ހެޔޮ ޢަމަލަކީ ކޮބާ؟
- މާތްﷲ ރުހިވޮޑިގަންނަވާ ކޮންމެ ކަމެކެވެ.
- ހެޔޮ ޢަމަލުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތައް ހިމެނެއެވެ.
- އޭގެ ތެރެއިންވާ އެންމެ ހެޔޮ ޢަމަލަކީ ކޮބާ؟ އެއީ މާތް އެއްކައުވަންތަކުރުން.
ހެޔޮ ޢަމަލަކުގެ ޝަރުތުތައް
- މުސްލިމެއް ކަމުގައިވުން
- މާތްﷲ އަށް އިޚްލާސްތެރިކަމާ އެކު ހެޔޮ ޢަމަލުކުރުން
ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ ޢަންހު ރިވާކުރެއްވާފައިވާ މަޝްހޫރު ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ”ޢަމަލުތައް ބިނާވެގެންވާނީ ނިޔަތުގެ މައްޗަށެވެ“
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (مَنْ عَمِلَ عَمَلاً أَشْرَكَ مَعِيَ فِيْهِ غَيْرِىْ تَرَكْتُهُ وَشِرْكَهُ) މާނައީ: “ޢަމަލެއް ކުރާ މީހާ (އެބަހީ؛ އަޅުކަން ކުރާމީހާ) އެއަޅުކަމުގައި ތިމަން އިލާހު އާއި އެހެން އެއްޗެއް ބައިވެރިކޮށްފި ނަމަ އެމީހާއާއި، އެމީހާ ކުރި ޝިރުކާއި ތިމަން އިލާހު ދޫކޮށް ލައްވާހުށީމެވެ.”
- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ އެއްގޮތަށް އެ ހެޔޮ ޢަމަލެއް ކުރުން
﴿ فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴾ [الكهف: 110].
އިބުނު ކަޘީރު ރަޙިމަހުއްﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ: އިސްލާމްދީން ބިނާވެގެންވަނީ 2 ކަމެއްގެ މައްޗަށެވެ. މިދެކަމުން ކުރެ ކަމަކުން އެއްކިބާވެއްޖެ މީހާއަށް ޢަމަލެއް އަދި ދީނެއް ވެސް ނުވެއެވެ. އެއީ ﷲ އާއި އެހެން ފަރާތެއް ބައިވެރިނުކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމެވެ. އަދި ބިދުޢަތަކާއި ދީނުގެ ތެރެއަށް ގެނެވޭ އައުކަންކަން ދޫކޮށްލާ ﷲ ޝަރުޢު ކުރެއްވި ގޮތަށް އެކަލާނގެއަށް އަޅުކަންކުރުމެވެ. އަދި އެއީ لا إله إلا الله محمدًا الرسول الله މި ބަހުގެ މުރާދެވެ.
ހެޔޮ ޢަމަލަގެ ފައިދާ
ޙަޤީޤަތުގައި އަޅުގަނޑުމެން ކުރި ހެޔޮ ޢަމަލަކުން މެނުވީ އަޅުގަނޑުމެނަކަށް ފައިދާއެއް ނުކުރެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ ﴿٣٩﴾ وَأَنَّ سَعْيَهُ سَوْفَ يُرَىٰ ﴿٤٠﴾ ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ ﴿٤١﴾
އަދި އިންސާނާޔަށް އޭނާ ކުޅަ عمل އެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ. (39) އަދި ހަމަކަށަވަރުން، އޭނާ ކުޅަ عمل އެއް ނިކަންހުރެ އޭނާ ދެކޭނެތެވެ. (40) ދެން އޭނާ ކުޅަ عمل އަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.
ހެޔޮ ޢަމަލުގެ ސަބަބުން ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އަޅުގަނޑުމެނަށް ފައިދާކުރެއެވެ. އޭގެ ފޮނި މީރުކަން އަޅުގަނޑުމެންގެ ޙަޔާތަށް ލިބޭނެއެވެ.
