ނަޞޭޙަތާއި އިރުޝާދު
އުޑުތަކުގައި ތިބާގެ ނަން ޒިކުރުކުރެވެނީ ކޮންފަދައަކުންބާ؟

މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރާއި ހައިބަތު ބޮޑު
ﷲ ގެ ދަރުބާރުގައި ތިބާގެ ޙާލަތު ހުރީ ކިހިނަކުންބާ؟
އުޑުތަކުގައި ތިބާގެ ނަން ޒިކުރުކުރެވެނީ ކޮންފަދައަކުންބާ؟

އުސައިދު ބްނި ޚުޟައިރު -رضي الله عنه- ގެ ކީރިތި ޤުރުއާން ކިޔެވުމުގެ އަޑު އެއްސެވުމަށް މަލާއިކަތް ބޭކަލުންގެ ޖަމާޢަތެއް ފައިބާވަޑައިގެންނެވިއެވެ.
صحيح البخاري 5018

ﷲ ގެ ޒިކުރުކުރުމުން ތިބާގެ ޙަޔާތަށް އާރޯކަމާއި ދިރުންގެނެސްދޭނެއެވެ.

ފަތިސް ނަމާދުން ދުވަސް ފަށާށެވެ. އެޔަށްފަހު ހެނދުނުގެ ޒިކުރުތައް ކިޔާށެވެ. ދެން ޤުރްއާނުން ކުޑަ މިންވަރެއްވިޔަސް، ކިޔަވާލާށެވެ. ހަގީގީ ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭނީ އަޅުކަންތަކުން ދުވަސް ފަށާ މީހާއަށެވެ. ތިބާ އެފަދަ މީހަކަށް ވާށެވެ!

އޭރުން އުޑުތަކުގައި ތިބާގެ ނަން ހެޔޮގޮތުގައި ޒިކުރު ކުރެވިގެންދާނެއެވެ.

ބައެއްގެ ތެރޭގައި ﷲ ގެ ޒިކުރު ކޮށްފިނަމަ، އުޑުގައި އެއަަށްވުރެ ހެޔޮ މަލާއިކަތުންގެ ޖަމާޢަތެއްގައި އެއިލާހު ތިބާގެ ޒިކުރު ކުރައްވާ.

{فَٱذۡكُرُونِیۤ أَذۡكُرۡكُمۡ} سورة البقؤة: 152
މާނައީ: ”ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ“.

މީސްތަކުންގެ ތެރޭގައި ހަތަރު ބާވަތެއްގެ މީހުން އުޅެއެވެ.

ފުރަތަމަ ވައްތަރު:މީސްތަކުންގެ ކުރިމަތީގައި ޤަދަރާއި ހައިބަތު ބޮޑުމީހެއް؛ ﷲ ގެ ދަރުބާރުގައިވެސް ޢިއްޒަތް ލިބިފައިވާ މީހެއް

ދެވަނަ ވައްތަރު:މީސްތަކުންގެ މާ ބޮޑު އިޙްތިރާމެއް، ސަމާލުކަމެއް ނުލިބޭ މީހެއް؛ ﷲ ގެ ދަރުބާރުގައި ޢިއްޒަތް ލިބިފައިވާ މީހެއް

ތިންވަނަ ވައްތަރު:މީސްތަކުންގެ ކުރިމަތީގައި ޤަދަރާއި ހައިބަތު ބޮޑުމީހެއް؛ﷲ ގެ ނުރުއްސެވުން ލިބެމުންދާ މީހެއް

އާޢިޝާ رضي اللخ عنها ގެ ކިބައިން ރިވާ ވެގެންވެއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“ مَنِ الْتَمَسَ رِضَى اللَّهِ بِسَخَطِ النَّاسِ رَضِيَ الِلَّهِ عَنْهُ، وَأَرْضَى النَّاسَ عَنْهُ، وَمَنِ الْتَمَسَ رِضَا النَّاسِ بِسَخَطِ اللَّهِ سَخَطَ الِلَّهِ عَلَيْهِ، وَأَسْخَطَ عَلَيْهِ النَّاسَ “
[صحيح ابن حبان 278- 276]

