﴿لَتَرْكَبُنَّ طَبَقًا عَن طَبَقٍ﴾ الانشقاق: 19
“ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.“
ކޮންމެ އެއްޗެއްވެސް، އަދި ކޮންމެ ކަމެއްވެސް އުދަވުމަށްފަހު ދެން ދާނީ އޮއްސޭށެވެ.
ފަތިހު ފަރިވާ މާތައް، ހަވީރު އަތަށް އަޅަމުންދާވަރަކަށް މިލާ މޯޅިވަމުންދާނެއެވެ.
ދެމި އޮންނާނެކަމަށް ހީކުރާ ބާރު ނެތިދެއެވެ.
ނުގެއްލޭނެކަމަށް ހީކުރާ ތަނަވަސްކަންވެސް ގެއްލިދެއެވެ.
ވަކިނުވާނެކަމަށް ހީކުރާ މީހުންވެސް ވަކިވެދެއެވެ.
ބަދަލުނުވާނެކަމަށް ހީކުރާ ޙާލަތުވެސް ބަދަލުވެދެއެވެ.
އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ދެމިއެއް ނޯވެއެވެ.
”މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއްވެސް
ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން
އުންމީދުގެ އަލިކަން މި ގެނައި ކޮންމެ ޝުޢާޢެއް
އުންމީދު އުފައްދައިފިޔެ އުންމީދުގެ ސިއްރުން“