ހެޔޮ ޢަމަލުގެ ސަބަބުން ދުނިޔޭގައި ލިބޭ ފައިދާ
- ހެޔޮ ޢަމަލުގެ ސަބަބުން ހިތް ހަމަޖެހޭ ދިރިއުޅެމެއް ލިބި އުފާވެރިކަން ލިބެއެވެ.
ހިތް ހަމަޖެހުން ލިބުމަކީ ކޮންމެ އިންސާނެއް ވެސް ބޭނުންވާ ކަމެއް
ٱلَّذِینَ ءَامَنُوا۟ وَتَطۡمَىِٕنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَىِٕنُّ ٱلۡقُلُوبُ ﴿٢٨﴾
އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟
އިބުނު ކަޘީރު މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ: މިއާޔަތުގައި މާތް ﷲ އެވަނީ ޞާލިޙް ޢަމަލު ކުރާ މީހުންނަށް ދުނިޔޭގައި އުފާވެރި ޙަޔާތެއް ދެއްވާނެކަމަށް އަދި އާޚިރަތުގައި ވެސް މަތިވެރި ދަރުމައާއި ޘަވާބު ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންނެވެ.
މާތްﷲ ޠާހާ ސޫރަތުގައި މީގެ އިދިކޮޅު ވަނީ ބަޔާންކުރައްވާފައެވެ.
އެކަލާނގެއަށް ފުރަގަސްދޭ މީހާގެ ވާހަކަ އެކަލާނގެ ވަޙީކުރައްވަނީ:
فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنۡ أَعۡرَضَ عَن ذِكۡرِی فَإِنَّ لَهُۥ مَعِیشَةࣰ ضَنكا وَنَحۡشُرُهُۥ یَوۡمَ ٱلۡقِیَـٰمَةِ أَعۡمَىٰ
ފަހެ، ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް تبع ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. (123) އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.
- ހެޔޮ ޢަމަލުގެ ސަބަބުން މުދަލާއި ޢާއިލާއާއި ދަރިން މާތްﷲ ރައްކާތެރިކޮށްދެއްވާ
އެގޮތުން ކަހަފް ސޫރަތުގައި 2 ޔަތީމުންނަށްޓަކައި ވެއްޓެން ކައިރިވެފައިވާ ފާރެއް ތެދުކޮށްދިން ސަބަބު ބާޔާންކުރައްވާ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ: وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ
އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ
އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު މި އާޔަތާ މެދު ވިދާޅުވެފައިވެއެވެ: وَكَانَ أَبُوهُمَا صَالِحًا އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވިއެވެ. މި އާޔަތުން އެނގޭ ގޮތުގައި މާތްﷲ އެ ދެ ޔަތީމުން ރައްކާތެރިކޮށްދެއްވީ އެ ދެ ކުދިންގެ ބައްޕަގެ ހެޔޮކަމުގެ ސަބަބުންނެވެ.
- ހެޔޮ ޢަމަލުގެ ސަބަބުން ދަތި އުނދަގޫތަކުން ސަލާމަތްވެ ޙާޖަތްތައް ފުއްދަވައިދެއްވުން
ޔޫނުސް ޢަލައިހި ސަލާމް ބޮޑު މަހެއްގެ ބަނޑުގައި ވަނިކޮށް މާތްﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވަމުން މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤﴾ ۞
ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. (143–144)
- ހެޔޮ ޢަމަލުގެ ސަބަބުން މާތްﷲ ގެ ލޯބިވޮޑިގަތުން ލިބި އެކަލާނގެއާ ކުއްތަންވުން
އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
“ހަމަކަށަވަރުން ﷲ ތަޢާލާ (ޤުދުސިއްޔަ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ވަލީވެރިއަކާ ޢަދާވާތްތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކާ ދެކޮޅަށް ތިމަންއިލާހު ހަނގުރާމަ އިޢުލާނު ކުރައްވާހުށީމެވެ. އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަން އިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ. ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުވިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ.”
