ޚަބަރު
މީ ހެޔޮ ޢަމަލު ކުރުމަށް އެންމެ މާތް ދުވަސްތައް

ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަދި ނަބީކަން ޚަތިމު ކުރެއްވި ތަޤުވާވެރިންގެ އިމާމު އަދި ޢާލަމްތަކުގެ ވެރި ރައްބުގެ ޚަލީލު، އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަށާއި އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީންނަށާއި ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ.
އެއަށްފަހު ދަންނާށެވެ..
ލޮބުވެތި އަޚުން! މަތިވެރިވެގެންވާ މޫސުމަކާއި ބައްދަލުކުރުމަށް އަޅުގަނޑުމެން މިވަނީ ކުރިމަތިލާފައެވެ. ދަންނާށެވެ! އެއީ ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހެވެ. މި ދުވަސްތަކާއި ބެހޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر [1]
މާނަައީ: ”ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.“

މާނަައަކީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރެވޭ ހެޔޮ ޢަމަލައްވުރެ، ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހު ކުރެވޭ ހެޔޮ ޢަމަލު ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. ސަބަބަކީ ޙަދީޘްގެ ލަފްޒު މިވަނީ ޢާންމުކޮށެވެ. ވުމާއެކު ހެޔޮ ޢަމަލު ކުރުމަށް މި ދިހަ ދުވަހަށްވުރެ ބޮޑަށް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ.

މިފަދައިން ޙަދީޘްކުރައްވާފައި މިވަނީ ﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނަކީ ޚަލްޤުތަކުންގެ ތެރެއިން ﷲ ގެ ޝަރީޢަތް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނެ ފަރާތެވެ. އަދި ﷲ އާއި ބެހޭގޮތުންނާއި އަދި ﷲ ލޯބިވެވޮޑިގަންނަވާ ކަންކަން އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނެ ފަރާތެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރެވޭ ހެޔޮ ޢަމަލައްވުރެ، ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހު ކުރެވޭ ހެޔޮ ޢަމަލު ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ކަމުގައި މީހަކު ބުނަނިކޮށް ތިބާއަށް އަޑުއިވުނު ނަމަވެސް ތިބާ އެކަމާއި ޙައިރާން ނުވާށެވެ. ސަބަބަކީ މިކަމުގެ ދަލީލަކަށް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއް އެބަވެއެވެ.

ނަބިއްޔާ ﷺ މިފަދައިން ޙަދީޘް ކުރައްވާފައި މިވަނީ ހަމައެކަނި އަޅުގަނޑުމެން އެކަމާމެދު ވިސްނުކަމަށް ނޫނެވެ. އެހެންނަމަވެސް އެއީ އެކަމާ ވިސްނާ އަދި ހެޔޮ ޢަމަލުކުރުމަށެެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހު ހެޔޮ ޢަމަލުކުރުން ގިނަކުރުމަށެވެ.

ހެޔޮ ޢަމަލުތައް ވަރަށްވެސް ގިނައެވެ. ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ތަސްބީޙަ ކިޔުމާއި، ޙަމްދުކުރުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމެވެ. ހެޔޮ ޢަމަލުތައް ޢަދަދު ނުކުރެވޭހާވެސް ގިނައެވެ.

ތިބާ މި ދިހަ ދުވަހު ދިރުހަމެއް ޞަދަޤާތްކޮށް އަދި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދިރުހަމެއް ޞަދަޤާތްކޮށްފިނަމަ، ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާނީ ކޮން ޞަދަޤާތެއް ހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާނީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރި ޞަދަޤާތަށްވުރެ ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހު ކުރި ޞަދަޤާތެވެ.

ޞަޙާބީ ބޭކަލުން ދެންނެވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ! އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ހެއްޔެވެ؟“

 

ޖިހާދުކުރުމަކީ އިސްލާމް ދީނުގެ ކުރި ބޯއްޓެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ﷲ ގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް މެއެވެ.“ އެއީ އެއް ޙާލަތު ފިޔަވައެވެ. ”ﷲ ގެ މަގުގައި ޖިހާދު ކުރުމަށް އެމީހެއްގެ ނަފްސާއި މުދަލާއިގެން ނިކުމެ އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނާންނަ މީހަކު ފިޔަވައެވެ.“

އެއީ އެމީހެއްގެ ނަފްސާއި އަދި އެމީހެއްގެ އަހާއި ދަތުރުގެ ސާމާނު ފަދަ މުދަލާއެކު ޖިހާދަށް ނިކުމެ، ޝަހީދުވެ މީގެން އެއްވެސް އެއްޗަކާއެކު އެނބުރި ނާންނަ މީހާއެވެ. ޛުލްޙިއްޖާ މަހުގައި ކުރެވޭ އަމަލުތަކަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ މިއީއެވެ. މިނޫން ކޮންމެ ޢަމަލެއް ކޮންމެ ވަޤުތަކު ކުރެވުނަސް، ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހުގަައި ކުރެވޭ ޢަމަލު ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.

މަޞްދަރު: اللقاء الشهري [١٠] رقم ٢١ لابن عثيمين (رحمه الله)

[1] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)

5