މާނައީ: ” މީސްތަކުންގެ ނުރުހުމާއި އެކު ވެސް ﷲ ގެ ރުއްސެވުން ހޯދައިގެންފި މީހާ ދަންނައެވެ. ﷲ އެމީހާއަށް ރުއްސަވާ އަދި އެމީހާއަށް މީސްތަކުން ރުހޭ ގޮތް އެކަލާނގެ މެދުވެރި ކުރައްވައެވެ.
އަދި ﷲ ކޯފާވެވޮޑިގަތުމާއި އެކު މީސްތަކުން ރުހުން ހޯދައިގެންފި މީހާ ދަންނައެވެ. ފަހެ އެމީހަކަށް ﷲ ކޯފާވެ ވޮޑިގަންނަވާ އަދި މީސްތަކުން އޭނާއަށް ނުރުހޭގޮތް އެކަލާނގެ މެދުވެރި ކުރައްވާނެއެވެ.“

ހަތަރުވަނަ ވައްތަރު:މީސްތަކުންގެނުރުހުމާއި ﷲ ގެ ނުރުއްސެވުން ލިބެމުންދާ މީހެއް

 

މީސްތަކުންގެ ކުރިމަތީގައި ޤަދަރާއި ހައިބަތު ބޮޑުމީހެއް؛ ﷲ ގެ ދަރުބާރުގައިވެސް ޢިއްޒަތް ލިބިފައިވާ މީހެއް

އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހަކަށް މީސްތަކުންގެ ލޯބި ލިބޭނެކަން މާތް ﷲ، ކީރިތި ޤުރުއާނުގައި ކަށަވަރުކޮށްދެއްވައިފައިވެއެވެ. ހެޔޮލަފާ ޞާލިޙު މީހުންގެ ގާތުގައި އިސްވެ މި ދެންނެވި ދެ ޝަރުތު ފުރިހަމަވާ މީހުންގެ މަޤްބޫލުކަން މާތްﷲ އިތުރުކޮށްދެއްވާނެކަން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން އެނގެއެވެ. މިފަދަ އެއް ދަލީލަކީ މަރްޔަމް ސޫރަތުގެ 96 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

{ إِنَّ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَیَجۡعَلُ لَهُمُ ٱلرَّحۡمَـٰنُ وُدّا }

މާނައީ: ”ހަމަކަށަވަރުން، އީމާންވެ، ޞާލިޙު  ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ރަޙްމާންވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ.“

މި އާޔަތުން އެނގޭ ގޮތުގައި (މުއުމިނުންގެ) ލޯތްބާއި އިޙްތިރާމަކީ ގަދަކަމުން ލިބޭ އެއްޗެއްނޫނެވެ. މިއީ އިލާހީ ދެއްވުމެކެވެ. އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހާ ބުނާ ބަހުގައި އަސަރު ހުންނާނެއެވެ. އީމާންވެ، ޞާލިޙް ޢަމަލު ކުރާ މީހާ ކަމަކަށް އެދެފިނަމަ، އެކަން ކުރުމުގެ ޝައުގުވެރިކަން މާތްﷲ މުއުމިނުންގެ ހިތްތަކުގައި ލައްވާނެއެވެ.

މިފަދަ އަނެއް ދަލީލަކީ އަބޫ ހުރައިރާ ރިވާކުރެއްވި، އަދި ޞަޙީޙް ބުޚާރީގައި އައިސްފައިވާ ޙަދީޘެކެވެ. މި ޙަދީޘްފުޅުގެ މާނައިގައިވެއެވެ. ”ﷲ އަޅަކުދެކެ ލޯބިވެވޮޑިގެންފިނަމަ އެކަލާނގެ ޖިބްރީލްގެފާނަށް ދަންނަވަތެވެ. އޭ ޖިބްރީލްގެ ފާނެވެ. ތިމަން ﷲ މިވެނި މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންވަމެވެ. ތިބާވެސް އެމީހާ ދެކެ ލޯބިވާށެވެ. ދެން ޖިބްރީލުގެފާނު އެއަޅަކުދެކެ ލޯބިވެލައްވައެވެ. ދެން ޖިބްރީލުގެފާނު އުޑުގެ އަހުލުވެރިންނަށް ގޮވާލައްވަވައެވެ. ހަމަކަށަވަރުން ﷲ މިވެނި އަޅަކުދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިޔަބައިމީހުން އެއަޅާދެކެ ލޯބިވެލައްވާށެވެ. ދެން އުޑުގެ އަހުލުވެރިން އެއަޅަކުދެކެ ލޯބިވެލައްވައެވެ. އެއަށްފަހު އެއަޅަކަށް ބިމުގައި މަޤްބޫލުކަން ލައްވައެވެ.“ (ޞަޙީޙް ބުޚާރީ 3209)

މިޙަދީޘްފުޅުން ދޭހަވާ ގޮތުގައި ﷲގެ ލޯބިވެވޮޑިގަތުން ލިބިއްޖެ އަޅަކަށް އުޑާއި ބިމުގެ އަހުލުވެރިންގެ ލޯބި ލިބިގެންދާނެއެވެ. ކޮންފަދަ ނިޢުމަތެއްތޯއެވެ!

މިފަދަ އަނެއް ދަލީލަކީ އިމާމު ސުފްޔާނުއްޘައުރީގެ ބަސްފުޅެކެވެ.

އިމާމު ސުފްޔާނުއްޘައުރީ ވިދާޅުވިއެވެ.“ތިބާ، ތިބާއާއި މާތް ﷲ އާއި ދެމެދުގައިވާ ގުޅުން ރަނގަޅުކޮށްލާށެވެ. އޭރުން ﷲ، ތިބާއާއި އެހެން މީހުންނާއި ދެމެދު އޮންނަ ގުޅުންތައް ރަނގަޅުކޮށްދެއްވާނެއެވެ.“

 

މީސްތަކުންގެ މާ ބޮޑު އިޙްތިރާމެއް، ސަމާލުކަމެއް ނުލިބޭ މީހެއް؛ ﷲ ގެ ދަރުބާރުގައި ޢިއްޒަތް ލިބިފައިވާ މީހެއް

ބައެއް މީހުން މާތް ﷲ އިމްތިޙާން ކުރައްވައެވެ. އިންސާނާގެ ކިބައިގައި ހުންނަ އައިބެއްގެ ސަބަބުން މީސްތަކުން އެމީހަކީ ދެރަ މީހެއް ކަމުގައި ދެކިދާނެއެވެ. އެފަދަ މީހަކާމެދު މީސްތަކުންގެ މުޢާމަލާތް ބަހައްޓާގޮތުގެ ސަބަބުން އަގެއް ނެތް މީހެއް ކަމުގެ އިޙްސާސްކުރެވިދާނެއެވެ. އެހެންނަމަވެސް ހަނދާންކުރާށެވެ

ޙަޤީޤީ ކާމިޔާބީއަކީ ﷲ ގެ ޙަޟްރަތުގައި ޤަދަރުއުފުލިގެން ދިޔުމެވެ.

ހެޔޮކޮށްއުޅޭއިރުވެސް މީހުންގެ މަލާމާތް ލިބިދާނެއެވެ. ނުވަތަ މީސްތަކުންނަށް ފައިދާހުރިކަމެއް ކުރަމުންދާއިރުވެސް، މީސްތަކުން އޭނާގެ މަސައްކަތުގެ އަގު ވަޒަން ނުކޮށްފާނެއެވެ.މިފަދައިން ކަންތައްވާނަމަ ހިތާއި ސިކުނޑީގައި އަމިއްލަ ނަފުސު ދަށްކުރުމުގެ ޚިޔާލުތައް ދައުރުވިޔަނުދޭށެވެ.އުޑުތަކުގައި ތިބާގެ ނަން ޝަރަފުވެރިކަމާއެކު ޒިކުރުކުރެވޭނެއެވެ.


ޙަފްޞާ ބިންތު ސީރީން رحمها الله  އަކީ ތާބިޢީ ބޭކަނބަލެކެވެ. އަޅުވެރި، ޢިލްމުވެރި ބޭކަނބަލެކެވެ. މަޝްހޫރު ތާބިޢީ މުޙައްމަދު ބުން ސީރީން އަކީ އެކަމަނާގެ އަޚެކެވެ. މުޙައްމަދު ބުން ސީރީން އަކީ ތާބިޢީބޭކަލުންގެ ތެރެއިން ޙަދީޘް، ފިޤްހު އަދި ހުވަފެން ތަފްސީރު ކުރުމުގެ ޢިލްމުން އަރައި ހުންނެވި ބޭކަލެކެވެ.