- ހެޔޮ ޢަމަލުގެ ސަބަބުން ޚަލްޤުތަކުންގެ ހިތުގައި އޭނާއަށް ލޯބި ލެއްވުން
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَٰنُ وُدًّا ﴿٩٦﴾
ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) رحمن ވަންތަ ރަސްކަލާނގެ، އެއުރެންނަށްޓަކައި ލޯބިލައްވާނެތެވެ. (96)
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. “ތިމަން އިލާހު އެވެނި މީހަކު ދެކެ ލޯބިވެވޮޑިގަންނަވަމެވެ. ކަލޭގެފާނުވެސް ލޯބިވާށެވެ.” ޙަދީޘްކުރެއްވިއެވެ. “ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ލޯބިވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ލޯބިވާށެވެ.” ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ލޯބިވެތެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ޤަބޫލުވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ. އަދި ﷲ ތަޢާލާ އަޅަކު ދެކެ ކޯފާއިސްކުރައްވައިފިއްޔާ ޖިބްރީލް ޢަލައިހިއްސަލާމަށް ގޮވާލައްވާ ވަޙީކުރައްވައެވެ. “ތިމަން އިލާހު އެވެނި މީހަކު ދެކެ ކޯފާ އިސްކުރައްވައިފީމެވެ. ކަލޭގެފާނުވެސް ކޯފާވާށެވެ.” ޙަދީޘްކުރެއްވިއެވެ. “ދެން ޖިބްރީލް ޢަލައިހިއްސަލާމު އޭނާ ދެކެ ކޯފާވެއެވެ. އަދި އޭގެ ފަހުގައި އުޑުގައި ނިދާ އިއްވަވައެވެ. ވިދާޅުވެއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ކޯފާވެވޮޑިގެންފިއެވެ. ތިޔަބައިމީހުންވެސް އެމީހާ ދެކެ ކޯފާވާށެވެ.” ދެން އުޑުގެ އަހުލުވެރިން އެމީހަކު ދެކެ ކޯފާވެއެވެ. ވިދާޅުވިއެވެ. ދެން އޭގެ ފަހުގައި ބިންމަތީގައި އޭނާގެ ޢަމަލުތަކަކީ ރުޅިވެރިވެގެންވާ ޢަމަލުތަކެއް ކަމުގައި ވެދެތެވެ.”
ހެޔޮ ޢަމަލުގެ ސަބަބުން ޢާޚިރަތުގައި ލިބޭ ފައިދާ
- ހެޔޮ ޢަމަލުގެ ސަބަބުން ދުނިޔެ ދޫކުރާ ހިނދު ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބުން
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴿٣٢﴾
ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبرލިބިގަންނާށެވެ! (30) ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ. (31) ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ. (32)
- ހެޔޮ ޢަމަލުގެ ސަބަބުން ކައްވަޅުގެ ޢަޛާބުން އަމާންކަން ލިބުން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ: މުއުމިން އަޅާ ވަޅުލުމަށްފަހު) މީސްތަކުން ފުރަގަސްދީ ދާހިނދު، އެމީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވޭހުށްޓެވެ. ދެން ފަހެ ގަދަފަދަވެގެންވާ އަޑެއް (ލިބިފައިވާ)، ދެ މަލާއިކަތުން އެ މީހާގެ ކައިރިއަށް ވަޑައިގަންނަވާނެއެވެ. އެ ދެ ބޭކަލުން އޭނާ އާއި ދިމާލަށް (ގަދަފަދަ އަޑަކުން) ހަޅޭފުޅުލައްވާނެއެވެ. ދެންފަހެ އޭނާ ބައިންދަވާނެއެވެ. ފަހެ އެ ދެ ބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ރައްބަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ތިމަންގެ ރައްބަކީ ﷲ އެވެ. އެ ދެ ބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ތިމަންނަގެ ދީނަކީ އިސްލާމްދީނެވެ. ފަހެ އެ ދެ ބޭކަލުން އެ މީހާއަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ ކައިރިއަށް ފޮނުއްވުނު މިބޭކަލަކީ ކާކު ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އެއީ ﷲގެ ރަސޫލާއެވެ. އެ ދެބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ޢަމަލަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އަހަރެން، ﷲގެ ފޮތް ކިޔެވީމެވެ. އަދި އެ ފޮތަށް އަހަރެން އީމާންވީމެވެ. އަދި (އެ ފޮތުގައިވާ ހުރިހާ ކަމެއް އަހަރެން) ތެދުކުރީމެވެ. ދެން އެއަށްފަހު (އަނެއްކާވެސް ގަދަފަދަ އަޑަކުން) އޭނާއާއި ދިމާލަށް ހަޅޭލައްވާނެއެވެ. ދެންފަހެ ވިދާޅުވާނެއެވެ. ތިބާގެ ރައްބަކީ ކޮބާ ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ ތިބާގެ ނަބިއްޔަކީ ކޮބާ ހެއްޔެވެ؟ އޭނާ ބުނާނެއެވެ. ﷲއީ ތިމަންގެ ރައްބެވެ. ތިމަންގެ ދީނަކީ އިސްލާމްދީނެވެ. ތިމަންގެ ނަބިއްޔަކީ މުޙައްމަދުގެފާނެވެ. އެހިނދުގައި އުޑުން ގޮވައިލެވޭނެއެވެ. ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. ސުވަރުގެއިން އޭނައަށް ދާނެއް ފަތުރާށެވެ. އަދި ސުވަރުގޭގެ ހެދުމުން އޭނާއަށް ހެދުން ލައްވާށެވެ. އަދި ސުވަރުގެއިން އޭނައަށް ދޮރެއް ހުޅުވައިދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދޮރުން އޭނައަށް ސުވަރުގޭގެ ރާޙަތާއި މީރުވަސް އަންނާނެއެވެ. އަދި އޭނައަށްޓަކައި، އޭނާގެ ކަށްވަޅު އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް ތަނަވަސް ވެގެންވާ ކަށްވަޅަކަށް ވެގެންދާނެއެވެ. އެހިނދުގައި މޫނު ރީތި، ހެދުން ރީތި، މީރުވަސްދުވާ މީހަކު، އޭނާގެ ގާތަށް އަންނާނެއެވެ. (އެބަހީ: ރީތި ސިފައެއްގައި، ރީތި މަންޒަރެއްގައި މީހަކު އޭނައާއި ކަށްވަޅުގައި ބައްދަލުކުރާނެއެވެ.) އެހެން ރިވާޔަތެއްގައި ވެއެވެ. އޭނާއަށް ޞިފަކުރެވޭނެއެވެ.
ފަހެ، އޭނާ ބުނާނެއެވެ. ތިބާއަށް އުފާވެރިކަން ލައްވާފައިވާ ކަންތަކަށް އުފާކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް ތިބާ އުފާކުރާށެވެ. އެތަނުގައި، (އެބަހީ: ސުވަރުގޭގައި) އެއުރެންނަށް އަބަދަށް ދެމިހުންނަނިވި ނިޢުމަތްތައް ވެއެވެ. މިއީ ތިބާއަށް މީގެ ކުރިން ވަޢުދުކުރެވުނު ދުވަހެވެ.
އޭނާ އެމީހާއަށް ބުނާނެއެވެ. ﷲ ތަޢާލާ ތިބާއަށްވެސް ހެޔޮކަމުގެ ޚަބަރުން އުފާވެރިކަން ދެއްވާށިއެވެ. ތިބާއީ ފަހެ ކާކު ހެއްޔެވެ؟ ތިބާއީ ހެޔޮކަމުގެ މޫނަކާއިގެން އައި މީހެކެވެ. އެމީހާ ބުނާނެއެވެ. އަހަންނަކީ ތިބާގެ ޞާލިޙު ޢަމަލެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ، ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އަވަސްވެގަންނަކަން މެނުވީ ތިމަންނައަށް އެނގިގެން ނުވެއެވެ. ﷲ ތަޢާލާއަށް އުރެދުމަށް، (ތިބާ) ފަސްޖެހިގަނެއެވެ. ﷲ ތަޢާލާ ތިބާއަށް ހެޔޮޖަޒާ ދެއްވާށިއެވެ. ދެން އެއަށްފަހު ސުވަރުގެއިން ދޮރުކޮޅެއް އޭނާއަށް ހުޅުވޭނެއެވެ. އަދި ނަރަކައިން ދޮރުކޮޅެއްވެސް މެއެވެ. އޭނާއަށް ބުނެވޭނެއެވެ. ﷲ އަށް އުރެދުނުނަމަ، މިއީ ތިބާގެ މަންޒިލެވެ. ތިބާއަށްޓަކައި ﷲ ތަޢާލާވަނީ މިތަން އެތަނަށް (އެބަހީ: ނަރަކަ ސުވަރުގެއަށް) ބަދަލުކޮށްދެއްވާފައެވެ.
