ނަޞޭޙަތާއި އިރުޝާދު
ޙައްޖުގެ އަޅުކަމުގެ ޘަވާބު ލިބޭ 7 ކަމެއް

ޙައްޖަކީ މާތް މަތިވެރި އަޅުކަމެކެވެ. އެއީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ފަސް ވަނަ ރުކުނެވެ. އެހެނިހެން ރުކުންތަކާ ޚިލާފަށް ޙައްޖަކީ އެ އަޅުކަމަށް މާލީގޮތުންނާއި ޖިސްމާނީ ގޮތުން ކުޅަދާނަވުން ހިމެނޭ ބުރަ ތަކާއި ތަކުލީފުތައް އެކުލެވިގެންވާ އަޅުކަމެވެ. ކޮންމެ މުސްލިމަކުވެސް މި މާތް އަޅުކަމުގެ ޘަވާބު ލިބުމަށް އެދޭނެއެވެ. ކުޅަދާނަކަން ލިބިގެން ނުވާ މީހާވެސް މެއެވެ. އެހެންކަމުން މި މާތް އަޅުކަމުގެ ޘަވާބު ލިބެނިވި އެހެން ޢަމަލުތަކެއް އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވެއެވެ.

  1. ގެއިން ވުޟޫކޮށްގެން ފަރުޟު ނަމާދުކުރުމަށް މިސްކިތަށް ދިޔުން

އަބޫ އުމާމާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلاَةٍ مَكْتُوبَةٍ فَأَجْرُهُ كَأَجْرِ الْحَاجِّ الْمُحْرِمِ)) މާނައީ: ”ފަރުޟު ނަމާދެއް ކުރުމަށް މީހަކު އޭނާގެ ގެއިން ޠާހިރުވެގެން ނިކުމެއްޖެކަމުގައިވާނަމަ، ފަހެ، އެމީހަކަށް އިޙްރާމް ބަނދެގެން ހުރި ޙައްޖުވެރިޔަކަށް ލިބޭ އަޖުރު ލިބޭނެއެވެ.“ (އަޙްމަދު އަދި އަބޫދާއޫދު)

މި  ޙަދީޘްފުޅުގައި ގެއިން ވުޟޫކޮށްގެން ދިޔުމުގެ ވާހަކަ އިން ކަމުގައި ވިޔަސް، އެމީހަކު ހުރި ކޮންމެ ތަނަކުން ވުޟޫކޮށްގެން ފަރުޟުނަމާދަށް ގޮސްފިކަމުގައިވާނަމަ އެ އަޖުރު ޙާޞިލުވާނެކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަދި އަންހެންކަނބަލުން ގޭގައި ނަމާދުކުރުމުން މި އަޖުރު ޙާޞިލުވާނެކަން ވެސް ބަޔާންކުރައްވައެވެ.

  1. ޢިލްމެއް އުނގަންނައިދިނުމަށް ނުވަތަ ޢިލްމު އުނގެނުމަށް މިސްކިތަށް ދިޔުން

އަބޫ އުމާމާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يَعْلَمَهُ، كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ)) މާނައީ: ”ހަމައެކަނި ހެޔޮ އެއްޗެއް އުނގަންނައި ދިނުމުގެ ބޭނުމުގައި ނުވަތަ ހެޔޮ އެއްޗެއް އުނގެނުމުގެ ބޭނުމުގައި މިސްކިތަށް ދާ މީހަކަށް ޙައްޖުގެ އަޅުކަން ފުރިހަމަކުރާ ޙައްޖުވެރިއަކަށް ލިބޭ އަޖުރުވެއެވެ.“ (އައްޠަބްރާނީ)

މިސްކިތުގައި ދީނީ ދަރުސްތައް ބޭއްވުމާއި އެ ދަރުސްތަކަށް ޙާޟިރުވުމުގެ މާތްކަމާއި ކީރިތި ޤުރްއާނާއި ނަބިއްޔާގެ ޙަދީޘްތައް ދަސްކުރުމަށް މިސްކިތައް ދިޔުމުގެ މާތްކަން މި ޙަދީޘުން އަޅުގަނޑުމެންނަށް ދޭހަވެއެވެ.