ޙަފްޞާ ބިންތު ސީރީން رحمها الله ގެ ދަރިކަލެއް ނިޔާވިއެވެ. އެ ދަރިކަލުންނަކީ އެކަމަނާއަށް ވަރަށް ކިޔަމަންތެރި، ބަސް އަހާ ދަރިކަލެއްކަމުން، ދަރިކަލުން ނިޔާވުމުން އެކަމަނާއަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. މިފަދަ ދަރިޔަކާއި އެކީގައި ގިނަ ދުވަހު އުޅުމަށް ހިތް އެދޭނެއެވެ. ކެތްތެރިކަމަކީ ހިތް އެދުނު ފަދައިން މިންވަރު ނުކުރެއްވި ނަމަވެސް الله ގެ މިންވަރުފުޅަށް ރުހިގެންވުންކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ.

ދަރިކަލުން ނިޔާވި ދުވަހާއި ވިދިގެން އައިރޭ ގައި ދަމުނަމާދު ކުރައްވަމުން އެކަމަނާ ކިޔަވާ ވިދާޅުވީ سورة النحل އެވެ. މި ސޫރަތް ކިޔަވަމުން އަންނަނިވި އާޔަތާއި ހަމައަށް ވަޑައިގެންނެވުނެވެ.

مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّـهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٦﴾

މާނައީ: ”ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި الله  ގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން  ޢަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.“

އެހިނދު އެކަމަނާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. ހިތާމައާއި މޮޅިވެރިކަމުގެ ކަޅު ވިލާތައް އެކަމަނާގެ ބޯމަތިން ކެހިގެން ދިޔައެވެ. (މަޞްދަރު: البر و الصلة لابن الجوزي)

ޙަފްޞާ ބިންތު ސީރީން رحمها الله   އަށް މި އާޔަތުން އެހާ ބޮޑު ތަސައްލީއެއް ލިބިވަޑައިގަތީ ކީއްވެތޯއެވެ؟ އެކަމަނާ މި އާޔަތުގެ ވިސްނާ، ތަދައްބަރުކުރެއްވުމުން އެނގިވަޑައިގަތީ މި ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް ނެތި ފަނާވެދާނެ އެއްޗެއްކަމެވެ. ޖީލަކަށްފަހު ޖީލެއް ދުނިޔޭގެ ދަންފަޅި ހަމަކުރުމަށްފަހު، އުޚުރަވީ ޙަޔާތާއި ކުރިމަތިލަމުންދާނެކަމެވެ.

އަދި ކެތްތެރިކަމުގެ މާތްކަންވެސް މި އާޔަތުގައި ބަޔާންވެފައިވެއެވެ.

ކެތްތެރިކަމަކީ ވަރުގަދަ ބާރެކެވެ. ކެތްތެރިކަމަކީ އަލިކަމެއްވެސްމެއެވެ. سورة النحل ގެ މި އާޔަތަކީ ކެތްތެރިވުމަށް ހިތްވަރުދޭ އާޔަތެކެވެ.

މި އާޔަތުގައި ފަނާވެދަނިވި އެއްޗެހީގެ ވާހަކައާއި ދެމިހުންނާނޭ އެއްޗެހީގެ ވާހަކަ އައިސްފައިވެއެވެ. ބުއްދިވެރިޔަކީ ފަނާވެދަނިވި އެއްޗިއްސާއި ކަންކަމަށްވުރެ ދެމިހުންނާނޭ އެއްޗިއްސާއި ކަންކަމަށް އިސްކަންދޭ މީހާއެވެ.

މި އާޔަތުގެ ތަފްސީރުގައި السعدي ވިދާޅުވެފައިވެއެވެ. “ سورة النحل ގެ މި އާޔަތާއި އަޢްލާ ސޫރަތުގެ ނިމޭކޮޅުގައިވާ އާޔަތްތަކާއި އެއްގޮތްކަމެއް އެބަހުއްޓެވެ. މި ދެ އާޔަތުންވެސް ދުނިޔެއާއިމެދު ޒުހުދުވެރިވުމަށް ހިތްވަރުލިބެއެވެ. އަޢްލާ ސޫރަތުގެ ނިމޭކޮޅުގައިވާ އާޔަތްތަކަކީ:

}بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا وَالْآخِرَةُ خَيْرٌ وَأَبْقَى {

މާނައީ: ”އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.“

މުޞީބާތްތައް ކުރިމަތިވާ ވަގުތުތަކުގައި ކީރިތި ޤުރުއާން ކިޔަވާ، އާޔަތްތަކާއިމެދު ވިސްނާ ފިކުރުކުރުމަކީ ހިތަށް ތަސައްލީ ލިބިގެންދާނޭ ކަމެކެވެ.

 

 

 

13