ފަހެ އެހިނދު ސުވަރުގޭގައިވާ (ނިޢުމަތްތައް) ފެނުމުން، ﷲ ތަޢާލާއަށް އޭނާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ! ޤިޔާމަތް އަވަސްކޮށްދެއްވާންދޭވެ. (އެއީ) ތިމަންނަގެ އަހުލުންނާއި މުދާތަކުގެ ކައިރިއަށް އެނބުރި ދިއުމަށްޓަކައެވެ. އޭނާ އަށް ބުނެވޭނެއެވެ. ހަމަޖެހޭށެވެ.
- ހެޔޮ ޢަމަލުގެ ސަބަބުން ސުވަރުގޭގައި ހިތަށް ވެސް ނުގެނޭވޭހާ މަތިވެރި ނިޢުމަތްތައް އޭނާއަށް ލިބެއެވެ.
فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾
ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ. (17)
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ عمل ކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!
- ސުވަރުގެއިން އެންމެ ދަށް މަންޒިލް ލިބޭމީހާގެ ދަރަޖަ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބާހެއްޔެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ. ފަހެ އޭނާ ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟ އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ.”
- ހެޔޮ ޢަމަލުގެ ސަބަބުން ސުވަރުގޭގައި ލިބޭ އެންމެ ބޮޑު ނިޢުމަތް ކަމުގައިވާ.. މާތްﷲ ގެ ވަޖުހުފުޅު ފެނުމުގެ ނަސީބު އޭނާއަށް ލިބޭ
ﷲ ތަޢާލާގެ ނިޢުމަތުގެ ގޮވަތި، ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު، އަދި އެންމެ ފުރިހަމަ ނިޢުމަތަކީ، އެނިޢުމަތުގެ ސަބަބުން ސުވަރުގޭގެ އެހެން ނިޢުމަތްތައް މަތިން ހަނދާންނެތޭނެހާ ފުރިހަމަ ނިޢުމަތެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
“ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަނުމުން ﷲ تَبَارَكَ وَتَعَالَى އެބައިމީހުންނަށް ވަޙީކުރައްވާނެއެވެ. ތިޔަބައިމީހުންނަށް އިތުރުކޮށްދިނުމަށް ތިޔަބައިމީހުން ބޭނުންވާކަމެއް ވޭ ހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެއެވެ. އިބަ އިލާހު އަޅަމެންގެ މޫނުތައް އުޖާލާ ނުކުރައްވަމު ހެއްޔެވެ! އަދި ސުވަރުގެއަށް ވައްދަވާ ނަރަކައިން މިންޖު ނުކުރައްވަމު ހެއްޔެވެ! ފަހެ އެހާރުން ﷲ ތަޢާލާ ފަރުދާ ކަޝްފުކުރައްވާނެއެވެ. އެބައިމީހުންގެ ރައްބު عَزَّ وَجَلَّ ފެނުމަށް ވުރެ އެބައިމީހުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނިޢުމަތެއް ދެއްވިގެން ނުވެއެވެ.”
މިކަމަށް އިޝާރާތްކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وُجُوهٌ يَوْمَئِذٍ نَّاضِرَةٌ * إِلَىٰ رَبِّهَا نَاظِرَةٌ﴾([7])
މާނައީ: އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. އެމޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.