ޙަޔާތުގެ އެންމެ ފަހު މަންޒިލަށް ކުރި ދަތުރު
ލިޔުނީ: ޖަޢުފަރު ޢަބްދުއްރަޙްމާން
(އައްޑަނަ މަޖައްލާގެ ނޮވެމްބަރު 2016 ގެ އިސްދާރުން ނަގާފައި)
ޝަހީދު އަލްމަރްޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މޮޅު ރާވެރިއެކެވެ. މޮޅު ރޭނުންތެރިއެކެވެ. އަދި ވަރަށް މޮޅު އެންކެޔޮޅެކެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުން ވެސް އޭނާއާ މުޚާތަބުކުރަނީ ”ދޮންމަނިކުބޭ“ގެ ނަމުންނެވެ. ކ. ދިއްފުށީ ދޮންމަނިކުބެއަކީ އެންމެނާ ގުޅޭ، ހިތްހެޔޮ ބޭކަލެކެވެ. ދޮންމަނިކުބޭ ގެ ފުރަތަމަ ކައިވެންޏަށް ދޮށީ ދަރިފުޅު ޢަލީ ވަޙީދު ލިބިލެއްވިއެވެ. އޭގެފަހުން އެކައިވެނި ރޫޅުމުން، ގާފަރުގައި ރޭނުމުގެ މަސައްކަތުގައި އުޅުއްވަމުން އެރަށުގައި އުޅުނު ބޭކަނބަލަކާ ކައިވެނި ކުރައްވައިގެން އިބްރާހިމް ޙުސައިން ލިބިލެއްވިއެވެ. އެކައިވެނިވެސް ރޫޅުމުން އުފަން ރަށް ދިއްފުއްޓަށް ދުރުވެ ރަށުގެ ބޭކަނބަލަކާއި އެކީ ޒަވާޖީ ޙަޔާތެއް ފެއްޓެވިއެވެ. މަރުދުވަހާއި ޖެހެންދެން އެކައިވެނި މަތީގައި ހުންނެވިއެވެ.
ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން ކޮންމެ ދުވަހެއްވެސް ފައްޓަވަނީ ފަތިސް ނަމާދުންނެވެ.
”އަބަދުވެސް ބުނާނެ ދަރިން ރަނގަޅަށް ބަލާށޭ. ދަރިންނަށް އޯގާތެރިވާށޭ. އަޅުގަނޑުމެންގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ 7 މަހަށް އަޅައިގަތް އިރު ގެ ހުރީ އުޅެވޭ ވަރަށް ހެދިފަ. އިތުރު އާމްދަނީ ހޯދުމަށް ގޭގައި ފިހާރައެއް ހަދައިގެން ވިޔަފާރި ކުރުމަކީ އޭރު ދޮންމަނިކުގެ ހުވަފެނެއް“
ޝަހީދުވިއިރު އިންނެވި އަނބިކަނބަލުން ދިއްފުށީ މުއުމިނާ ކިޔައިދެއްވިއެވެ.
