Uncategorized
ޙައްޖު ސޫރަތުގެ މުހިއްމު ނުކުތާތައް

ޙައްޖު ސޫރަތަކީ ކީރިތި ޤުރުއާނުގެ 22 ވަނަ ސޫރަތެވެ. މިއީ 78 އާޔަތުގެ މައްޗަށް އެކުލެވިގެންވާ މަދަނީ ސޫރަތެކެވެ.

ޙައްޖު ސޫރަތުގެ އެއްވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތަށް އައިސްފައިވާ އާޔަތްތަކުގައި މާތް ﷲ އަށް ތަޤްވާވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. އަދި މާތް ﷲ އަށް ތަޤްވާވެރިވުމުގައި ދަރަޖަތަކަށް މީސްތަކުން ބެހިގެންވާ ގޮތްތައް ބަޔާންކުރައްވާފައިވެއެވެ. ޚާލިޤަކު ވޮޑިގެންވާކަމުގެ ބުއްދީގެ ދަލީލުތަކާއި، މަރުވެފައިވާ ތަކެތި ދިރުއްވާގޮތުގެ މިސާލުތަކާއި، ކަށްވަޅުން މީސްތަކުން ނެރެލެވި އަލުން ދިރުއްވޭނެކަމާއި، ޤިޔާމަތްދުވަސް ހަމަކަށަވަރުންވެސް އަންނާނެކަމާއި، މާތްﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން މި ސޫރަތުގެ ފަސްވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.

ގެފުޅު ބިނާކުރެވުނު ގޮތުގެ ވާހަކައިގެ ބައެއް ހާދިސާތައް މި ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. ޙައްޖަށް އައުމުގެ ދަޢުވަތު މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާކަން މި ސޫރަތުގެ 27 ވަނަ އާޔަތުން އެނގިގެންދެއެވެ.ޙައްޖުގެ ބައެއް ޙުކުމްތަކާއި ފައިދާތަކާއި މަޤްޞަދުތަކާއި އަދަބުތައް މި ސޫރަތުގައި ބަޔާންވެގެންވެއެވެ. މިގޮތުން ޙައްޖުގެ ރޫޙަކީ ތަޤްވާވެރިކަމާއި ﷲގެ ޒިކުރުކުރުން އިތުރުކުރުންކަން މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.

ޙައްޖު ސޫރަތުގެ 27 ވަނަ އާޔަތު ގެ މާނައިގައިވެއެވެ. ” އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. “

މި އާޔަތުގައި އަނަރޫފަ ޖަމަލުމަތީގައި އަންނަ މީހުންގެ ކުރިން ފައިމަގުގައި އަންނަ މީހުންގެ ޒިކުރުކުރައްވައިފައިވަނީ އެބައިމީހުންނަކީވެސް ދަށް ބައެއް ނޫންކަން އަންގައިދި ނުމަށެވެ. ޙައްޖުގެ ރޫޙަކީ މާތް ﷲއަށް ތަވާޟުޢުވެރިވުމެވެ. ޙައްޖަށް އަންނަ ގޮތުގެ މައްޗަށް، ނުވަތަ ގެންގުޅޭ ސަވާރީގެ މޮޅުދެރަކަމަށް ބެލުމެއްނެތި ޙައްޖުގައި އެންމެންވެސް ޝާމިލުވެގެންވެއެވެ.

ޙައްޖު ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ މައްކާގައެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ މަދީނާގައެވެ. މި ފަދަ އަނެއް ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ ރޭގަނޑުއެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ ދުވާލުއެވެ. ހަމަ އެފަދަ އެހެން ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވަނިކޮށެވެ. އަނެއް ބައި އާޔަތްތައް ބާވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ދަތުރުމަތީގައި ވަނިކޮށެވެ. ހަމައެހެންމެ، އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްގެ ނަމުން ނަން ދެވިފައިވާ ހަމައެކަނި ސޫރަތަކީވެސް ޙައްޖު ސޫރަތެވެ.

ޙައްޖު ސޫރަތުގައި ދެ ސަޖިދަވަޅުވެއެވެ. ފުރަތަމަ ސަޖިދަ ވަޅު އައިސްފައިވަނީ މި ސޫރަތުގެ 18 ވަނަ އާޔަތުގައެވެ. މި އާޔަތުން އެނގޭ ގޮތުގައި މުޅި ކައުނު މާތް ﷲ އަށް ސަޖިދަކުރެއެވެ. މި އާޔަތުގައި އިރު ހަނދާއި ތަރިތަކާއި ޖަނަވާރުތައް މާތް ﷲ އަށް ސަޖިދަކުރާ ވާހަކަ ޚާއްޞަގޮތެއްގައި ފާހަގަކުރެވިފައިވަނީ އެތަކެއްޗަކީ މާތް ﷲ ފިޔަވައި އަޅުކަންކުރެވޭ ތަކެތިކަމުގައި ވާތީއެވެ. ދެވަނަ ސަޖިދަވަޅު އައިސްފައިވަނީ މި ސޫރަތުގެ 77 ވަނަ އާޔަތުގައެވެ. މި އާޔަތަކީ: يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ ۩ ‎﴿٧٧﴾‏މި އާޔަތު ގެ މާނައަކީ:

”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢުކޮށް، ސަޖިދަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި،  ނަޞީބު ލިބުމަށްޓަކައެވެ.“

ޙައްޖުގެ މަޝާޢިރުތަކަށް ދިޔުމުގައި ޙައްޖުވެރިން ކަނޑައެޅިފައިވާ ވަޤުތުތަކަށް ސަމާލުކަންދިނުމާއި، ޖަމްރާތަކަށާއި މިނާއަށް އައިސް ގޮސް އުޅޭއުޅުމާއި، މުޒުދަލިފާގައި ރޭ ކުރާކުރުމުން ޖިހާދުގެ މަތިން ހަނދާންކޮށްދެއެވެ. އެހެންކަމުން ޖިހާދުގެ އާޔަތްތައް މި ސޫރަތުގައި އައިސްފައިވަނީ ޙައްޖުގެ އާޔަތްތައް އައުމަށްފަހުގައެވެ.

ޙައްޖު ސޫރަތުގެ ފެށޭ ކޮޅުގަޔާއި ނިމޭކޮޅުގައިވަނީ މާތްﷲއަށް އަޅުކަންކުރުމުގެ ވާހަކައެވެ.

 

8