ޚަބަރު
ދެ ދުނިޔޭގައިވެސް ކާމިޔާބަށް އެދޭ ނަމަ ހުރިހާ އަމަލެއްގައި ވެސް ނަމޫނާއަކީ ކީރިތި ރަސޫލާ ކަމުގައި ބަލާ: ހުކުރުޚުތުބާ

އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށާއި ބާއްޖަވެރި ދިރިއުޅުމަކަށްފަހު އާހިރަތުގެ ސަވާބު ހޯދުމަށް ހުރިހާ އަމަލުތަކެއްގައިވެސް ނަމޫނާއަކީ އެކަލޭގެފާނު ކަމުގައި ބެލުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

 

“ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު” މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މި މައްސަރަކީ އާލަމްތަކަށް ރަހުމަތެއްކަމުގައި ކީރިތި الله ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގެން މައްސަރު ކަމަށާއި ނަބީކަމާއި ރަސޫލުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބުނު މައްސަރު ކަމަށެވެ.

 

ހުތުބާގައި ބުނީ, ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ފަހުރާއި ޝަރަފު ދުނިޔެއަށް ލިބުނުއިރު ދުނިޔޭގެ ހާލަތު, ތާރީހުގައި އެހައި ދަށު ދަރަހައަކަށް ގޮސްފައިވާ ދުވަސްވަރެއް ނާންނަ ކަމަށެވެ.

 

އެ ދުވަސްވަރު މީސްތަކުން ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލި, ނޭނގުމުގެ އަނދިރިކަމުގެ ތެރެއަށް ވަދެ މަގު އޮޅި, ވާވަދެފައި ކަމަށާއި އަނިޔާވެރިކަމާއި ތަޅާފޮޅުމާއި އަރާރުންވުމާއި ފިތުނަ ފަސާދަ އާންމު ވެފައިވަނީ ހައިރާންވުން އެކަށީގެންވާ ދަރަޖަކަށް ކަމަށް ބުންޏެވެ.

 

އަދި ކުރީގެ ރަސޫލުންނާއި ނަބިއްޔުންނާއި މުސްލިހުން ދެއްވި ތައުލީމާއި އިރުޝާދު, ދެއްކެވި ތެދު މަގާއި ހިދާޔަތުގެ އަސަރުވެސް ފެންނާކަށް ނެތް ކަމަށާއި ތައުހީދުގެ ސާފު ސީދާ އަގީދާއަކީ ކޮން އެއްޗެއްކަން ދަންނަ މީހަކުވެސް ނެތް ކަމަށް ބުންޏެވެ.

 

ކީރިތި ރަސޫލާގެ ހަޔާތްޕުޅު އުސްއަލިތައް ފާހަގަކޮށް ހުތުބާގައި ބުނީ, އިސްލާމް ދީނަށް ގޮވައިލެއްވުމުގައި ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސައްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ މާތް ރަސޫލާގެ ކޮނޑުފުޅުގައި އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައި ކަމަށާއި އެކަލޭގެފާނުގެ ރިސާލަތު ފުރިހަމައަށް އަދާކުރައްވައި, ދުނިޔެ, އެހެން ދުނިޔެއަކަށް ބަދަލު ކުރައްވާފައި ކަމަށެވެ.

 

ހުތުބާގައި ބުނީ, އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅިން އާ ދައުރެއް ކަމަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ, އިލްމުގެ ނޫރުން އަލިވެ, އުޖާލާވި ކަމަށެވެ. އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ, ދެކޮޅުވެރިކަމާއި ނޭއްގާނީކަމުގެ ބަދަލުގައި އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެ, ތައުހީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތުވި ކަމަށް ބުންޏެވެ.

 

ހުތުބާގައި ބުނީ, ކީރިތި ރަސޫލާ ދުނިޔެ ދޫކުރައްވައި ވަޑައިގަތީ އަހަރެމެން އޭގައި ހިފަހައްޓައި ނަމަ އަހަރެމެންނަށް ދުވަހަކުވެސް މަގުނޯޅޭނެ ދެ އެއްޗެއް އަހަރެމެންގެ ތެރެއަށް ދޫކުރައްވާފައި ކަމަށެވެ. އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުގެ މާތްވެގެންވާ ސުންނަތް ކަމަށް ބުންޏެވެ.

8