ނަޞޭޙަތާއި އިރުޝާދު
ރިޒުޤަށް އެދޭ މީހާ އަޅުކަމުގެ މިޙްރާބުގައި ވަޤުތުތައް ހޭދަކުރާށެވެ.

ރިޒުޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرزاق ގިނަގިނައިން ރިޒުޤު ދެއްވާ ރަސްކަލާނގެއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށް، ތަދައްބުރު ކުރުމުން އަޅުގަނޑުމެންނަށް އެނގި ހާމަވަމުންދާ އެއް ޙަޤީގަތަކީ ނަމާދުޤާއިމުކުރުމުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުގެ ކުރިއަށް ނުވަތަ ފަހަތަށް ރިޒްޤުގެ ވާހަކަ ވަރަށް ގިނަ ފަހަރު އައިސްފައިވާކަމެވެ.

މިސާލަކަށް، އާލު ޢިމްރާނު ސޫރަތަށް ބަލާލަމާ ހިނގާށެވެ. ޒަކަރިއްޔާގެފާނު، މަރުޔަމްގެފާނު ނަމާދުކުރައްވާ، އަޅުކަންކުރައްވަން އިންނަވާ މިޙްރާބަށް ވަދެވަޑައިގަންނަވާ، ކޮންމެފަހަރަކު އެކަމަނާގެ އަރިހުގައި ރިޒްޤު(ކާތަކެތި) ހުއްޓާ ދެކެވަޑައިގަންނަވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا  މާނައީ: ”އެކަމަނާގެ އަރިހަށް މިޙުރާބުގެ ތެރެޔަށް ޒަކަރިއްޔާގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގަންނަވައެވެ.“ (ސޫރަތު އާލްޢިމްރާން : 37)

އާލު ޢިމްރާނު ސޫރަތުގައި މިފަދަ އެހެން ވާހަކައެއް އައިސްފައިވެއެވެ. އެއީ ދަރިކަލަކު ދެއްވުން އެދި ޒަކަރިއްޔާގެފާނު ދުޢާކުރެއްވުމުން، ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރާއިގެން މަލާއިކަތަކު ވަޑައިގެންނެވި ވާހަކައެވެ. މި މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ހުންނެވީ ކީއްކުރައްވަންތޯއެވެ. އާދެ، މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރައްވަނީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ މާނައީ: ”ދެންފަހެ، އެކަލޭގެފާނު މިޙުރާބުގައި ނަމާދު ކުރެއްވުމުގައި ޤާއިމުވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވަތެވެ.“ (ސޫރަތު އާލްޢިމްރާން : 39)

ރިޒްޤު ލިބުމުގެ ސަބަބުތަކުގެ ތެރޭގައި އަނބި ދަރީންނަށް ނަމާދަށް އަމުރުކުރުން ހިމެނެއެވެ.

((وَأْمُرْ أَهْلَكَ بِالصَّلاةِ وَاصْطَبِرْ عَلَيْهَا لا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ)) سورة طه ١٣٢

”އަދި ކަލޭގެފާނުގެ އަނބި ދަރީންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ.“

ނަމާދުގެ ސަބަބުން އަދި ނަމާދު ޤާއިމުކުރަން އަމުރުކުރުމުގެ ސަބަބުން ރިޒްޤު އިތުރު ވެއެވެ. ނަމާދު އަޅާފައި ރިޒްޤު ހޯދަން ނޫޅޭށެވެ. ރިޒްޤު އިތުރުވާ ސަބަބު ދޫކޮށްނުލާށެވެ. ނަމާދު އަޅާފައި ރިޒުޤު ހޯދަން އުޅޭ ބައެއް މީހުން ދެކޭގޮތުގައި ’ރިޒްޤަކީ‘ ހަމައެކަނި ދުނިޔަވީ މުދަލެވެ. އެހެންނަމަވެސް ދަންނަންޖެހޭ ޙަޤީޤަތަކީ ރިޒުޤުގެ ވަށަރޮނގު ދުނިޔަވީ މުދަލާއި ހަމައިން ނުނިމޭކަމެވެ. ތިބާއަށް ހެޔޮ ދުޢާކޮށްދޭ މައިންބަފައިން ނުވަތަ ގާތްތިމާގެމީހުން، ދަރީންގެ އަޅައިލުމާއި އޯގާތެރިކަން، ދުޅަހެޔޮ ސިއްޙަތު، ޞާލިޙު ހިތް ހެޔޮ ޙަޔާތުގެ ބައިވެރިއެއް އަދި އިޚްލާޞްތެރި ރަޙްމަތްތެރިންނަކީވެސް ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ހިމެނޭ ބައިތަކެވެ.

ރިޒުޤު ހޯދުމުގެ މަސައްކަތް ކެނޑިނޭޅިކުރަމުންދާއިރު ރިޒުޤު ދެއްވާ ފަރާތުގެ އަމުރުފުޅުތަކަށް ކިޔަމަންވެވެނީ ކިހާ މިންވަރަކަށްތޯ ވިސްނާލަންޖެހެއެވެ. އެ ރިޒުޤު ތަނަވަސް ވާނެކަމަށް އެކަލާނގެ ބަޔާންކުރައްވާފައިވާ މަގުތަކަކީ ކޮބައިތޯ ހޯދާ ބަލާންޖެހެއެވެ.

