ނަޞޭޙަތާއި އިރުޝާދު
މާދަރީ ބަހުގެ މުޙިއްމުކަން

މަޝްހޫރު އަދީބު ޔޫސުފު އަލިފުޅު ވިދާޅުވެފައިވޭ.
ގަހަށް ނެތް ލޯބި ފަތަކަށް ހުރުމަކީ ނޭކަށޭނެ ކަމެއް
ބަހަށް ނެތް ކުލުނު ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް
މި ދާއިރާގެ ޢިލްމުވެރިން ޤައުމުގެ ވާހަކަ ފަށަނީވެސް މި އަސާސުން. ޚާއްސަކޮށް މާދަރީ ބަހުގެ ވާހަކައިން. ތަޢުލީމު ދިނުމާއި އުނގަންނައިދިނުމުގެ ޒިންމާގެ ވާހަކަ ފެށެނީވެސް މި ނުކުތާއިން. ޤައުމެއްގެ ވުޖޫދަށްޓަކައި އެ ޤައުމެއްގެ ދަރީންނަށް އެ ޤައުމެއްގެ މާދަރީބަހުން ކިޔަވައިދޭން ގޮވައިލެވެނީވެސް މި ސަބަބަށްޓަކައި. ތަރައްޤީގެ އުސް ކުރިބޯށިތަކަށް ވާސިލުވެވިފައިވާ ޤައުމުތަކުން އެ ކުރިބޯށިތަކަށް ވާސިލުވުމަށް ބޭނުންކުރީ މާދަރީބަހުގެ ސިޑި.
ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި އިސްތިޢުމާރުގެ ދުވަސްވަރުގައި އަމިއްލަ ބަސް ފައިބުޑަށް ވައްޓާލި ކޮންމެ ޤައުމެއްވެސް ގޮސް ވެއްޓުނީ އެހެން ޤައުމެއްގެ ފައިބުޑަށް. އަމިއްލަ އިސްތިޤްލާލާއެކީ އެ ޤައުމުތަކަށް ހިންދެމިއެއްނުލެވުނު. މިސާލަކަށް ބަލާލާނަމަ، އެފްރިކާ ގެ ޤައުމުތަކަށް ބައްލަވާ. އިސްތިޢުމާރުގެ ދުވަސްވަރުގައި އަމިއްލަ ބަސް ނެގެހެއްޓި ޤައުމުތައް ކުރިއަރާ ދިޔަ. މިސާލަކަށް ބަލާލާނަމަ، ޖަޕާނު، ކޮރެއާ ފަދަ ޤައުމުތަކަށް ބައްލަވާ.
ޔަހޫދީ މުފައްކިރެއް ކަމުގައިވާ އިލިއާޒަރު ބިން ޔަހޫދާ ބުނެފައިވޭ. ”ބަހަކާއި ނުލާ އުއްމަތަކަށް އެއްވެސް ދިރުމެއްނެތޭ.“ އޭނާގެ މި އިރުޝާދަށް ތަބާވެ ފައްޅިތެރޭގައި އެކަނި ބޭނުންކުރެވެމުންދިޔަ ހިބުރޫ ބަސް މިއަދު ވަނީ ރޮކެޓް ސައިންސާއި ހަމައަށް ތަރައްޤީކޮށްފައި.
ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ތަފާތު ޤައުމުތަކުން އިޒުރޭލަށް ޖަމާވަމުންދާ އެންމެން އެއް ފިކުރަކަށް އެއް އަސްލަކަށް ގުޅުވާ ތަތްކޮށްދޭ ތެރަހަކީ ހިބުރޫ ބަސް.
މުޞްތަފާ ޞާދިޤު ވިދާޅުވެފައިވޭ.
”ބައެއްގެ ބަސް ނިކަމެތިވެއްޖިއްޔާ އެބަޔަކު ނިކަމެތި ނުވެއެއް ނުދާނޭ.“

0