ވިފާދާ
ބިލިޔާޑް ކުޅެވޭގޮތަށް މައްކާގައި ހުންނަ މިސްކިތެއް.

މައްކާއިން، ޠާހާ އަބޫބަކުރު:- މައްކާގެ މަސްޖިދުލް ޙަރާމް (ޙަރަމްފުޅު) އަށްފަހު މައްކާއިން އެންމެ މަޝްހޫރު މިސްކިތަކީ ޙަރަމްފުޅާ 9.1 ކިލޯމީޓަރު ދުރުގައި ހުންނަ ޖާމިޢުލް ރާޖިޙީ ނުވަތަ ރާޖިޙީ މިސްކިތެވެ. މިތަން ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރުވެފައިވަނީ އެތަނަކީ އަމިއްލަ ފަރާތަކުން ކޮށްފައިވާ އަގުބޮޑު ވަޤުފަކަށް ވާތީ އެކަންޏެއް ނޫނެވެ. އެއީ އެތަނުގައި ހިންގާ ޢިލްމީ ޕްރޮގްރާމްތައް ގިނަވެފައި މިސްކިތާއެކުގައިވާ ވަޞީލަތްތަކާއި މިސްކިތުގެ ފުރިހަމަކަމުން ވެސް މެއެވެ.

އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގެ ފޭޑިއަށް ޢިމާރާތްކޮށްފައިވާ މިސްކިތް ހުރީ ޙަރަމުން ބަހުގައި 18 ވަރަކަށް މިނިޓްގެ ދަތުރަކަށްފަހު ދެވޭ އަވަށެއްކަމުގައިވާ ”ޙައްޔު ނަސީމް“ (ނަސީމް އަވަށްގަނޑު) ގައެވެ. މިސްކިތް ހުޅުވުނީ 2013 ވަނަ އަހަރުގައެވެ.

މިސްކިތުގެ ބޮޑުމިނަކީ 67000 އަކަމީޓަރެވެ. މިސްކިތުގައި ބޮޑު ދެމުންނާރާއި ހަތަރު ގުއްބު ވެއެވެ. މުންނާރެއްގެ އުސްމިނުގައި 68 މީޓަރު ހުރެއެވެ. ހަތަރު ގުއްބުގެ ތެރެެއިން އެންމެ ބޮޑު ގުއްބުގެ ފުޅާމިނަކީ 13 މީޓަރެވެ. އުސްމިނުގައި 48 މީޓަރެވެ. ފާރުތަކާއި ތަނބުތަކުގެ ފަރުމާކުރުމާއި ލިޔެފައިވާ އަކުރުތަކުގެ ފުރިހަމަކަމާއި އެލުވާފައިވާ ޗާނދަލިޔާތަކުގެ ވިދާބެބުޅުން ސިފާކޮށްދޭނީ ކިހިނަކުންތޯއެވެ.

ޖާމިޢުލް ރާޖިޙީ މިސްކިތް – ފޮޓޯ: އިލްމް

އެއްފަހަރާ 47000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ތަނަވަސް މި މިސްކިތުގައި ފިރިހެނުން ނަމާދުކުރުމަށް 3 ފަންގިފިލާ ޚާއްޞަކޮށްފައިވާ އިރު އަންހެނުންނަށް 2 ފަންގިފިލާ ޚާއްޞަކޮށްފައިވެއެވެ.

މިސްކިތުން އެންމެ ފާހަގަކޮށްލެވޭ ވަޞީލަތްތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

1. 1000 ކުޑަކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމަށްޓަކައި މިހާރުވެސް ޕްރޮގްރާމެއް އެބަ ހިންގައެވެ. މިކުދިންނަށްޓަކައި ބިލިއާޑްސް، ގާލެންޑޯ ފަދަ އިންޑޯ ކުޅިވަރުކުޅޭ ހޯލެއް ވެއެވެ. މިތަނުގައި ކުޅެން ފުރުޞަތު ލިބެނީ އެ ހަފްތާގައި ދަސްކުރާންޖެހޭ މިންވަރު ހިތުދަސްކޮށްފައި ކިޔައިދޭ ކުދީންނަށެވެ. އެހެންކަމުން މިކަމަކީ ފިލާވަޅުތައްް ދަސްކުރަން ކުދީންނަށް ހިތްވަރު ލިބި ޝައުޤުވެރިކުރުވާ ކަމެކެވެ.
2. ރަމަޟާންމަހުގައި އިއުތިކާފަށް ތިބޭ ފަރާތްތަކުގެ ސާމާނު ރައްކާކުރުމަށް 1612 ލޮކަރު ހުރެއެވެ. ފަހުދިހައިގައި އިއުތިކާފަށް ތިބޭ ފަރާތްތަކަށް ހިލޭ ކެއުންބުއިން އިންތިޒާމްކުރެވިފައިވެއެވެ.
3. މިސްކިތުގައި ދެވޭ ދަރުސްތައް ހަބަހަކަށް ތަރުޖަމާކުރެވޭ ގޮތަށް ނިޒާމެއް ފަައްކާކުރެވިފައިވާއިރު އިވުމުން މަޙްރޫޫމްވެފައިވާ ފަރާތްތަކަށްވެސް މިނިޒާމްގެތެރެއިން ދަރުސްތައް އަންގައިދެވެއެވެ.
4. ވަޅުފެން ރައްކާތެރިކޮށް މީރުކޮށްގެން ބުއިމަށާއި ވުޟޫކުރުމަށް ބޭނުންކުރެވޭ ގޮތް ހަދާ ނިޒާމަކާއި ވުޟޫކުރުމަށް ބޭނުންކުރާ ފެން ސާފުކޮށްގެން އެހެންކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފައްކާކުރާ ނިޒާމެއް ވެއެވެ.
5- މިސްކިތުގައި ދެވޭ ދަރުސްތަކާއި ހިންގާ ޕްރޮގްރާމްތަކުގެ އަޑާއި މަންޒަރު ދުރަށް ފޮނުވޭގޮތަށް ރޭވިފައިވެއެވެ.
6. ޒަމާނީ ވަޞީލަތްތަކާއެކު 2 ލައިބްރަރީ ތަރައްޤީކޮށްފައިވެއެވެ. އަންހެނުންނަށް ޚާއްޞަ ލައިބްރަރީއަކާއި ފިރިހެނުންނަށް ޚާއްޞަ ލައިބްރަރީއެކެވެ. ޢަޞްރު ނަމާދަށްފަހު ހުޅުވާ ގޮތަށް ރޭގަނޑު 9 ޖަހަންދެން ލައިބްރަރީގެ ޚިދުމަތް ލިބެއެވެ.

