މުޒުދަލިފާއަކީ ޛިކުރުގެ ބިމެވެ. ތަކުބީރުގެ ބިމެވެ. ޢަރަފާތުދުވަހު ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއިއެކު ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު ޙައްޖުވެރިން މުޒުދަލިފާއަށް ގޮސް އެތަނުގައި ނިދައެވެ.
މަސްޖިދުލް ޙަރާމާއި މުޒުދަލިފާއާއި ދެމެދު ހުންނަނީ 8 ކިލޯމީޓަރެވެ. ޢަރަފާތާއި މުޒުދަލިފާގެ ދުރުމިނަކީ 6 ކިލޯމީޓަރެވެ. މުޒުދަލިފާއަކީ މާބޮޑު އަޑިގުޑަންކަމެއްނެތް ސަރާސަރު ބިމެކެވެ. މި ސަރާސަރު ހަމަ ބިމުގެ ވަށައިގެންވަނީ ފަރުބަދަތަކެވެ. މުޒުދަލިފާގެ އެންމެ މުހިއްމު މަޢާލިމަކީ މަސްޖިދު މަޝްޢަރުލްޙަރާމެވެ. މިއީ ހިޖުރައިން 3 ވަނަ ޤަރުނުގައި ބިނާ ކުރެވުނު މިސްކިތެކެވެ. ރަސޫލާ صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި ނަމާދުކުރެއްވުމަށާއި އަވަހާރަފުޅުލެއްޕެވުމަށް މަޑުކުރެއްވީ މިހާރު މަސްޖިދު މަޝްޢަރުލްޙަރާމް ބިނާކުރެވިފައި ހުރި ހިސާބުގައެވެ. ރަސޫލާ صلى الله عليه وسلم މުޒުދަލިފާއަށް ވަޑައިގެން މަޣްރިބު ނަމާދާއި އިޝާނަމާދު ޖަމްޢުކޮށް ކުރެއްވިއެވެ. ދެން އަވަހާރަފުޅުލެއްޕެވިއެވެ. ފަތިސްވުމުން ފަތިސްނަމާދުކުރެއްވިއެވެ. އެއަށްފަހު ޤުޒަޙު ފަރުބަދަ ކައިރިޔަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ޖަމަލުކޮޅެއް ކަމުގައިވާ އަލްޤަޞްވާއުގެ މައްޗަށް ކޮޅަށް އަރާވަޑައިގަތެވެ. އަދި ޤިބުލައަށް ކުރިމަތިލައްވާ ހުންނަވާ، ޛިކުރުކުރެއްވިއެވެ.