މާތްﷲ ގެ ޙަޟްރަތަށް ތެދުވެރި އަޒުމަކާއި އިޚްލާސްތެރި ތައުބާއަކާއެކު ކުރިމަތިލާށެވެ! އޭރުން ތިބާގެ ހިތަށް، ﷲ ހިތްހަމަޖެހުން ވައްދަވާނެތެވެ. އޭރުން ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮރުތައް ﷲ ހުޅުއްވައި ދެއްވާނެތެވެ. އޭރުން ތިބާގެ ނަފްސަށް އަލުން އިތުބާރު ލިބޭނެއެވެ. ތިބާއަށް ސީދާވެގެންވާ މިސްރާބު ހިފޭނެއެވެ. ތިބާއަށް އާމާންކަމާއެކު މި ދުނިޔޭގައި ދަތުރުކޮށް އުޚްރަވީ މަންޒިލަށް ދެވޭނެއެވެ.
ތައުބާ ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭކަމެކެވެ. ޝައިތާނާ އޭނާއަށް ވަސްވާދީ ބުނެއެވެ. ތިބާގެ ކުރިމަތީގައި އަދު ވަގުތު އެބައޮތެވެ. ހާސްވެ ކަންބޮޑުވާކަށް ނުވެއެވެ. ބައެއްފަހަރަށް ޝައިތާނާ އޭނާއަށް ވަސްވާސްދީ މާޔޫސްކޮށްލައެވެ. ނަމަވެސް އަހަރެމެން ﷲގެ ރަޙުމަތުން އުންމީދު ކަނޑާލައިގެން ނުވާނެއެވެ. އަހަރެމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް މާތްﷲ ގެ މަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމެވެ. މާތްﷲ ގެ މަގަށް ރުޖޫއަވެ ތައުބާވެއްޖެނަމަ އެކަލާނގެ ތައުބާ ޤަބޫލު ކުރައްވާ ފާފަ ފުއްސަވައި ދެއްވާނެއެވެ.