ރިޒުޤު ލިބުމުގެ ސަބަބުތަކުގެ ތެރޭގައި އިސްތިޣްފާރުކުރުން ހިމެނޭކަން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުން އެނގެއެވެ. ކަންމިހެންހުރިއިރު އަޅުގަނޑުމެންގެ މައްޗަށް ފަރުޟުވެގެންވާ ފަސްނަމާދު ކުރާއިރު އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު އިސްތިޣްފާރުކުރެވެއެވެ. މިސާލަކަށް ދެ ސަޖިދަ ދެމެދު އިނދެ ކިޔުމަށް ވާރިދުވެފައިވާ ދުޢާގައި އިސްތިޣްފާރުކުރެވެއެވެ. އޭގެއިތުރުން ފަހު އައްތަހިއްޔާތަށް އިނދެ ކުރާ ދުޢާތަކުގައިވެސް އިސްތިޣްފާރުކުރުން ހިމެނެއެވެ. މި ކަންކަމުން އަޅުގަނޑުމެންނަށް އެނގެނީ ފަރުޟު ފަސްނަމާދު ޚުޝޫޢަތްތެރިކަމާއެކު ކުރުމަކީ ރިޒުޤު ތަނަވަސްވުމުގެ ސަބަބެއްކަމެވެ.

ކީރިތި ޤުރުއާން ކިޔެވުމާއި، ކީރިތި ޤުރުއާން އަޑުއެހުމާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާއިމެދު ވިސްނާ ފިކުރުކުރުމަކީ ރިޒުޤުގައި ބަރަކާތްލެއްވޭ ސަބަބެއްކަން ކީރިތި ޤުރުއާނާއި، މޫރިތި ސުންނަތާއި އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އެނގެއެވެ. ކަންމިހެންހުރިއިރު އަޅުގަނޑުމެންގެ މައްޗަށް ފަރުޟުވެގެންވާ ފަސްނަމާދު ކުރާއިރު އަޅުގަނޑުމެންނަށް ކީރިތި ޤުރުއާން ކިޔެވެއެވެ. ޖަމާޢަތުގައި ނަމާދުކުރާއިރު ކީރިތި ޤުރުއާން އަޑުއެހުމުގެ ފުރުޞަތުވެސް ލިބެއެވެ. މިކަމުން އަޅުގަނޑުމެންނަށް އެނގެނީ ނަމާދާއި ރިޒުޤާއިވަނީ ގުޅިލާމެހިފައިކަމެވެ.

ސަލަފުއްޞާލިޙުންގެ ބޭކަލުންގެ ޙަޔާތްޕުޅުތަކަށް ބެލުމުން އަޅުގަނޑުމެންނަށް އެނގޭ އެއް ކަމަކީ އެބޭކަލުންނަކީ އަޅުކަމުގެ މިޙްރާބުގައި ގިނަ ވަގުތު ހޭދަކުރެއްވި ބައެއް ކަމެވެ.  ސަލަފުއްޞާލިޙުންވެސް ރިޒުޤު ހޯދުމަށްޓަކައި އެކިއެކި މަސައްކަތްކުރެއްވިއެވެ. އޭގެތެރެއިން ބައެއް ބޭކަލުން ވިޔަފާރިކުރެއްވިއިރު، އަނެއްބައިބޭކަލުންނަކީ ދަނޑުވެރިންނެވެ. އަދި މިނޫންވެސް ޙަލާލު މަސައްކަތްތަކުގައި އެބޭކަލުން ޝާމިލުވެ އުޅުއްވިއެވެ. މި ބޭބޭކަލުން ރިޒުޤު ހޯދުމުގެ މަސައްކަތުގައި އުޅުއްވަމުންވެސް ބަންގީގެ އަޑު ކަންފަތްޕުޅުތަކުގައި ޖެހިއްޖެނަމަ މަސައްކަތްތައް ހުއްޓާލާފައި ނަމާދަށް އަވަސްވެގަންނަކަމުގައި ސީރަތު ފޮތްތަކުގައި ވާރިދުވެފައިވެއެވެ.

ލޮބުވެތި އަޚާއެވެ. އުޚުތާއެވެ. ރިޒުޤު ތަނަވަސްވާން އެދޭނަމަ އަޅުކަމުގެ މިޙްރާބުގައި ގިނަ ވަގުތު ހޭދަކުރާންޖެހެއެވެ.

ޙަލާލް ގޮތުގައި ރިޒުޤު ހޯދާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! ދެއްވަވާ ރިޒްޤާއި ނިޢުމަތްތަކަށް ޝުކުރުވެރިވާ މީހުންގެ ތެރޭގައި އަޅަމެން ލައްވަވާށި! އާމީން. އާމީން.

14