ދަތިތައް ފިލައިދެއެވެ. އާދަކޮށް އިސްތިޣްފާރު ކުރުމުގައި ދެމިހުރެއްގެ މީހެއްގެ ކޮންމެ ދަތި އުނދަގުލަކުން ސަލާމަތްވާނެ މަގު މާތް ﷲ ދައްކަވާނެއެވެ.

އިސްތިޣުފާރު ކުރުމަކީ މުޞީބާތްތަކުން އެއްކިބާވެ މުދަލާއި ދަރިން އިތުރުވުމުގެ ސަބަބެކެވެ.

މާތް الله ވަޙީކުރައްވާފައި ވެއެވެ.

”ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރިރައްބަށް، އިސްތިޣުފާރު ކުރާށެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ އިލާހަކު ކަމުގައި އެއިލާހު ވޮޑިގެންވެއެވެ. [71:10]

 

(އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް އުޑުން ބޯވާރޭ ވެއްސަވާނެއެވެ. [71:11]

އަދި މުދާތަކާއި، ދަރިންގެގޮތުން، އެއިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ފެނުގެ ކޯރުތައް ލައްވާނެއެވެ. [71:12]

قيامة ދުވަހުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުގެ ފަތް ހުޅުވާލެވިފައިވާ ޙާލުގައި ވަނިކޮށް، އެފަތާއި ބައްދަލުކުރާނެއެވެ.

އެ ދުވަހުގައި އެފަތުން އުފާވެރިކަން ބޭނުންވާ މީހާ استغفار ކުރުން ގިނަކުރާށެވެ.

حديث ގައި އައިސްފައިވެއެވެ. ((طوبى لِمن وجدَ في صَحيفتِهِ استغفارًا كثيرًا)) سنن ابن ماجه

އެމީހެއްގެ ޢަމަލުގެފަތުގައި ގިނައިން އިސްތިޣުފާރު ކޮށްފައިވާތީ ފެނުނު މީހާއަށް ސުވަރުގޭގެ طوبى އޭ ކިޔުނު ގަސް ހުއްޓެވެ. އަދި އުފާވެރިކަން އެމީހަކަށް ހުއްޓެވެ.

استغفار ކުރުމަކީ ފާފަފުއްސެވުން އެދި ދެންނެވުމެވެ.

اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لا يَغْفِرُ الذُّنُوبَ إِلا أَنْتَ

ފާފައެއްކުރެވިއްޖެނަމަ އެއާއި ވިދިގެން ހެޔޮ ޢަމަލެއް ކުރާށެވެ.

123