މި ދިހަ ދުވަހު (ޙައްޖުމަހުގެ ފުރަތަަމަ ދިހަ ދުވަހު) ކުރުމަށް ޝަރުޢުވެގެންވާ ކަންކަމަށް ބަލައިލަމާ ހިނގާށެވެ. ބުނަމެވެ. މި ދުވަސްތަކުގައި ޛިކުރުކުރުން ޝަރުޢުވެގެންވެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ.
ويَذْكُرُوا اسْمَ اللَّهِ فِي أيّامٍ مَعْلُوماتٍ عَلى ما رَزَقَهُمْ مِن بَهِيمَةِ الأنْعامِ [1]
މާނައީ: ”އަދި ނަޢަމްސޫފީގެ ތެރެއިން އެބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މައްޗަށް، ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެބައިމީހުން ﷲ އަށް ޛިކުރުކޮށް އެއިލާހު ހަނދުމަކުރުމަށްޓަކައެވެ.“
ކަނޑައެޅި އެނގިގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ (ފުރަތަަމަ) ދިހަ ދުވަހެވެ. ވުމާއެކު މި ދުވަސްތަކުގައި ޛިކުރުކުރުން ގިނަކުރުން ހުއްޓެވެ. ޛިކުރު ކުރުމުގެ ތެރޭގައި ތަކްބީރާއި، ތަހްލީލާއި އަދި ތަޙްމީދުކުރުން ހިމެނެއެވެ. ތިބާ (މި ދުވަސްތަކުގައި) الله أكبر، الله أكبر، الله أكبر، لا إله إلا الله، الله أكبر الله أكبر، ولله الحمد ކިޔާށެވެ.
މިފަދައިން ކިޔުން ގިނަ ކުރާށެވެ. މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔާށެވެ. އަދި ބާޒާރުތަކާއި ގެތަކުގައިވެސް ކިޔާށެވެ. އަދި ފަހަރެއްގައި ގެތަކުގައި މި ޛިކުރު ކިޔުމައީ ޖިންނީންނާއި ޝައިޠާނުންގެ ފަރާތުން ގެތަކަށް ވާ ރައްކާތެރިކަމެއް ކަމުގައި ވެދާނެއެވެ. ސަބަބަކީ ﷲ، ޖިންނީންނާއި ޝައިޠާނުން ޞިފަކުރައްވާފައި ވަނީ خناس އިންގެ ގޮތުގައެވެ. (خناس އަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ.) ﷲ ގެ ޛިކުރު ކުރެވޭ ހިނދު އެ އެއްޗެހިތައް ދުރަށް ޖެހި ފިލައިގެން ދެއެވެ.
الله أكبر، الله أكبر، لا إله إلا الله، الله أكبر، الله أكبر ولله الحمد.
ހުރިހާ ވަޤުތެއްގައިވެސް މި ޛިކުރު ކުރާށެވެ. ސަބަބަކީ ނަބިއްޔާ ﷺ ހުރިހާ ޙާލެއްގައި ވެސް ﷲ ޛިކުރު ކުރައްވައި އުޅުއްވިއެވެ.
ޙައްޖުމަހުގެ ފުރަތަަމަ ދިހަ ދުވަހު ކުރުމަށް ޝަރުޢުވެގެންވާ ކަންކަމުގެ ތެރޭގައި، މި ދިހަ ދުވަހު ރޯދަހިފުން ހިމެނެއެވެ. އެއީ ޢީދު ދުވަސް ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ ﷺ މި ދުވަސްތަކުގައި ރޯދަ ހިއްޕެވިއެވެ. އިމާމު އަޙްމަދާައި ސުނަނުގެ އަޞްޙާބުން، ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ދަރިކަނބަލުން ޙަފްޞާ رضي الله عنها ގެ ކިބައިން، ނަބިއްޔާ ﷺ މި ދުވަސްތަކުގެ ރޯދަ ދޫނުކުރައްވާ ކަމުގައި ރިވާކުރައްވާފައިވެއެވެ. އަދި މިކަމުގެ ރާޖިޙު ގޮތަކީވެސް މިއީއެވެ.
މުސްލިމުގައި، ނަބިއްޔާ ﷺ (ޛުލްޙިއްޖާ މަހުގެ ފުރަތަަމަ) ދިހަ ދުވަހު ރޯދަ ނުހިއްޕަވާ ކަމަށް ވާ ޢާއިޝާ رضي الله عنها ގެ ޙަދީޘާއިމެދު ދަންނައެވެ. ފަހެ ކަމެއް ޘާބިތުކުރުމާއި އަދި ނަފީރުމަށް، ޢަދުލުވެރި އިތުބާރު ކުރެވޭ ދެ ބޭކަލެއްގެ ބަސްފުޅު އެއްވެއްޖެ ކަމުގައި ވާނަމަ، މިޙާލަތުގައި އިސްކުރާނީ އެކަމެއް ޘާބިތުކުރުމަށް ވިދާޅުވާ ފަރާތުގެ ބަސްފުޅުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެބޭކަލަކަށް އެކަމުގެ ޢިލްމު އިތުރަށް ލިބިގެންވާތީއެވެ.