ޖާމިޢުލް ރާޖިޙީ މިސްކިތް – ފޮޓޯ: އިލްމް

ޝައިޚް ސަލްމާން އަލް ރާޖިހީ މިމިސްކިތް ބިނާކުރުމަށް 10 ބިލިޔަން ޑޮލަރު ހޭދަކުރައްވާފައިވެއެވެ. މިސްކިތް ވަޤުފުގެ ތައުލިއްޔަމޫލަވެރިކަން އޮންނަނީ މިސްކިތް ބިނާކުރެއްވި އައްރާޖިޙީ ދަރިކޮޅުގެޝައިޚް ސުލައިމާން ރާޖިޙީއަށެވެ. އެމަނިކުފާނު މިމިސްކިތް ވަޤުފުކުރައްވާފައިވަނީ އެމަނިކުފާނުގެ މަންމަ އަައިޝާ އަލް ރާޖިޙީގެ ނަންފުޅުގައެވެ. ނަމަވެސް މިސްކިތުގެ މަސައްކަތްކުރި ކޮންމެ މީހަކާއި ހެޔޮދުޢާކުރި ކޮންމެ މީހެއްް މިވަޤުފުގައި ބައިވެރިކުރުމަށް އެމަނިކުފާނުވަނީ ނިންމަވާފައިކަމަށް މަޢުލޫމާތު ލިބުނެވެ.

ޖާމިޢުލް ރާޖިޙީ މިސްކިތް – ފޮޓޯ: އިލްމް

ރާޖިޙީ މިސްކިތަށް ޒިޔާރަތް ކޮށްލުމުން އިޙްޞާޞްވީ އިސްލާމްދީނަށްޓަކައި އިސްލާމުންގެ ހިތުގައި އޮންނަ ލޯތްބެވެ. އިސްލާމުންގެ ފަންނުވެރިކަމާއި ފާޑުވެރިކަމުގެ ވޮށް ކަނިވެގެން ފަނޑުވެގެން ނުދާކަމެވެ. މިސްކިތުގެ ތައުލިއްޔަމޫލަވެރީންނަށް ހެޔޮ ދުޢާއެއް ކުރައްވައިގެން އިނބަވެސް މިވަޤުފުގެ ބެހެނިވެެރިއަކަށް ވެލައްވާށެވެ.

ޖާމިޢުލް ރާޖިޙީ މިސްކިތް – ފޮޓޯ: އިލްމް

މަސްޖިދު އައްރާޖްހީގެ ލައިބްރަރީ

މި ލައިބްރަރީ ހުންނަނީ ނަސީމް އަވަށުގައެވެ. މި ލައިބްރަރީގައި އަންހެނުނުންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ފިރިހެނުންގެ ބައެއް ހުރެއެވެ. މި ލައިބްރަރީ ހުކުރު ހޮނިހިރު ފިޔަވާ ހަފުތާގެ އެހެން ހުރިހާ ދުވަހަކު ހުޅުވައެވެ. އަޞުރުނަމާދު ވަގުތުން ފެށިގެން އިޝާ ވަގުތާއި ހަމައަށް ހުޅުވާފައިހުރެއެވެ. މި ލައިބްރަރީގައި އިނގިރޭސި، ޢަރަބި އިސްލާމީ ފޮތްތައް ހުރެއެވެ. މި ލައިބްރަރީގައި ކުޑަކުދިންނާއިގުޅޭ ވަރަށް ގިނަ ވާހަކަ ފޮތް ހުރެއެވެ. ފޮތްކިޔުމާއި ފިލާވަޅުތައް މުރާޖަޢާކުރުމަށް ވަރަށް މުނާސަބު ވެއްޓެއް މި ލައިބްރަރީގައި ޤާއިމުވެފައިވެއެވެ. ދާރިސުންނަށް އިންޓަނެޓުގެ ޚިދުމަތް މި ލައިބްރަރީން ފޯރުކޮށްދެއެވެ.

31