  1. ފަރުޟު ނަމާދުތަކަށް ފަހު ތަސްބީޙައާއި ތަޙްމީދާއި ތަކްބީރު ކިޔުން

އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ޞަޙާބީންކުރެ ފަޤީރު ބޭކަލުންތަކެއް ވަޑައިގެން ފޯރުންތެރިކަން ހުރި ބޭކަލުން، އެބޭކަލުންގެ މުދަލުން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވައި، الله ގެ މަގުގައި ހަނގުރާމަކުރައްވައި، ޞަދަޤާތްކުރައްވައިގެން ޘަވާބުތައް ހޯއްދަވައިގެން އެ ފަޤީރު ބޭކަލުންނަށްވުރެ ހެޔޮކަމުގައި ކުރިއަރައިދާކަމުގެ ޝަކުވާ ނަބިއްޔާ صلى الله عليه وسلم އަށް ހުށަހެޅުއްވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((أَلاَ أُحَدِّثُكُمْ بِأَمْرٍ إِنْ أَخَذْتُمْ بِهِ أَدْرَكْتُمْ مَنْ سَبَقَكُمْ وَلَمْ يُدْرِكْكُمْ أَحَدٌ بَعْدَكُمْ، وَكُنْتُمْ خَيْرَ مَنْ أَنْتُمْ بَيْنَ ظَهْرَانَيْهِ، إِلاَّ مَنْ عَمِلَ مِثْلَهُ تُسَبِّحُونَ وَتَحْمَدُونَ، وَتُكَبِّرُونَ خَلْفَ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ)) މާނައީ: ”ތިޔަ ބޭކަލުން އެކަމެއްގައި ހިފިކަމުގައިވާނަމަ، ތިޔަ ބޭކަލުންނަށްވުރެ ކުރިއަރާދިޔަ ބޭކަލުންނާ އަރާހަމަކުރެވިދާނެ، އަދި އެއްވެސް މީހަކަށް ތިޔަ ބޭކަލުންނާ އަރައި ހަމަ ނުކުރެރެވޭނެ ކަމެއްގެ ވާހަކަ ތިމަންކަލޭގެފާނު ޙަދީޘްކުރައްވަންތޯއެވެ؟ އަދި އެ ކަމެއްގައި ހިފައިފިނަމަ ތިޔަ ބޭކަލުންގެ ތެރޭގައިވާ އެންމެ ހެޔޮ ބަޔަކަށް ވާނީ ތިޔަ ބޭކަލުންނެވެ. އެކަމެއް އެ ގޮތަށް ކުރި މީހަކު ފިޔަވައެވެ. އެކަމަކީ ކޮންމެ (ފަރުޟު) ނަމާދެއްގެ ފަހުގައި ތަސްބީޙައާއި ތަޙްމީދާއި ތަކްބީރު 33 ފަހަރު ކިޔުމެވެ.“ (ބުޚާރީ އާއި މުސްލިމް)

ނަމާދަށްފަހު ޢާއްމު ގޮތެއްގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުން މި ޒިކުރުތައް ކިޔުމަށް މިސްކިތުގައި މަޑުކޮށްލައެވެ. ފަހަރުގައި މިކަމުގެ ޘަވާބާއި ދަރުމަ ނޭނގި އޮވެދާނެއެވެ. ނަމަވެސް މިކަން އެނގުމުން މި ޒިކުރުތަކަށް އިތުރަށް ފަރުވާތެރިވެވޭނެއެވެ.

  1. ޖަމާޢަތުގައި ފަތިސްނަމާދުކޮށް ނިމުމަށްފަހު، އިރު އަރަންދެން ޛިކުރުކުރުމަށް އިނުމަށްފަހު ދެ ރަކުޢަތުގެ ނަމާދެއް ކުރުން

އަނަސް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ)) މާނައީ: ”ފަތިސްނަމާދު ޖަމާޢަތުގައި ކޮށް، އޭގެފަހުގައި އިރު އަރައްޖެއުމަށް ދާންދެން الله ގެ މަތިން ޛިކުރުކުރަން އިނުމަށްފަހު ދެ ރަކުޢަތުގެ ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާއެއްގެ ފުރިހަމަ އަޖުރުވެއެވެ. އެ ދެ އަޅުކަމުގެ ފުރިހަމަ އަޖުރެވެ. އެ ދެ އަޅުކަމުގެ ފުރިހަމަ އަޖުރެވެ.“ (އައްތިރްމިޛީ)

މިއީވެސް ކުޑަކުޑަ ހިތްވަރެއްކޮށްލައިގެން ފަސޭހައިން ކޮށްލެވިދާނެ އަޅުކަމެކެވެ. މާތް ﷲ އަޅަމެންނަށް އެކަމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ!

  1. ރަމަޟާންމަހުގައި ޢުމްރާގެ އަޅުކަން އަދާކުރުން

އިބްނު ޢައްބާސް رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((عُمْرَةٌ فِي رَمَضَانَ تَعْدِلُ حِجَّةً أَوْ حَجَّةً مَعِي‏)) މާނައީ: ”ރަމަޟާންމަހުގެ ޢުމްރާއެއް (ޘަވާބުގެ ގޮތުން) ޙައްޖަކާ ނުވަތަ ތިމަންކަލޭގެފާނާއެކު ކުރާ ޙައްޖަކާ އެއްވަރުވެގެންވެއެވެ.“ (ބުޚާރީ އާއި މުސްލިމް)

  1. ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހަކަށް މާލީގޮތުން އެހީތެރިވެދިނުން

ޒައިދު ބުން ޚާލިދުއްޖުހަނީ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ جَهَّزَ حَاجًّا أَوْ جَهَّزَ أو غَازِيًا خَلَفَهُ في أهْلِهِ، أَوْ فَطَّرَ صَائِمًا فَلَهُ مِثْلُ أَجْرِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ)) މާނައީ: ”ޙައްޖަށް ނުވަތަ (الله ގެ މަގުގައި) ހަނގުރާމަކުރުމަށް މީހަކު ތައްޔާރުކޮށްދީފި މީހަކަށް، ނުވަތަ ހަނގުރާމައަށް ދިޔަމީހާގެ އަހުލުންގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ވެއްޖެމީހަކަށް، ނުވަތަ ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފިމީހަކަށް އެކަންކަން ކުރިމީހަކަށް ލިބިގެންވާ އަޖުރު ލިބޭހުއްޓެވެ. އެއީ އެމީހުންގެ އަޖުރުން އެއްވެސް އެއްޗެއް އުނިނުވާ ގޮތުގައެވެ.“ (އަލްބައިހަޤީ)

  1. ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެގެން ހުރުން

އެކަމުގެ ކުޅަދާކަން ލިބިފައި ނެތްކަމުގައި ވީނަމަވެސް ކުޅަދާނަކަން ލިބުނު ވަގުތަކުން ވީ އެންމެ އަވަހަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެގެން ހުރެއްޖެނަމަ އެކަން ނުކުރެވުނު ކަމުގައިވިޔަސް އެކަމުގެ ޘަވާބު ލިބޭނެއެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ)) މާނައީ: ”ފަހެ، ހެޔޮކަމެއް ކުރުމަށް ނިޔަތްގަނެ ޢަޒުމުކޮށްފިނަމަ، އެކަމެއް ނުކުރެވުނު ނަމަވެސް الله ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ކަމުގައި ލިޔުއްވާނެތެވެ. އަދި އެ ކަމަށް ނިޔަތްގަނެ ޢަޒުމުކޮށް، އެކަމެއް ކޮށްފިކަމުގައިވާނަމަ، ދިހަ ހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައިން އެތައް ގުނައަކަށް ލިޔުއްވާނެތެވެ.“ (ބުޚާރީ އާއި މުސްލިމް)

ޢިލްމުވެރިން ވިދާޅުވާގޮތުގައި މި އަޅުކަންތަކުން ލިބޭނީ ފަރުޟު ޙައްޖުގެ ޘަވާބެއް ނޫނެވެ. މިކަންކަމުން ލިބޭނީ އެ ނޫން ޙައްޖުގެ ޘަވާބެވެ. އަދި މިކަންކަމުން ލިބޭނީ ޙައްޖެއްގެ ޘަވާބެވެ. ޙައްޖުގެ އަޅުކަން ކުރިކަމަކަށް ނުވާނެއެވެ.

*****

 

24