އަދި ޢާއިޝާ رضي الله عنها މިކަން ނަފީ ކުރައްވާފައި އެވަނީ ނަބިއްޔާ ﷺ ރޯދަ ނުހިއްޕަވާ ކަމަށް ނޫންކަމުގައި ވެދާނެއެވެ. ނަމަވެސް އެކަމަނާއަށް އެކަމުގެ ޢިލްމު ލިބިވަޑައިގެން ނުވާތީ ކަމަށް ވެދާނެއެވެ. ވާރިދުވެގެންވާ ދެ ޙަދީޘް ޖަމާކުރުމުން ދޭހަވަނީ މިފަދައިންނެވެ.
ފަހެ ރޯދަ އަކީ އެންމެ މާތްވެގެންވާ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ. އަދި އަންނަނިވި ޙަދީޘްގެ ތެރެއަށް ވަންނާނެއެވެ.
ما من أيام العمل الصالح فيهن أحب الله من هذه الأيام العشر [2]
މާނައީ: ”ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.“
އަދި މި ދުވަސްތަކުގައި ކުރުން ސުންނަތްވެގެންވާ އަޅުކަންތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާ ކުރުމަށް ﷲ ގެ ގެކޮޅަށް ދިއުން ހިމެނެއެވެ. މިއީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ މާތްވެގެންވާ ކަމެވެ. މާނައަކީ މި ދުވަސްތަކުގައި ކުރުމަށް ޚާއްޞަ ވެގެންވާ އަޅުކަންތަކުގެ ތެރެއިން އެންމެ މާތްވެގެންވަނީ ޙައްޖާއި ޢުމްރާ އަދާކުރުމަށް ﷲ ގެ ގެކޮޅަށް ދިއުމެވެ. ފަހެ ޙައްޖަކީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ޢާއިޝާ رضي الله عنها، ނަބިއްޔާ ﷺ އާއި ސުވާލު ދެންނެވިއެވެ. ”އަންހެނުންގެ މައްޗަށް ޖިހާދުކުރުން ވޭ ހެއްޔެވެ؟“ އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ”އެކަނބަލުންގެ މައްޗަށް ވަނީ ޤަތުލުކުރުނެއް ނުވާ ޖިހާދެކެވެ. (އެއީ) ޙައްޖާއި ޢުމްރާއެވެ.“ [3]
މިކަން އިޝާރަތް ކުރައްވާފައި މިވަނީ ﷲ تعالى ގެ އަންނަނިވި ވަޙީބަސްފުޅަށެވެ.
وأنفِقُوا فِي سَبِيلِ اللَّهِ ولا تُلْقُوا بِأيْدِيكُمْ إلى التَّهْلُكَةِ وأحْسِنُوا إنَّ اللَّهَ يُحِبُّ المُحْسِنِينَ * وأتِمُّوا الحَجَّ والعُمْرَةَ لِلَّهِ [4]
މާނައީ: އަދި ތިޔަބައިމީހުން ﷲ ގެމަގުގައި ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުން ހަލާކުގެތެރެއަށް އެއްލައި ނުލާށެވެ! އަދި ތިޔަބައިމީހުން އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން އިޙްސާންތެރިދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަ ކުރާށެވެ!“
އަދިވެސް މި ދުވަސްތަކުގައި ކުރާނެ އަޅުކަންތަކުގެ ތެރޭގައި މި ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދުވަހުގައި (ޢީދު ދުވަހުގައި) އުޟްޙިޔާ ކަތިލައި الله އާއި ކުއްތަންވުން ހިމެނެއެވެ. މިކަން ކުރާނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީސްތަކުން އެބައިމީހުންގެ އަމިއްލަ ޤައުމުގައެވެ. ޙައްޖުވެރިންނާއި މެދު ދަންނައެވެ. އެބައިމީހުންހެ ޙައްޤުގައި ވަނީ ހަދްޔު ކަތިލުމެވެ. ސަބަބަކީ ރަސޫލާ ﷺ އެކަލޭގެފާނުގެ ޙައްޖުގައި ކަތިލެއްވީ ހަދްޔުއެވެ. އުޟްޙިޔާ ކަތިނުލައްވައެވެ. އަދި އެކަލޭގެފާނު ޙައްޖު އަދާނުކުރައްވާ އަހަރުތަކުގައި މަދީނާގައި އުޟްޙިޔާ ކަތިލެއްވިއެވެ.
މަޞްދަރު: اللقاء الشهري [١٠] رقم:١,٢ لابن عثيمين (رحمه الله)
[1] سورة الحج 28
[2] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)
[3] أخرجه ابن ماجه (2901)، وأحمد (25322) واللفظ له
[4] سورة البقرة (196,195)