ނަޞޭޙަތާއި އިރުޝާދު
އެންމެ މާތް 10! ހެޔޮ ޢަމަލުތައް ގިނަކުރަމާ!

ހަމަކަށަވަރުން ޙަމްދުހުރީ الله އަށެވެ. އަދި އަޅަމެން އެއިލާހުގެ ޙަޟްރަތުން ވާތްގަތް އެދި ދަންނަވަމެވެ. އަދި އަޅަމެން އެއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދެމެވެ. އަޅަމެންގެ ނަފްސުގެ ނުބައިކަމުންނާއި އަޅަމެންގެ ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އެއިލާހު ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރައްދާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެލާހު މަގުފުރައްދައިފި މީހަކަށް ހިދާޔަތް ދައްކަވާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ ކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. الله އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި އެކަލޭގެފާނަށް ޤިޔާމަތާއި ހަމައަށް ތަބަޢަވީ ކޮންމެ މީހަކަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!

އެއަށްފަހު ދަންނާށެވެ!
މި ބައްދަލުވުގައި ވާހަކަ ދައްކާލާނީ ޛުލްޙިއްޖާ މަހާއި ބެހޭގޮތުންނެވެ. މި މައްސަރަކީ (ޛުލްޙިއްޖާ މަހަކީ) ޙުރުމަތްތެރިވެގެންވާ މައްސަރު ތަކުގެ ތެރެއިން ޖެހިޖެހިގެން އަންނަ 03 މަހުން އެއް މަހެވެ. ޙުރުމަތްތެރިވެގެންވާ ވަނީ 04 މައްސަރެވެ. އެއީ ޛުލްޤަޢިދާ, ޛުލްޙިއްޖާ އަދި މުޙައްރަމު މަހެވެ. މި 03 މަސް އަންނަނީ ޖެހިޖެހިގެންނެވެ. 04 ވަނަ މަހަކީ ޖުމާދުލް އާޚިރާއި ޝަޢުބާން މަހާއި މެދުގައިވާ ރަޖަބު މަހެވެ.

މި މައްސަރަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ މާތްވެގެންވާ މައްސަރެވެ. އެހެނީ މި މައްސަރުގައި އެހެން މައްސަރުތަކުގައި އަދާ ނުކުރާ ހެޔޮ ޢަމަލުތައް އަދާކުރެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ.
ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر -أي: عشر ذي الحجة- قالوا: يا رسول الله! ولا الجهاد في سبيل الله؟ قال: ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء [1]
މާނައީ: ”ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.

އެބޭކަލުން ވިދާޅުވިއެވެ. ”އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟“

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ.“

ޛުލްޙިއްޖާ މަހުގެ (ފުރަތަަމަ) ދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުން ގިނަކުރުން އެދެވިގެންވާ ކަމުގައި މި ޙަދީޘުން ދަލީލުކޮށްދެއެވެ. މިގޮތުން ކުރެވިދާނެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި: ތަސްބީޙަ ކިޔުމާއި، ތަހްލީލާއި ތަކްބީރު ކިޔުން ގިނަކުރުން ހިމެނެއެވެ. ފަހެ الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد މިފަދައިން ކިޔާނީއެވެ.

 

އަދި ޞަދަޤާތް ދިނުން ގިނަކުރާނީއެވެ. ސަބަބަކީ މިއީ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ނަމާދުކުރުން ގިނަކުރާނީއެވެ. ސަބަބަކީ މިއީ ހަށިގަނޑުން ކުރެވޭނެ އެންމެ މާތްވެގެންވާ އަޅުކަމެވެ. އަދި ޤުރްއާން ކިޔެވުން ގިނަކުރާނީއެވެ. ސަބަބަކީ ޤުރްއާނަކީ އެންމެ މާތްވެގެންވާ ޛިކުރެވެ. ހެޔޮވެގެންވާ ކޮންމެ ޢަމަލެއްވެސް ކުރުން ގިނަ ކުރާނީއެވެ. މި ދިހަ ދުވަހުގައި (ޢީދު ދުވަސް ފިޔަވައި) ރޯދަ ހިފާނީއެވެ. ސަބަބަކީ ރޯދައަކީވެސް ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. މި ދިހަ ދުވަހުގައި ރޯދަ ހިފުމަށް ޚާއްޞަވެގެންވާ ޙަދީޘެއް ނެތްކަމުގައި ވިޔަސް މެއެވެ. އެއީ ރޯދައަކީ ހެޔޮ ޢަމަލެކެވެ. ވުމާއެކު މި ނުވަ ދުވަހުގައި ރޯދަ ހިފާނީއެވެ. އެހެނީ ދިހަ ވަނަ ދުވަހަކީ ޢީދު ދުވަހެވެ. ޢީދު ދުވަހުގައި ރޯދަ ނުހިފާނެއެވެ.

އަދި ޙައްޖުވެރިޔާ ފިޔަވައި ކޮންމެ މީހަކުވެސް ޢަރަފާތް ދުވަހުގައި ރޯދަ ހިމުފަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ސަބަބަކީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
أحتسب على الله أن يكفر السنة التي قبله والسنة التي بعده [2]
މާނައީ: ”(ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން) އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.“

މަޞްދަރު: اللقاء الشهري [٢٦] لابن عثيمين (رحمه الله)

[1] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)

[2] صحيح مسلم (1162)، سنن أبي داود (2425)، سنن ابن ماجه (1730)، مسند أحمد (22517)

6