”1988 ނޮވެމްބަރު މަސް އައިއިރު އަޅުގަނޑާއި ކުދިން ތަނބުރުމާގެ އަށް ބަދަލުކޮށްފި. ނޮވެމްބަރު މަހުގެ 2 ވީ ބުދަ ދުވަހު ފަތިސްނަމާދުކޮށްގެން އައުމުން، މަހަށް ދާން ބަތްތަށި އަޅައިދިނީ އަޅުގަނޑު. ޢާންމުކޮށް ބަތްތަށި ގެންދާ ގޮތަށް ބަތާ، ހަކުރާ، ދޮންކޭލާ، ބަނޑައިދޫ އެދުވަހުވެސް ބަތްތަށީގައި ހުންނާނެ. މަހަށްދާން ނުކުންނަމުން އަޅުގަނޑު ކައިރީ ބުނި ވާހަކަ މިހާރުވެސް ހަނދާން އެބަހުރި. މިގެއިންނުގޮސް ކުދިން ގޮވައިގެން އުޅޭށޭ. ރަށަށް އަންނައިރު ބާލީހާ ބެޑްޝީޓާއި ތެލި ތަށި ފަދަ ގޭގައިނެތް ސާމާނު ގެނެސްދޭނަމޭ. އެންމެފަހުން ދެއްކި ވާހަކައަކީ މިއީ.“ މުއުމިނާ ކިޔައިދެއްވިއެވެ. މިހެންބުނުއްވާފައި ދޮށީ ދަރިފުޅު އަލީ ވަހީދު ގޮވައިގެން ނިކުންނެވީ މަހަށް ދާށެވެ. އޭރު އެރަށު މީހުން މަހަށް ގޮސް މާލޭގައި މަޑުކުރުމަކީ ޢާންމުކަމެކެވެ. މިގޮތުން ބުދަ ދުވަހު މަހަށް ދިޔަ ގޮތަށް ޖެހިގެން އައިރޭ ރަށަށް ނައިސް މަޑުކުރީ މާލޭގައެވެ.
1988 ނޮވެމްބަރު 3ވީ ބުރާސްފަތި ދުވަހު މާލެއަށް ބަޔަކު އަރާ ހަނގުރާމަކުރަމުންދާ ވާހަކަ ރަށުތެރޭގައި ދައްކާ އަޑު މުއުމިނާއަށް އިވުނެވެ. އެކަމާ ވަރަށް ބޮޑަށް ބިރުގަނެފައި ހުއްޓާ ދެން އިވުނީ އެ ރަށު މީހެއްގެ ގަޔަށް ވަޒަން އެރި ވާހަކަ ރަށުތެރޭގައި ދައްކާ އަޑެވެ. ވަޒަން އެރި މީހެއް އޭރަކު ނޭނގެއެވެ. ”އެދުވަހު ހެނދުނު 9 ޖަހާކަންހާއިރު ގޭގައި ހުއްޓާ މީހަކު އައިސް ބުނީ ދޮންމަނިކުބޭ ގަޔަށް ވަޒަން އަރައިގެން ހޮސްޕިޓަލަށް ގެންގޮސްފައި އެބައޮތޭ. އެޚަބަރު ލިބުނު ވަގުތު ވީގޮތެއް ބުނެދޭކަށްވެސް ނޭނގޭ.“
1988 ނޮވެމްބަރު 2 ވީ ބުދަ ވިލޭރޭ ފަތިހު މަހަށް ދާން ގޮވީވެސް ދޮންމަނިކުބޭ. އަޅުގަނޑުމެން ދެ މީހުންގެ އިތުރުން އެ ދުވަހު ދޯނިން މަހަށް ދިޔައީ ޢަލީ ވަހީދު، ސަމީރު ޢަބްދުﷲ، ޢަބްދުލްޙަކީމް، އަޙްމަދު ޝިޔާރު، ރަމީޒު، ސަޢުދުބެ، ދޮހުއްތުބެ، ޢީސަބެ އަދި އިނގުރައިދޫ މުޙައްމަދު ޖަލީލު. ފަތިހު ރަށުން ފުރައިގެންގޮސް އެންދަމަން އެޅީ ދިއްފުށީ ކައިރީ އޮންނަ ދޮން ހަލުގައި. އެމަކަށް ދެމީ ރެއްސާ ބޯއްޖާ. ދޯނި ހާސް ކޮށް އެންދަމައިގެން، މަސްބާނައިގެން ފުލް ސްޕީޑްގައި ދުއްވާފައި މާލެ ވަނީ ބުދަދުވަހުގެ 4 ޖެހިއިރު. އެދުވަހު މާލެ އައިއިރު މަސްބަތް ކައްކަން މަހާ ފިޔަޔާ މިރުސްފަދަ ހުރިހާ އެއްޗެއް ކޮށައިދިނީ ދޮންމަނިކުބޭ. އެދުވަހު މާލެ ލެފިއިރު މާރުކޭޓުގައި މަސް ވަރަށް މަދު. މަސް ވިއްކީ 50 ރ/ އަށް 40ރ/ އަށް 35 ރުފިޔާއަށް. މަސް ވިއްކައިގެން ވަރަށް ގިނަ ލާރި ލިބުނު. މަސް ވިއްކާ ނިމުނުއިރު އިރު އޮއްސިއްޖެ. މާލޭގައި އެރޭ މަޑުކުރީ ފަތިހު ފަތިހާ މަސް ބާނަން ދިޔުމަށް މަޝްވަރާކޮށްފައި. ދެން ހުރިހާ ކުދިންވެސް ފެންވަރާ ކައިހަދައިގެން ސިނަމާއަށް ދިޔައީ. ފިލްމުން އައިސް ފިލްމުގެ މޮޅު ވާހަކަ ދައްކަން ތިބެފައި ނިދީ.“ ޢަބްދުﷲ ރަޝީދު ކިޔައިދިނެވެ.
