ޚަބަރު
ޙައްޖު މަހުގެ ފުރަތަމަ 10 ޚާއްޞަވީ ކީއްވެ؟

ލޮބުވެތި އަޚާއެވެ. މި ދިހަ ދުވަސް (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް) މާތްވެގެންވާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

1. الله تعالى ވަނީ މި ދުވަސްތައް ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. އެއްޗެއް މެދުވެރިކޮށް ހުވާ ކުރެއްވުމަކީ އެކަމުގެ މުހިންމުކަމާއި އެކަމެއްގެ މަންފާގެ މަތިވެރިކަން ދަލީލުކޮށްދޭ ކަމެކެވެ. الله تعالى ވަޙީކުރެއްވިއެވެ.
وَالْفَجْرِ * وَلَيَالٍ عَشْر [1]
މާނައީ: ”ފަތިސްވަގުތު ގަންދެއްވައި الله ހުވައި ވަޙީކުރައްވައެވެ. އަދި ދިހަރޭ ގަންދެއްވައި الله ހުވައި ވަޙީކުރައްވައެވެ.“

އިބްނު ޢައްބާސް, އިބްނުއް ޒުބައިރު, މުޖާހިދު رضي الله عنهم އަދި ސަލަފުންނާއި ޚަލަފުންގެ ތެރެއިން އެއް ބޭކަލަށްވުރެ ގިނަ ބޭކަލުން ވަނީ މި ދިހަ ދުވަހަކީ އެއީ ޙައްޖުމަހުގެ ދިހަ ދުވަސް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. ”(މިކަމުގައި) ޞައްޙަގޮތަކީ އެއީއެވެ.“ [2]

  1. ނަބިއްޔާ ﷺ ވަނީ މި ދިހަ ދުވަހަކީ ދުނިޔެ މަތީގައިވާ އެންމެ މާތްވެގެންވާ ދުވަސްތައްކަމުގައި ހެކިވެވަޑައިގެންފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
    ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر -أي: عشر ذي الحجة- قالوا: يا رسول الله! ولا الجهاد في سبيل الله؟ قال: ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء [3]

މާނައީ: ”ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.“

 

އެބޭކަލުން ވިދާޅުވިއެވެ. ”އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟“

 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ.“

3. މި ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އެހެނީ ޒަމާނުގެ ގޮތުން މިއީ ޝަރަފުވެރި ދުވަސްތަކެކެވެ.

4. މި ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ތަޙްމީދާއި ތަކްބީރު ކިޔުން ގިނަކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ގެ ކިބައިން އައިސްފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد. [4]
މާނައީ: ”(ހެޔޮ) ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އަދި މަތިވެރި ވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލާއި، ތަކްބީރާއި އަދި ތަޙްމީދު ކުރުން ގިނަކުރާށެވެ.“

5. މި ދުވަސްތަކުގައި ޢަރަފާތް ދުވަސް ހިމެނިގެން ވެއެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި ﷲ ދީން ފުރިހަމަ ކުރެއްވިކަމަށް އަންގަވައި ވަޙީކުރެއްވި ދުވަހެވެ. އަދި ޢަރަފާތް ދުވަހުގަައި ރޯދަ ހިފުމަކީ ދެ އަހަރު ދުވަހުގެ ފާފަތައް ފުހެވިގެންދާނެ ކަމެކެވެ. އަދި މި ދިހަ ދުވަހުގައި ނަޙްރުގެ ދުވަސްވެސް ވެއެވެ. ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތްވެގެންވާ ދުވަހެވެ. މިއީ އެދުވަހެއްގައި، ކިޔަމަންވެރިކަމާއި އަޅުކަންތަކުގެ ތެރެއިން އެހެން ދުވަހެއްގައި ޖަމާނުވާ ކަންކަން ޖަމާވާ ޙައްޖުގެ ދުވަހެވެ.

މަޞްދަރު: موقع إسلام سؤال وجواب

[1] سورة الفجر (2,1)

[2] تفسير ابن كثير (8/413)

[3] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)

[4] أخرجه أحمد (5446) واللفظ له، وعبد بن حميد (805)، والطحاوي في ”شرح مشكل الآثار“ (2971)

12