ޚަބަރު
ރިޝްވަތަކީ ޙަރާމް އެއްޗަކަށް ވީ ހިނދު، އެފަދަ އެއްޗެއް އަހަރެމެންގެ އަނބި ދަރިންނާއި، ގާތް ތިމާގެ މީހުންނަށް ކާން ދީގެން ވެސް ނުވާނެ: ހުކުރުޚުތުބާ

ރިޝްވަތަށް މަގުފައިވާ، ވަރަށް ގިނަ ސަބަބުތައް ޢިލްމްވެރިން ބަޔާންކުރައްވާފައި ވެއެވެ. އެއްކަމަކީ އެކަމުގައި ބައިވެރިވާ މީހުންގެ އީމާންކަމެއް ނެތުމެވެ. ރިޒުޤު ދެއްވަނީ މާތްﷲކަން އެމީހުންނަށް ޤަބޫލު ނުކުރެވުމެވެ. މާތްﷲ ޙަރާމް ކުރައްވާފައިވާ ގޮތްގޮތުން ފައިސާ އާއި ތަކެތި ހޯދިކަމުގައި ވިޔަސް އެތަކެތީގައި ބަރަކާތެއް ނުހުންނާނެކަމާއި، އެ ގޮތަށް އުޅެން ވެއްޖެނަމަ މުޅި ޢުމުރުގައި ވެސް އުޅެންޖެހޭނެ ގޮތަކީ އެއީކަން ހިތަށް ނޭރުމެވެ.

ރިޝްވަތަކީ ޙަރާމް އެއްޗަކަށް ވީ ހިނދު، އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި އަހަރެމެން މުސްލިމުން ހިފައިގެން ނުވާނެއެވެ. އެފަދަ އެއްޗެއް އަހަރެމެންގެ އަނބި ދަރިންނާއި، ގާތް ތިމާގެ މީހުންނަށް ކާން ދީގެން ވެސް ނުވާނެއެވެ. އެހެނީ ކީރިތި ރަސޫލާ ގެ  ހަދީޘްފުޅެއްގައި އައިސްފައިވާގޮތުން، ޙަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު، ނަރަކައަށް މާޙައްޤުކަންބޮޑެވެ. މި ބަސްފުޅުން ދޭހަވަނީ މިފަދަ ކަންކަމުގެ ނުބައިކަމާއި ސުންޕާކަމެވެ.

ރިޝްވަތު ދިނުން ފަދަ ނޭދެވޭ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ، އެކަންތައްތައް އާންމުވެއްޖެނަމަ އެއީ ނުބައި ކަމެއްކަމަށް މީސްތަކުންނަށް ހީނުވާ ދަރަޖައަށް އެކަން ފެތުރިދާނެއެވެ. އެއީ ހަދިޔާބަދިޔާ ބަދަލުކުރުން ފަދަ ކަމެއް ކަމުގައި ހީވެދާނެއެވެ. ހަމަކަށަވަރުން ރިޝްވަތަކީ ހަދިޔާއެއް ނޫނެވެ. އެއީ ޙައްޤާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ ވަރަގަދަ ޒަހަރެކެވެ. މުޖުތަމައުގެ ސަފުތައް ރޫޅާލާ ފިތުނައެކެވެ.

2