”ފަތިހު ނިދާފައި ތިއްބާ ހޭލެވުނީ ގާތްގަނޑަކަށް ހަތަރު ގަޑި ބައި ހާއިރު ވިޔަފާރި ބަނދަރާއި ދިމާއިން ބަޑި ޖަހަމުން އައި ބައެއްގެ ބަޑީގެ އަޑަށް. ދޯނީގެ އެންމެންވެސް ހީކުރީ ނޮވެމްބަރު 11 އަށް ސިފައިން ފަރިތަކުރަނީކަމަށް. ހޭލައިގެން ދޯނީގެ ވާތައް ނަގައިގެން ފަސްގަނޑާ ބޭރު ތޮއްޓާ ދޭތެރެއިން ހުޅަނގަށް ގޮސް ކަނޑިންމައިން ބޭރަށް ވިއްސަކަށް ފޫޓަށް ނުކުމެވުނުތަނާ މިހާރުގެ ދަތުރުވެރިންގެ މާރުކޭޓު ތެރޭގައި އިރަށް ހުރި ހިތިގަސްދޮށުގައި ބަޑި ހިފައިގެން ތިބި ތިން މީހުންގެ ތެރެއިން އެކަކު ދޯންޏާއި ދިމާލަށް ބަޑި ޖަހަން ފެށީ. އޭރު ދޮންމަނިކުބެ އޮތީ އާދައިގެ މަތިން ކޮޅުފަހަށް ކުރިމަތިވާގޮތަށް ވާތައް ކަހަން ގުދުވެ. އެވަގުތު ދޯންޏާއި ދިމާއަށް ޖެހި ވަޒަންތަކުގެ ތެރެއިން ވަޒަނެއް ދޮންމަނިކުބޭ ގަޔަށް އެރީ. ވަޒަން އަރާފައި ހުރީ ކަރުގެ ވާތްފަރާތު އަޑިވަޅުން. އެވަޒަން ނުކުމެފައިހުރީ ކަނދުރާގެ މައިބަދަތަކުގެ ތެރެއިން. އެވަގުތު އޭނާ ކައިރީގައި ތިބީ ކުޑަ ހުއްތުއާއި ޢަލީ ވަހީދާއި ޝިޔާރުއާއި 3 މީހުން ވެގެން ދިރުނބާކޮޅު މަޅުމަތީގައި ދޮންމަނިކުބޭ ބޭއްވީ. އޭރު ވަޒަން އެރިތަނުން ބޮކި ޖަހާފައި ލޭ އާދޭ. އެވަގުތު އެންމެން ކަންބޮޑުވެގެން އުޅެން ފެށީމާ ދޯނި ކުދީން ގާތު އަޅުގަނޑު ބުނެފިން ސިފައިން އަތުން ވީކަމެއްގައި ސަރުކާރުން ޒިންމާވާނެޔޭ. ކަލޭމެން ކަންބޮޑުނުވާށޭ. އެހެން ކިޔާފައި އަނބުރާލައިފައި ވަދެ،
ދޯނި ކުރިން އޮތް ތަނުގައި ދޯނި އެޅީ. އޭރަކު އަދި މިވަނީ ކީއްކަމެއް ނޭނގޭ.“
ޢަބްދުﷲ ރަޝީދު ކިޔައިދިން ގޮތުގައި ސަމީރު ޢަބްދުﷲ ގޮވައިގެން އޭނާ ސިފައިންގެއަށް އެ ޚަބަރު ދޭން ދޯނިން ފޭބިއިރު ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ސިފައިން އެވަރުގެ ބޮޑު ގޯހެއް ހެދީމައެވެ. އެކަމުގައި ސިފައިން ޒިންމާވާންޖެހޭނެތީ އެ މައްސަލަ ހުށައަޅައި، ސިފައިންގެއިން ދުއްވާ އެއްޗެއްގައި ދޮންމަނިކުބޭ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދަން އޭނާ ބޭނުންވިއެވެ. އެދެމީހުންގެ ހަލުވި ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ޤައުމީ ހޮޓާ ފުރަގަހުން ދިމާވި ދެ ދިވެހިންނެވެ…(ނުނިމޭ)
ޖޯޝުގާ ނެތް ލޮލުން ކަރުނައެއް ފާޅުވާ
އުންޑަތައް އެރި ކަމަކު ގައިގެ ލޭ އޮހޮރުވާ
މަރުވިޔަސް ހިތް އޮތީ ހަރު އަޑުން ގޮވަގޮވާ
އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ
ކޮންކަމެއްހޭ މިއީ؟ ކޮންބައެއްހޭ މިއީ؟
ކޮންމެ ބަޔަކަސް ޔަޤީން، ދުޝްމަނުންނޭ އެއީ
ބޮން އުކާ އުންޑައިން ތަން ހިފަން ތިޔައައީ
ބިން މި ކީރިތި ފަނާކޮށްލުމަށްހޭ އައީ؟
ތަންފުކެއްވެސް ނުދޭނަން، މަކުރަމޭ ހުވާ
އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ
ހަމުގެ ބޭރަށް އޮހޭކަށް ލެޔެއް ދެންނެތޭ
އުމުރު ހަގަކަސް އުމުރުގައި ތަނެއްވެސް ނެތޭ
ކަމަރުގައި އިތުރު ވަޒަނެއް ނަގާކަށްނެތޭ
ނަމަވިޔަސް އިތުރުވާނީ މަގޭ ހިންމަތޭ
ހަމަލަދޭނޭ ތަނެއް ބުނެލަދޭށޭ ނިވާ
އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ
ފުރުޞަތޭ ޖަންނަތަށް ލިބުނު ދިޔުމަށްޓަކާ
ފުރަގަހެއް ހަމަނުދޭނަން މަހޭހުއްޓަކާ
މަރުވެދާނީ މިދީނާއި ވަޒަނަށްޓަކާ
ހަރުދަނާ ދިވެހި އުއްމަތުގެ ޝަރަފަށްޓަކާ
ނަޞްރު އެދެމޭ މި ޤައުމަށް މަގޭ ލޯބިވާ
އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ
🇲🇻
🎶ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ🎶
ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކާ ޝަހީދުވެދިޔަ އެންމެހާ ޢަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު
ކުރައްވާށި!
”އާމީން“
🇲🇻 🇲🇻
ޝަޚްސިއްޔަތެއް ހުރި ލޯތްބަކީ،
އަދި އާރުލާވެސް ލޯތްބަކީ،
ފަޚްރާއި ޝަރަފްވެރި ބާރަކީ
ޙުއްބުލްވަޠަންކަން ދަސްކުރޭ